ފަލަސްތީނުގެ އިސްލާމިކް ޖިހާދުގެ ލީޑަރ ޒިޔާދު އަލް ނަޚާލާ އެ ޖަމާޢަތަށް އީރާނުން ފޯރުކޮށްދެމުން ގެންދާ އެހީ އާއި މަދަދަށްޓަކައި ޝުކުރުވެރިވެ ވަޑައިގަންނަވާކަން ހާމަކުރައްވައިފިއެވެ.
އެމަނިކުފާނު ވިދާޅުވީ އީރާނުގެ ދެމެހެއްޓެނިވި ތާއީދާއި އެއްބައިވަންތަކަން އެއީ އަލް އަގްސާ ފްލަޑް އޮޕަރޭޝަންގައި ސާބިތުވެ ތިބުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. މިލިޓްރީ ސިޔާސީ އަދި އެހެނިހެން ދާއިރާތަކުގައި ފާއިތުވެގެން މިދާ ގިނަ އަހަރު ތަކެއްގައި އީރާނުން ފޯރުކޮށްދެމުން ގެންދާ ތާއީދާ އެހީ ހިތް ހެޔޮ ކަމާއިއެކު ބަލައިގަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އީރާނުގެ ތާއީދާ އެހީތެރިކަމާ ނުލައި ފަލަސްތީނު މިނިވަން ކުރުމުގެ ޖިހާދަކީ ވަރަށް އުދަނގޫ ކަމަކަށް ވާނެއެވެ. މިދުވަސްވަރު އެމަނިކުފާނާއި ޙަމާސްގެ ލީޑަރ އިސްމާއީލް ހަނިއްޔާ ވަޑައިގެން އުޅުއްވަނީ އީރާންގެ ވެރިރަށް ތެހެރާނުގައެވެ.
އެ ދެބޭފުޅުން އީރާނުގެ އެންމެ އިސް ވެރިންނާއޮ ބައްދަލުކުރެއްވުމުގެ އިތުރުން ދީނީ އިމާމް އާޔަތު ﷲ ޢަލީ ޚާމަނާއި އާއިވެސް ބައްދަލު ކުރައްވާނެއެވެ.
އީރާނަކީ ޙަމާސް އަށާއި އިސްލާމިކް ޖިހާދަށް އެންމެ ބޮޑަށް ވާގިވެރިވެދެމުންގެންދާ ގައުމެވެ. އީރާނުން ދެކޭގޮތުގައި ފަލަސްތީނުގެ ރައްޔަތުން ކަތިލަމުން ގެންދާއިރު ބޭސްކޮޅަކާއި ބެންޑޭޖް ސަޕްލައިކޮށް ދިނުމަކުން ނުފުދޭނެއެވެ. އެމީހުނަށް އެމީހުންގެ ގައުމު ދިފާޢުކުރެވޭނެ ވާގިވެރިކަމާއި ސަޕޯޓް ލިބިދޭން ޖެހެއެވެ.
އިސްރާއީލުން ގައްޒާއަށް އަރައިގަތްފަހުން އިސްމާޢީލް ހަނިއްޔާ އީރާނަށް ވަޑައިގެންނެވި މިއީ ދެވަނަ ފަހަރެވެ.
އިސްލާމިކް ޖިހާދަކީ މެދުއިރުމަތީގައި އެމެރިކާއާއި އިސްރާއީލާ ދެކޮޅަށް އެންމެ ވަރުގަދައަށް ޙަރަކާތްތެރި ވަމުންދާ ޖަމާއަތް ކަމުގައި ވަނީ ފާހަގަ ކުރެވިފައެވެ. އެހެންނަމަވެސް ޙަމާސްއަކީ ހުރިހާގޮތަކުންވެސް މެދުއިރުމަތީގައި އެންމެ ބާރުގަދަ މުޖާހިދުން ކަމުގައި ހުޅަނގުގެ ގައުމުތަކުން ޢިއްތިރާފް ވެއެވެ.
އެންމެފަހުގެ ޚަބަރުތައް ބުނާގޮތުން ސޫރިޔާގައި ހުންނަ އީރާނުގެ އެމްބަސީއަށް ޒައަނިސްޓް އިސްރާޢީލުން ޙަމަލަދީ އެމްބެސީ ފުނޑާލުމުގެ އިތުރަށް އެމްބަސީގައި ހުންނަވާ އީރާނުގެ ކޮމާންޑަރެއްވެސް މިވަނީ މަރާލައިފައެވެ.