މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަލަށް ފަށާ ”ސީ-ޓު-އެއަރ“ ކާގޯ ޓްރާންސްޝިޕްމަންޓް ގެ ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާތަކެއްގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އާއި، ޓާކިޝް އެއާލައިންސް އާއި މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) އާއެކު ސޮއިކޮށްފިއެވެ.
މި ފަހުމުނާމާތަކުގައި ސޮއިކުރީ މީރުމާގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
އެމްޕީއެލްއިން ޓާކިޝް އެއާލައިންސްއާއެކު ސޮއިކުރީ ”ސީ-ޓު-އެއަރ“ ޓްރާންޝިޕްމަންޓް ޚިދުމަތުގެ ކާގޯ ޕާޓްނަރެއްގެ ގޮތުގައެވެ. އެމްއެސްއެސްއާއެކު ފަހުމުނާމާއެއް ހެދީ ކެރިއަރ ޕާޓްނަރަކަށްވުމަށެވެ. އަދި އެމްއޭސީއެލްއާއެކު ފަހުމުނާމާއެއް ހެދީ ”ސީ-ޓު-އެއަރ“ ޚިދުމަތް ފޯރުކޮށްދިނުމުގައި ދެ ކުންފުނިން އެއްބާރުލުން ދިނުމަށާއި ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ގޮތުންނެވެ.
ޓާކިޝް އެއާލައިންސްއާއެކު ބަދަލުކުރި ފަހުމުނާމާގައި އެ އެއާލައިންގެ ފަރާތުން ސޮއިކުރެއްވީ އެ އެއާލައިނުން ރާއްޖެއަށް ކަނޑައަޅާފައިވާ އޭޖެންޓް، އެކްސްޕެޑައިޓް މޯލްޑިވްސް މެނޭޖިން ޑިރެކްޓަރު ޢަލީ ޠާރިޤް.
އެމްއެސްއެސްއާއެކު ބަދަލުކުރި ފަހުމުނާމާގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް.
އެމްއޭސީއެލްއާއެކު ބަދަލުކުރި ފަހުމުނާމާގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު މުޙައްމަދު މިހާދު.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު ވަނީ މި ޚިދުމަތަކީ އެމްޕީއެލްގެ އިތުރުން ރާއްޖޭގެ އިގުތިސާދަށް ވެސް ފައިދާކުރާނެ ޚިދުމަތެއްކަން ފާހަގަކުރައްވައިފައެވެ. އަދި މި ސަރުކާރުން ދިވެހި އިގުތިސާދު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި އެމްޕީއެލްއަށް މުހިންމު މަސައްކަތްތަކެއް ހަވާލުކުރެވިފައިވާ ކަމަށާއި އެގޮތުން މި މަސައްކަތްކުރަނީ އެކަންތައްތައް ހާސިލު ކުރުމަށް ކަމަށް ވަޖީހު ވިދާޅުވިއެވެ.
ޓާކިޝް އެއާލައިންސްގެ ރީޖަނަލް ކާގޯ މެނޭޖަރ ބިލާލް އޮކުޗް ދެއްކެވި ވާހަކައިގައި ވަނީ އެ އެއާލައިންގެ އަމާޒަކީ އެމްޕީއެލްއާ ގުޅިގެން ރާއްޖެއަކީ ސީ-ޓު-އެއަރ ޓްރާންޝިޕްމަންޓްގެ ހަބަކަށް ހެދުން ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު އެ އެއާލައިނުން މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ލަންކާ ކަމަށާއި އެކަމަކު މިހާރުވެސް އެ އެއާލައިނުގެ ޑިމާންޑަށް ލަންކާއަށް ކޭޓަރ ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
“އެހެންވެ އަޅުގަނޑުމެން ބޭނުންވަނީ މި ޚިދުމަތަށް ރާއްޖެ ބޭނުންކުރަން“ ބިލާލް ވިދާޅުވިއެވެ.
މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ”ސީ-ޓު-އެއަރ ކާގޯ ޓްރާންސްޝިޕްމަންޓް“ގެ ޚިދުމަތް ފަށާފައިވާކަން އެމްޕީއެލްއިން ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.
ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ ވައިގެ މަގު އަދި ކަނޑު މަގު ބޭނުންކޮށްގެން، މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމަށް ތައާރަފުކުރާ ފަސޭހަ އަދި އަވަސް ޚިދުމަތެކެވެ. އަދި މި ހައިބްރިޑް މޮޑެލްގެ ސަބަބުން މި ސަރަޙައްދުގެ ވިޔަފާރިތަކާއި ސިނާއަތްތަކުގެ ބޭނުންތައް ފުއްދައިދީ، މުދާ އުފުލުމުގެ ޚިދުމަތް އަވަސް އަދި ހަރުދަނާ ގޮތެއްގައ ބެލެހެއްޓިގެން ދާނެކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.
މި ޚިދުމަތް ކުރިއަށް ގެންދާނީ އެމްޕީއެލްއާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަދި ބައިނަލްއަގުވާމީ އެއާލައިންތައް ގުޅިގެންނެވެ.
މިއީ އެކި ބާވަތުގެ މުދާ އެކްސްޕޯޓްކުރާ ގައުމުތަކުން، ބައެއް މަންޒިލްތަކަށް އަވަހަށް މުދާ ފޯރުކޮށްދިނުމުގައި ބޭނުންކުރެވޭނެ ޚިދުމަތެއްކަން ފާހަގަކޮށް އެމްޕީއެލްއިން ބުނީ ރާއްޖެއަށް މި ޚިދުމަތް ފޯރުކޮށްދިނުމުގައި އޮތް އެންމެ ބޮޑު ފައިދާއަކީ ވައިގެ މަގުން ގިނަ ގައުމުތަކުން (ޔޫރަޕްގެ ގިނަ މަންޒިލުތައް ހިމެނޭހެން) ރާއްޖެއަށް ފްލައިޓްތައް ދަތުރުކުރުން ކަމަށެވެ.
ފޮޓޯތައް: އެމްޕީއެލް