ސިންގަޕޯރުގައި ހުންނަ އިސްރާއީލުގެ އެމްބަސީގެ ފޭސްބުކް ޕޯސްޓުން ފިތުނެއުފެދޭ ކަމަށްބުނެ އަދި އެއީ ގަބޫލު ނުކުރެވޭނެކަމެއް ކަމަށާއި އެ ޕޯސްޓު ނެގުމަށް ސިންގަޕޯރު ސަރުކާފުން އިސްރާޢީލުގެ އެމްބަސީއަށް އަންގައިފިއެވެ.
ބުލޫމްބާރގުން ބުނެފައިވާ ގޮތުގައި ސިންގަޕޯރާއި އިސްރާއީލާ ދެމެދު ވަރަށް ގާތް ރަޙުމަތްތެރި ގުޅުމެއް އުފެދިފައިއޮތް ނަމަވެސް އިސްރާއީލު އެމްބަސީގެ ފޭސްބުކް އެ ޕޯސްޓުގެ ސަބަބުން ސިންގަޕޯރުގެ ސަލާމަތާ ރައްކާތެރިކަމަށް ބުރޫ އަރާފާނެތީ އެފަދަ ކަމަކަށް ސިނަގަޕޯރުން ފުރުސަތު ދޭކަށް ބޭނުމެއް ނުވެއެވެ.
އިސްރާއީލު އެމްބަސީގެ ފޭސްބުކް ޕޯސްޓުގައި އޮތީ ކީރިތި ގުރުއާނަށް ޙަވާލާ ދީ އިސްރާއީލާއި އަދި ފަލަސްތީނުގެ ދައުލަތާއި ގުޅޭގޮތުން ޔަހޫދީން ބޭނުންވާގޮތަށް ޗާޓު ކުރަހައި ލިއެކިއުންތައް ތަރުޖަމާކޮށްފައެވެ. އޭގެ އިތުރުން ކުރީ ޒަމާނުއްސުރެން އެސަރަހައްދުގައި ދިރިއުޅެމުން އައީ ޔަހޫދި މީހުންގެ ނަސްލު ކަމަށް ބުނެ އެއީ މިހާރު އެތަނުގައި އުޅެމުން ގެންދާ ޒައަނިސްޓް އިސްރާއީލާގުޅުވަން މަސައްކަތްކޮށްފާ ވެއެވެ.
ސިންގަޕޫރުގެ މި އަމުރާއިއެކު އިސްރާއީލު އެމްބަސީގެ ފޭސްބުކް އެ ޕޯސްޓް މިހާރުވަނީ ނަގާފައެވެ.
ސިންގަޕޯރުގެ ދާޚިލީ ވަޒީރު ކޭ. ޝަންމުގަމް ރިޕޯރޓަރުންނަށް ވިދާޅުވެފައިވަނީ އިސްރާއީލު އެމްބަސީގެ ފޭސްބުކް ޕޯސްޓުގައި ހިމެނޭ ވާހަކަ ތަކަކީ އެއްވެސް ޙާލެއްގައި ސިންގަޕޯރުން ބަލާގަންނާނެ ވާހަކަތަކެއް ނޫންކަމަށެވެ.
އެކަމުގެ ސަބަބުން މި ގައުމުގައި ދިރިއުޅެމުންގެންދާ ޔަހޫދީ ދަރިފަސްކޮޅުގެ މީހުންނަށްވެސް ނުރައްކަލާ ކުރިމަތި ލާން ޖެހުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. އަދި އޭގެ ނުރައްކާތެރިކަން މުޅި ސިންގަޕޯރަށް ފެތުރިގެން ދިއުމުގެ ބިރުވެރިކަންވެސް ކުޑައެއް ނޫނެވެ.
ސިންގަޕޯރަކީ މައިގަނޑު ގޮތެއްގައި ޗައިނާ ދަރިފަސްކޮޅުގެ އާބާދީ ގިނަ ގައުމެއް ނަމަވެސް ގިނަ އަދަދެއްގެ މެލޭ ނަސްލުގެ މީހުންވެސް ދިރިއުޅެމުން ގެންދާ ގައުމެކެވެ. އަދި މެލޭ ދަރިފަސްކޮޅުގެ މީހުންނަކީމުސްލިމުންކަމުގައި ވާއިރު ސިންގަޕޯރގެ ރައީސްއަކީ ވެސް މުސްލިމް އަންހެނެކެވެ.
ސިންގަޕޯރުގެ އެންމެ އަވަށްޓެރި ދެ ގައުމު މެލޭޝިޔާއާއި އިންޑޮނޭޝިޔާއަކީ މުސްލިމް އާބާދީގެ ބޮޑު އަޣްލަބިއްޔަތު އޮންނަ ދެ ގައުމެވެ. އެ ދެ ގައުމުން މިހާރުވެސް ގެންދަނީ އިސްރާއީލާއި ޙަމާސްގެ ހަނގުރާމައިގާ އިސްރާއީލާ ދެކޮޅަށް ގިނަ އެއްވުންތައް ބާއްވަމުންނެވެ.
ސިންގަޕޯރުގައި ދާޚިލީ ހަމަޖެހުމާއި ދީނީ އެއްބައިވަންތަކަން ކަށަވަރު ކުރުމަށްޓަކައި ވަރުގަދަ ގާނޫނުތައް ހެދި ތަންފީޒު ކެރެވެމުން ގެންދެއެވެ. ފޭސްބުކް ޕޯސްޓާ ގުޅިގެން ސިންގަޕޯރުގައި ހުންނަ އިސްރާއީލުގެ އެމްބަސީން ބުނެފައިވަނީ މިކަންތައްއެމްބަސީންވެސް ގަބޫލު ކުރާ ކަމަށެވެ. އަދި މިފަހަރު ދިމާވެގެން އުޅޭ މައްސަލާގައިވެސް މިހާރު ފިޔަވަޅު އަޅާފައިވާނެކަމަށް ބުނެފައި ވެއެވެ.
ކުރީގެ ބޮޑުވަޒީރު ލީކްއާންޔޫގެ ދުވަސްވަރު ސިންގަޕޯރުގެ އާރމްޑް ފޯސަސް އުފެއްދުމުގައި އިސްރާއީލުން ވަރަށް މުހިންމު ދައުރެއް ވަނީ އަދާކޮށްފައެވެ. އެހެންނަމަވެސް މިހާރު ކުރެވެމުންދާ ހަނގުރާމައިގާ އިސްރާއީލުން ދެމުންގެންދާ ޙމަލާތަކުގައި އާންމު ރައްޔިތުންނަށް ލިބެމުންދާ އަނިޔާއާއި ގެއްލުންތަކާ ދޭތެރޭ ސިންގަޕޯރުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އިސްރާއީލާއި ޙަމާސްއާ ދެމެދު މިހާރު ކުރެވެމުންދާ ހަނގުރާމައިގާ ސިންގަޕޯރުގެ ޚާރިޖީ ވަޒީރު ވިވިއަން ބާލަކްރިޝްނަން ވިދާޅުވަފައިވަނީ އިސްރާއީލުގެ ޙަމަލާތައް ހައްދުފަހަނަޅައި ހިގައްޖެ ކަމަށެވެ.
މިދިޔަ ހަފުތާގައި ސިންގަޕޯރުންވެސް ވަނީ ގައްޒާއަށް ވައިގެ މަގުން އެހީތައް ފޯރުކޮށްދީފައެވެ.
One Response
ސިންގަޕޫރު ސިންގަޕޫރަކަށް ވަނީ ތިހިންވެގެނެވެ. ސަމަސަ މަސްކާށިކުޅި ކުޅުން އެކަކަށްވެސް ޖާގަނުދޭތީއެވެ. ކޮންމެ ކަމެއްގައިވެސް ބެސްޓް ޕްރެކްޓިސް.
ސާބަސް ސިންގަޕޫރް