އޮސްޓްރޭލިއާއިންވެސް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގަބޫލުކުރަން ނިންމާފައިވާކަމަށް އެގައުމުގެ ޚާރިޖީވަޒީރު ޕެނީ ވޮންގް އަށް ޙަވާލާދީ ރޮއިޓަރސް އިން ޚަބަރުދީފިއެވެ.
އޮސްޓްރޭލިޔާގެ ސިޔާސަތު މިގޮތަށް ބަދަލު ކޮށްފައި މިވަނީ ބައިނަލް އަގްވާމީ އެހެން ގައުމުތަކާއި އެއްހަމައެއްގައި ފައިތިލަ ސާބިތު ކުރުމުގެ ބޭނުމުގައި ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވެފައި ވެއެވެ. އެކަމަނާ ވިދާޅުވެފައިވަނީ އިސްރާއީލާއި ފަލަސްތީނުގެ ޒަމާންވީ ދެކޮޅުވެރިކަން 2 ދައުލަތެއް އުފެދިގެން މެނުވީ ޙައްލު ނުކުރެވޭނެ ކަމަށާއި އަދި އިސްރާއީލަށްވެސް ކުރިމަގުގައި އެންމެ ފައިދާހުރި ގޮތަކަށްވާނީ އަވަށްޓެރިންނާއި އެކުގައި ދިރިއުޅެން ދަސްކުރުމުން ކަމަށެވެ.
އެކަމަނާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވެފައިވަނީ އިނގިރޭސި ޚާރިޖީ ވަޒީރު ޑެވިޑް ކެމަރޫންގެ ވާހަކަ ފުޅުގައި ވިދާޅުވެފައިވާ ފަދައިން ޔުނައިޓެޑް ނޭޝަންސްގެ ތެރެއިން އެންމެ ފުރަތަމަ ފަލަސްތީނުގެ ދައުލަތް ރަސްމީގޮތުން ގަބޫލުކުރުން އިއުލާން ކުރުމަށް އޮސްޓްރޭލިއާއިންވެސް ތާޢީދު ކުރާނެ ކަމަށެވެ.
ދެން އެގޮތަށް ހަމަޖެހުމުން އަލުން އެނޫންގޮތަކަށް 2 ދައުލަތް އުފެއްދުމުގެ މައްސަލާގައި ވާހަކަ ދެއްކުމުގެ ފުރުސަތު އެއްވެސް ގައުމަކަށް ނޯންނާނެ ކަމަށެވެ. ބައިނަލް އަގްވާމީ ގޮތުން މިހާރު ކުރިއަށްދާ 2 ދައުލަތް އުފެއްދުމުގެ މަޝްވަރާތަކަށް އޮސްޓްރޭލިއާއިން މަރުޙަބާ ކިޔާކަމަށްވެސް އޮސްޓްރޭލިއަން ނޭޝަނަލް ޔުނިވަރސިޓީގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވިއެވެ.
އިސްރާއީލާއި ފަލަސްތީނުގެ 2 ދައުލަތް އުފެއްދުމަކީ މިހާތަނަށް ބައިނަލް އަގްވާމީ ގޮތުން ކުރެވެމުންދިޔަ ކޮންމެ މަޝްވަރާއެއްގައިވެސް މައިގަނޑު އަސާސެވެ.އެހެންނަމަވެސް ދިމާވަމުންދިޔަ ސަބަބު ތަކަކާއިހުރެ މިއަދާހަމަޔަށްވެސް އެކަމަށް އަމަލީ ސިފަ ގެނެވިފައި ނުވަނީއެވެ.
ނަތީޖާއަކަށް ވެގެން މިދަނީ ލޭއޮހޮރުވުންތައް ގިނަވެ އާންމު ރައްޔިތުންނަށް އުފުލަން ނުކުޅަދާނަ ގިނަ ތަކްލީފްތަކަކާއިކުރިމަތިލާން ޖެހުމެވެ. ގެދޮރު ނެތިގޮސް އިންސާނީ ތާރީޚު ނުދެކޭފަދަ އަނިޔާވެރި ކަމުގައި އަނބިދަރިން ދުނިޔެ ދޫކޮށް ދާންޖެހި އާބާދީތައް ވީރާނާވެ ވިއްސިވިހާލިވެގެން ދިއުމެވެ.
ފަލަސްތީނުން ބޭނުންވާ މިނިވަން ދައުލަތަކީ 1967ހަނގުރާމައިގައި. އިސްރައީލުން ހިފާފައިވާ ހުޅަނގު އައްސޭރިއާއި ގައްޒާ އާއި އަދި އިރުމަތީ ޖެރޫސަލް އެވެ. ފަލަސްތީނުގެ މިނިވަން ދައުލަތަކަށް އިސްރާއީލުން ތާއީދު ނުކުރާނެކަން ރަސްމީގޮތުން އިއްޔެ ވަނީ ޢިއުލާންކޮށްފައެވެ.
ހުޅަނގުގެ ގައުމުތަކުގެތެރޭގައި ފަލަސްތީނުގެ މިނިވަންދައުލަތަކަށް ރުހުން ހޯދުމަށްޓަކައި އެންމެ ބޮޑަށް މަސައްކަތްކުރަމުން ގެންދަނީ ސްޕޭނުންނެވެ.
2011 ވަނަ އަހަރު ޔުނައިޓެޑް ނޭޝަންސްގެ ސެކިއުރިޓީ ކައުންސިލުން އިން ފަލަސްތީނަށް ދީފައިވާ ނޮން-މެމްބަރ އޮބްޒަރވަރގެ ޙައިސިއްޔަތު އަލުން މުރާޖަޢާކޮށް އެ ޖަމްއިއްޔާގެ ފުރުހަމަ މެމްބަރަކަށް ވުމުގެ އެޕްލިކޭޝަން މިދިޔަ ހަފުތާގައި ވަނީ ހުށައަޅާފައެވެ. އަދި މިހާރު އެ އެޕްލިކޭޝަން އެޑްމިޝަން ކޮމިޓީއަށް ފޮނުވާފައިވާކަމަށް ސެކިއުރިޓީ ކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފައެވެ.