މިދިޔަ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު މިއަދު ވިދާޅުވީ ކުންފުންޏަށް އިންތިހާއަށް ގެއްލުންވާ ގޮތަށް ބީއޯކިއުއެއް އަދި މާކެޓްގައި މި މަސައްކަތްތައް ކުރެވޭނެ އަގަށް ބެލުމެއްނެތި އަދި އެސެސްމެންޓެއްވެސް ނަހަދައި މަގާމުގެ ނާޖާއިޒު ފައިދާ ނަގައި އިންހައުސްކޮށް ކޮށްފައިވާ 60 ކޮންސްޓްރަކްޝަން ޕްރޮޖެކްޓުގެ ތެރެއިން 25 ޕްރޮޖެކްޓުގެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވާ ކަމަށެވެ.
މި ޕްރޮޖެކްޓްތަކުން ފެނަކައަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށާއި އަދި އެތައް ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދެވި ކުންފުނި ދަރާފައިވާ ކަމަށް މުޢާޒު ވިދާޅުވިއެވެ.
“ޒިންމާ ވާންޖެހޭ ފަރާތްތަކުގެ މައްސަލަ ލަސްނުކޮށް ބަލައި ގާނޫނީ ފިޔަވަޅު އަޅަންޖެހޭ“
މުޢާޒު ކުރިން ވިދާޅުވި ގޮތުގައި 4.3 ބިލިއަން ރުފިޔާއިން ފެނަކަ އޮތީ ދަރަނިވެރިވެފައެވެ. އަދި އެ ފައިސާގެ ތެރެއިން ބޮޑު ބަޔަކީ އެސްޓީއޯއަށް ދޭންޖެހޭ ފައިސާ ކަމަށެވެ.
އެގޮތުން ފެނަކައިން އެސްޓީއޯއަށް 2 ބިލިއަން ރުފިޔާ ދޭންޖެހޭ ކަމަށް މުއާޒު ވިދާޅުވެފައިވެއެވެ.
މީގެއިތުރުން މިދިޔަ ސަރުކާރުން ފެނަކަ ބޭނުންކޮށްގެން ހަމައެކަނި ދަތުުރުފަތުރަށް ވެސް މިދިޔަ އަހަރު 117 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މުޢާޒު ވިދާޅުވެފައިވެއެވެ.
ފެނަކައިގެ އެމްޑީ މުޢާޒު. ފޮޓޯ: އަވަސް
One Response
ކޮންމެ ބަޔަކުވެސް ދައުލަތާއި ހަވާލުވެފައި ކުރީ ސަރުކާރުގެ ވައްކަން ފަސާދައިގެ ވާހަކައިން ބޯހަލާކުކޮއްލައެެވެ. ދެން 3 އަހަރެއްހާ ދުވަހުން ހައްތާވެސް އިވޭނީ ކުރީ ސަރުކާރަށްވުރެ މި ސަރުކާރުގެ ވައްކަމާއި ފަސާދައެވެ. ދައްކާނީ ރައްޔިތުންގެ ފައިސާއިން ސިޔާސީ ފިތުނަ ހިންގާ ޕާޓީތަކުންނެވެ. މި ނޫން ގޮތަކަށް 2008އިން ފެށިގެނެއް އަދި ފެނިފައެއް ނެތެވެ. އެ ހުރިހާ ވައްކަމާއި ފަސާދައިގެ ވާހަކަ ދައްކައިގެން އަންނަ ސަރުކާރަކުން ކުރީގެ ސަރުކާރެއްގެ ވައްކަމެއް ބެލިފައެއް ނެތެވެ. އޭގެ އެންމެ ބޮޑު މިސާލު އެމްޑީޕީގެ ނިމިދިޔަ ސަރުކާރެވެ. އެއޮށްގޮވި އެއްޗެހި ދެކެބަލާށެވެ. އެމްއެމްޕީއާރްސީީއޭ ފ.އަތޮޅޭ ޗައިނާ ބޭސްއޭ ކިޔައި ދެން ނުގޮވާކަ ޙަޔާތެއް ނެތެވެ. 5 އަހަރު ދުވަސް ނިންމާލައިފާ އެދިޔައީ ހަމަ އެންމެ އެފަދަ ކަމެއް ނުބަލައެވެ. ބެލޭނީ ކިހިނެއްތޯއެވެ. ގިތޮޔޮ ފުޅިޔަށް އަތް ނުބާނާ ދެތިން މީހުން ނެތެވެ. ލަދުން ބޯހަލާކުވާވަރު ވެއެވެ.