ސުލްޙައަށްޓަކައި ޔޫކްރެއިނަށް ފިއްތުން ކުރިމަތި ކުރާނަން- ޓްރަމްޕް

Loading

Facebook
Twitter
WhatsApp

މިއަންނަ ނޮވެމްބަރު މަހުގައި ބޭއްވޭ އިންތިޚާބު ކާމިޔާބު ކުރުމަށްފަހު ޑޮންބަސްގެ ބޯޑަރ ސަރަޙައްދާއި ކްރީމިއާ ރަޝިޔާއަށް ދޫކޮށްލައިގެން ސުލްޙަގާއިމް ކުރަން ޔޫކްރެއިނަށް ފިއްތުން ކުރިމަތި ކުރުވާނެކަމަށް ރިޕަބްލިކަންގެ ރިޔާސީ ކެންޑިޑޭޓް ޑޮނާލްޑް ޓްރަމްޕް ތައްޔާރަށް ހުރިކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެފިއެވެ.

ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރ އޯރބަން އާއިއެކު ޑޮނާލްޑް ޓްރަމްޕް ބޭއްވި ބައްދަލު ކުރެއްވުމަކަށްފަހު އޯރބަން ވިދާޅުވީ ޓްރަމްޕްގެ ރިޔާސަތުގައި ޔޫކްރެއިނަށް އެމެރިކާއިން ފޯރުކޮށްދޭ އެހީގެ އިސްކުރު އެއްކޮށް ބަންދުކޮށްލާނެ ކަމަށެވެ. ޔޫކްރެއިނަށް ލޯ ލާރިއެއްގެ އެހީވެސް ނުދޭނެއެވެ.

ވޯޝިންގްޓަން ޕޯސްޓުން ބުނެފައިވަނީ ޓްރަމްޕް އަށް އިންތިޚާބު ކުރެވޭތާ 24 ގަޑިއިރު ތެރޭގައި ރަޝިޔާއާއި ޔޫކްރެއިނާއެކު ސުލްޙައިގެ ވާހަކަތައް ފައްޓަވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. މިކަމަށްޓަކައި މަގުޗާޓެއްވެސް މިހާރު ވަނީ އެކުލަވާލާފައެވެ.     

ޓްރަމްޕުގެ މަގުޗާޓުގައި ޔޫކްރެއިނަށް އެމެރިކާއިން މިހާރު ފޯރުކޮށްދެމުން ގެންދާފަދައިން އެހީ ފޯރުކޮށްދިނުން އޮތީ އެއްކޮށް އުނިކޮށްލާފައެވެ.

ކުރީގެ ރައީސް ޓްރަމްޕްގެ މަގުޗާޓާއި ދައްކަވާ ވާހަކަފުޅު ތަކުގައިވެސް ރަޝިޔާއާއި ޔޫކްރެއިން ސުލްޙަ ކުރުވާނެ ފޯމިއުލާއެއް ބުނެދީފައެއް ނުވެއެވެ. ބޭނުން ފުޅުވަނީ ޔޫކްރެއިނަށް ފިއްތުންތައް ކުރިމަތިކޮށްގެން ސުލްޙައަށް އެއްބަސް ކުރުވަން ކަމަށް ބެލެވެއެވެ.

ހަންގޭރީގެ ބޮޑުވަޒީރު ވިދާޅުވެފައިވާ ފަދައިން ހުޅަނގުގެ އެހީއާއި ނުލައި ޔޫކްރެއިން މިއަދުގެ ޙާލަތުގައި އަމިއްލައަށް ހަނގުރާމަ ދެމެހެއްޓުމަކީ ނުކުރެވޭނެ ކަމެކެވެ.

ޓްރަމްޕްގެ ކެމްޕޭން ޓީމުން ބުނެފައިވަނީ ޓްރަމްޕްގެ ނަމުގައި ދައްކާ ގިނަ ވާހަކަތަކަކީ މަޢުލޫމާތު ފުރިހަމައަށް ނުހޯދާ ދައްކަމުން ގެންދާ ވާހަކަ ތަކެއް ކަމަށެވެ.

ވޯޝިންޓަން ޕޯސްޓުން ޓްރަމްޕްގެ ވާހަކަތަކަށް ޙަވާލާ ދީ އިތުރަށް ބުނެފައިވަނީ ރަޝިޔާއާއި ޔޫކްރެއިނުންވެސް ހަނގުރާމައިގެ ނާކާމިޔާބީ ބޮލުގައި އަޅައި ފަޟީހަތްވާކަށް ބޭނުމެއް ނުވާނެކަމަށެވެ. އަދި ސުލްޙައިގެ މޭޒު އިޚްތިޔާރު ކުރުމަކީ ދެ ގައުމަށްވެސް އެންމެ ރަނގަޅުގޮތެވެ.  

ކޮންގްރެސްގެ ތެރޭގައިވެސް ޔޫކްރެއިނަށް އެހީވެދިނުމަށް ބޭނުން ނުވާރިޕަބްލިކުންގެ މެމްބަރުން ވަރަށް ގިނައެވެ. އެ މެމްބަރުން ދެކޭގޮތުގައި އެމެރިކާގެ އެތެރޭގެ ބޭނުންތައް ޙައްލުކުރުމަށް ޓަކައި ގިނަ ފައިސާއަށް ވަނީ ބޭނުން ޖެހިފައެވެ.

ސައުތު ކެރޯލީނާގެ ސެނެޓަރ ފަދައިން ކޮންމެވެސް ވަރަކަށް ނަގޫ ފިތިފައިތިބި ބައެއް މެމްބަރުންވެސް ތިބި ކަމަށްވެއެވެ.

މި ކަންތައް މިގޮތަށް އޮތްނަމަވެސް ޕެންޓަގަނުން ޚަރދުތައް ކުޑަކޮށްގެން ސަލާމަތްކުރެވުނު ފައިސާކަމަށްބުނެ 300 މިލިއަން ޑޮލަރުގެ އެހީއެއް ޔޫކްރެއިނަށް ބައިޑަން ވަނީ ފޯރުކޮށް ދީފައެވެ.

ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖެކް ސުލިވާން ބުނެފައިވަނީ ފޯރުކޮށްދިން 300 މިލިއަން ޑޮލަރުގެ އެހީ ބޭނުންކޮށްގެން ކުޑަދުވަސްކޮޅަކަށް ޙަމަލާތައް ދެމެހެއްޓޭނެ ކަމަށެވެ.    

Loading

2 Responses

  1. ހަމަ ހުވަޔޭ ބުނާގޮތަކަށް ވެރިކަން ލިބުނީމާ ޢަމަލެއް ނުކުރާނެއެވެ. ކުރީފަހަރުވެސް އިސްލާމްދީނާއި ނުރުހުންވެގެން އިސްލާމް ފޯބިއާގައިޖެހިގަނެގެން އިސްލާމީ ގައުމުތަކުން އެމެރިކާއަށް މީހުން މައިގްރޭޓް ނުކުރޭވޭގޮތް ހަދާލާނަމޭ ބުނެ އިސްލާމް ދީނާއި ދެކޮޅު މީހުންގެ ވޯޓްތައްވެސް ހޯދައިފާ ވެރިކަން ލިބުނީ ފުރަތަމަ ގައުމުން ބޭރަށް ކުރިދަތުރު ދިޔައީ ސަޢޫދީ ޢަރަބިޔާއަށެވެ. ގޮސް ކަނޑި ހިފައިގެން ނަށާފަ ސައޫދީ ވެރީންގެ ބޮލަށް ޗިޕްޖަހައިގެން 10ވަރަކަށް ޑޮލަރު ބިލިއަނަސް ގެ ހަތިޔާރު ވިއްކީއެވެ.
    ހުރިހާ ނުބަޔެއްގެ އައްޕައަކީ ހަމަ އެމެރިކާގެ ވެރީންނެވެ. އެމެރިކާއަކަށް ރަނގަޅު އެއްގޮތެއްވެސް ނެތެވެ. މި ބޭންކެރަޕްޓް ޓްރަންޕާއި އެއުޅޭ ވާނުވާނޭގެ ބައިޑަން ނޫން މީހެއް ނެތެވެ. ގިނަމީހުން ދައްކާނީ ބަނގްލަދޭޝްގެ ވެރީން ހަސީނާ އާއި ބޭގަން ޚާލިދާގެ ވާހަކައެވެ. ހަމް ދެމީހުން ނޫނީ އެތާވެސް ވެރިކަމަށް ކުފޫހަމަވާ މީހެއްނެތެވެ. އެމެރިކާގެ ޙާލަކީވެސް މިއަދު އެއީއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް