ހުޅުމާލޭގައި އިސްރަށްވެހިންގެ ނާދީ ތަރައްގީކުރުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު ފަހުމުނާމާއެއްގައި އިއްޔެ ސޮއިކޮށްފިއެވެ.
އެޗްޑީސީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ.ޢާއިޝަތު ޝިހާމެވެ.
އެޗްޑީސީއިން ބުނީ އިސްރަށްވެހިންގެ ނާދީ ތަރައްގީކުރުމުގެ ފަހުމުނާމަގައި އިއްޔެ ސޮއިކުރިއިރު، އެ ކޯޕަރޭޝަނުން ވަނީ ނާދީ ތަރައްގީކުރުމުގެ މަސައްކަތް ދުރާލައި ފަށާފައި ކަމަށާއި އެތަނުގެ 90 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިއީ އެ ކޯޕަރޭޝަންގެ ސީއެސްއާރުން ތަރައްގީ ކުރާ ޕްރޮޖެކްޓެއް ކަމަށެވެ.
އިސްރަށްވެހިންގެ ނާދީ ތަރައްގީކުރަނީ ހިޔާ ޓަވަރު 8 ގައެވެ. ނާދީ ހިންގުމުގެ ކަންކަން ބަލަހައްޓާނީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އިންނެވެ.
އެޗްޑީސީއިން ބުނީ މި ނާދީގައި އިސްރަށްވެހިންގެ އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށެވެ. އަދި އިސްރަށްވެހިންގެ ސިއްހީ ބޭނުންތަކާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރި ކުރުމުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
One Response
ފަހުމްނާމާ ކިޔަސް އެމް.އޯ.ޔޫ ކިޔަސް ގިނަފަހަރަށް ތިކަހަލަ ފަހުންނާމާ ބަދަލުވެފައިވަނީ ބޮޑު ނާމާން ކަމަކަށެވެ. ރައްޔަތުންނަށް އަވާމެންދުރު ދެއްކުމަކަށެވެ. އެހެންނުވާނެގޮތަކަށް ކުރެވޭފެންވަރުގެ ބަޔަކާ ކުރެވޭވެރު ކަމެއް ޙަވާލު ކުރައްވައްޗެވެ. ބާރަށް ކުރިއަށް.