އިސްރާއީލު ސަރުކާރުގެ ރަސްމީ ތަރުޖަމާނު އީލޯން ލެވީ ސޯޝަލް މީޑިއާގައި އިނގިރޭސި ވިލާތުގެ އޮފިޝަލުންތަކަކާއި ޒުވާބު ކުރުމާގުޅިގެން ވަގުތީ ގޮތުން ގޭގައި މަޑުކުރަން އަންގައިފިކަމަށް ދާދި ދެންމެއަކު ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުގެ ހާދިސާއަށްފަހު އިސްރާއީލުން ބޭނުންވާގޮތަށް ޚަބަރުތައް ތަރުޖަމާކޮށް މީޑިއާތަކަށް ހާމަކުރުމުގެ ސަބަބުން ލެވީ އަށް ބޮޑު މަޝްހޫރުކަމެއް ލިބެމުންދިޔައެވެ.
ލެވީ ވަގުތީގޮތުން ގެއަށް ފޮނުވާލި ސަބަބު އިސްރާއީލުން ހާމައެއް ނުކުރެއެވެ. އެކަމަކު އޭނާ ގެއަށް ފޮނުވާލާފައިވަނީ އިނގިރޭސި ޚާރިޖީ ވަޒީރު ޑޭވިޑް ކެމަރޫންވެސް ހިމެނޭގޮތުގައި އިނގިރޭސި ވިލާތުގެ އޮފިޝަލުންތަކަކާއި ޒުވާބުކުރުމުގެ މައްސަލައެއްގައިކަން މީޑިއާތަކަށް ވަނީ ތިލަވެފައެވެ.
މާރޗް 8 ވަނަ ދުވަހު އިނގިރޭސި ޚާރިޖީ ވަޒީރު ކުރީގެ ޓްވިޓަރ މެދުވެރިކޮށް ހާމަކުރެއްވި މެސެޖެއްގައި އެމެރިކާއާއި އިނގިރޭސި ވިލާތުން ގައްޒާއަށް އިތުރު އެހީ ފޮނުވުމުގެ މަޝްރޫއާއި ގުޅޭގޮތުން ދެއްކި ވާހަކާގައި އެންމެ ފަސޭހައިން އެކަން ކުރެވޭނެ ގޮތަކަށް އިސްރާއީލު ސަރުކާރުން މަގުފަހިކޮށްދޭން ޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވުމުން ރައްދުގައި ލެވީ ދެއްކި ގިނަ ވާހަކަތައް މިހާރު ހުރީ ފޮހެލާފައެވެ.
ލެވީ ބުނެފައިވަނީ ކާބޯ ތަކެއްޗާއި ހިޔާވަހިކަމާއި އަދި ބޭސް ގައްޒާއަށް ފޮނުވުމަށް އިސްރާއީލުން އެއްވެސް ވަރަކަށް ހުރަސް ނާޅާ ކަމަށެވެ. އެކަން ކަލޭމެންނަށްވެސް ރަނގަޅަށް އެނގޭނެއެވެ. އެ ޖުމުލަ އަދިވެސް ފޮހެލާފައެއް ނުވެއެވެ.
“ އަހަރެމެން މިބުނާއެއްޗެއްގެ ދޮގު ތެދު ބަލަން ބޭނުންވާނަމަ ކެރެމް ޝެލޯމްގެ މަގުން ކިތަންމެ ބައިވަރެއްވެސް ފޮނުވާށެވެ. އަހަރެމެން ނުހުއަޓުވާނަމެވެ ”. މިހެންވެސް އޭނާ ބުނެފައިވެއެވެ.
ލެވީގެ މިވާހަކަތަކާ ގުޅިގެން ލެވީ އެ ވާހަކަ ދައްކަނީ ރަސްމީ ހައިސިއްޔަތުންތޯ އޮޅުން ފިލުވަން އިނގިރޭސި ސަރުކާރުން އިސްރާއީލު ސަރުކާރަށް ސުވާލުކޮށްފައިވާ ކަމަށް ޗެނަލް 12 އިން ބުނެފައިވެއެވެ.
ހަމައެވަގުތު އިނގިރޭސި ވިލާތުގެ އެމް ޕީ އެލީސިއާ ކިމްސް އާވެސް ލެވީ ޖަދަލުކުރިކަމަށް ވެއެވެ.
އިސްރާއީލު ސަރުކާރުން ބުނެފައިވަނީ އީލޯން ލެވީ ސަރުކާރުގެ ރަސްމީ ތަރުޖަމާނުގެ އިން ފަހަނަޅާ ގޮސްފައިވާ ކަމަށެވެ. އަދި މިއީ އޭނާއާބެހޭ ފުރަތަމަ ޝަކުވާއެއްވެސް ނޫނެވެ. މީގެ ކުރިން ނަތަންޔާހޫއާއި ދެކޮޅަށް އިސްރާއީލުގައި ބޭއްވި މުޒާހަރާތަކުގައި އޭނާ ބައިވެރިވެފައިވާތީ ވަޒީފާއިން ވަކިކުރަން ނަތަންޔާހޫގެ އަންހެނުން ސާރާ ނަތަންޔާހޫ ވެސް ވަނީ މަސައްކަތްކޮށްފައެވެ.
އިސްރާއީލުގެ މަޝްހޫރު ޗެނަލް 12 އިން ބުނެފައިވަނީ އިނގިރޭސި ވިލާތަށް އުފަން ލެވީ ވަޒީފާއިން މިފަހަރު ވަކިކުރާނެކަމަށް ބެލެވޭ ކަމަށެވެ.