ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބު ޢަބްދުﷲގެ މެމްބަރުކަން ގެއްލިފައިވާކަމަށް ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން އަންނަ ހަފުތާ އަށް ފަސްކޮށްފި އެވެ.
ވެރިކަން ކުރާ ޕާޓީ އެމްޑީޕީ އަށް ނިސްބަތްވާ ޔައުޤޫބު ޢަބްދުﷲގ ގޮނޑީގެ މައްސަލަ ފަސްކޮށްފައިވަނީ އެބޭފުޅާ އެގޮތަށް އެދިލެއްވުމުން ކަމަށް ޚަބަރުތަށް ބުނެއެވެ. ސިވިލް ކޯޓުގެ ކުރިގެ ޤާޒީ މުޙައްމަދު ޙަލީމް ހުށައެޅުއްވި މިމައްސަލައިގެ އަޑުއެހުން ފުރަތަމަ ތާވަލު ކޮށްފައި އޮތީ އަންނަ ބުރާސްފަތި ދުވަހަށެވެ، ނަމަވެސް މިހާރު އެމައްސަލަ ތާވަލު ކޮށްފައިވަނީ އަންނަ ހަފްތާގެ ބުދަ ދުވަހަށެވެ.
މެމްބަރު ޔައުޤޫބުގެ މެމްބަރުކަމާއި މެދު ސުވާލު އުފެދި އެމައްސަލަ ކޯޓަށް ހުށަހަޅައިފައިވަނީ ޗާޓަޑް އެކަންޓެންޓުންގެ ޤާނޫނުގެ ދަށުން މިދިޔަ މަހުގެ 14ވަނ ދުވަހު އުފެއްދި މޯލްޑީވްސް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓް ކައުންސިލްގެ މެމްބަރ ކަމާއި ޔައުޤޫބު ހަވާލުވެވަޑައިގެންފާތީއެވެ. ނަމަވެސް މެމްބަރ ކަމާއި މެދު ސުވާލު އުފެދުމުން އޭގެ އަނެއް ދުވަހު ޔައުޤޫބު ވަނީ އެކަންސިލްގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފައެވެ.
ޤާޒީ މުޙައްމަދު ޙަލީމް ހުށައެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ޔައުޤޫބު އެމަޤާމާއި ހަވާލުވެވަޑައިގެންފައވަނީ ޤާނޫނު އަސާސީއާއި ޚިލާފަށް ކަމަށެވެ. ޤާނުނުއަސާސީގެ 73ވަނަ މާއްދާގެ ރ. ގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް އަދާ ކޮށްގެން ނުވާނެ ކަމަށެވެ. އަދި ހަމަ އެމާއްދާގެ ނ. ގައި މެމްބަރުކަން ގެއްލޭ ޙާލަތްތަކުގެ ތެރޭގައި ދަރަނި ނުދެއްކުމާއި އެއް އަހަރަށް ވުރެ ދިގު ޖިނާއީ ހުކުމެއް އައުމާއި ފަނޑިޔާރަކަށް ވުން ހިމެނެއެވެ. 73ވަނަ މާއްދާގެ ރ.ގައި ދައުލަތުގެ އެހެން މަޤާމެއް އަދާކުރުމަކީ މަނާ ކަމެއްކަމަށް އޮތަސް މެމްބަރުކަން ގެއްލޭނެ ކަން ނުވަތަ ނޫންކަން މިމާއްދާގައި ސީދާނެތެވެ.
މިމައްސަލާގައި މެމްބަރު ޔައުޤޫބު އޭނާގެ ދިފާޢުގައި ވިދާޅުވެފައިވަނީ މޯލްޑީވްސް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓް ކައުންސިލްގެ މެމްބަރކަން އޭނާ ޤަބޫލު ކުރެއްވެވީ އެކަމުގައި އެއްވެސް މައްސަލައެއް ނެތްކަމަށް ޤާނޫނީ ލަފާ ލިބިލެއްވުމުން ކަމަށެވެ.
ޤާނޫނުއަސާސީ ގައި ވާގޮތުން މެމްބަރެއްގެ ގޮނޑި ހުސްވެފައިވާ ކަމާއި މެދު ސުވާލު އުފެދިއްޖެނަމަ، ވަކި ގޮތެއް ނިންމާނީ އެންމެ މަތީކޯޓަކުންނެވެ. މިހާތަނަށް މެމްބަރުން ގޮނޑި ގެއްލިފައި ހުރީ ޖިނާއީ ކުށްތައް ސާބިތުވެގެންނާއި ޙުކުމާއި އެއްގޮތަށް ދަރަނި ނުދެއްކުމުންނެވެ. ވަކި މަޤާމެއް ޤަބޫލުކޮްގެން މިގޮތަށް މެމްބަރުކަމާ މެދު ސުވާލު އުފެދުނު މިއީ ފުރަތަމަ ފަހަރެވެ.