ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ކެނެޑާގެ ޕާރލަމެންޓުގައި ވޯޓު ނަގަނީ

Loading

Facebook
Twitter
WhatsApp

އޮޓާވާއިން ރޮއިޓާރސްގެ ޑޭވިޑް ޖުންގްރެން ޚަބަރުދީފައިވާގޮތުގައި ކެނެޑާގެ ޕާރލްމެންޓުގައި ފަލަސްތީނުގެ މިނިވަންދައުލަތެއް އުފެއްދުން ގަބޫލުކުރުމާއިމެދު މިއަދު ވޯޓުނަގަން ހަމަޖެހިއްޖެއެވެ. 

އެހެންނަމަވެސް މި ނެގޭ ވޯޓުގެ ނަތީޖާއަކީ ގާނޫނީ ގޮތުން ތަންފީޒުކުރުން ލާޒިމްކުރާ ވޯޓެއް ނޫނެވެ. ކެނެޑާގެޕާރލަމެންޓުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގަބޫލުކުރުމަށް ވޯޓުނެގުމާއި ދޭތެރޭ އިސްރާއީލުން ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި އެ މައްސަލައިގާ މިހާރުގެ ސަރުކާރު ހިންގާ ލިބަރަލް ޕާރޓީގެ ތެރޭގައިވެސް ބޮޑެތި ބައިބައިވުންތަކެއް ވަނީ އުފެދިފައެވެ.                                                               

ކެނެޑާގެ ރައްޔިތުންގެ މަޖިލީސް ( ހައުސް އޮފް ކޮމަންސް ) އިން ނަގާ ވޯޓުގެ ނަތީޖާ ސަރުކާރުން ގަބޫލު ނުކުރިޔަސް އޭގެ ސަބަބުން ބޮޑުވަޒީރު ޖަސްޓިސް ޓްރޫޑޯއަށްކުރިމަގުގައި ބޮޑެތި ފިއްތުންތަކެއް ކުރިމަތި ކުރުވާނެއެވެ.                                                              

މަޖިލީހުގައި މިވޯޓުނަގަން ހުށައެޅީ ނިއު ޑިމޮކްރެޓިކް ޕާރޓީންނެވެ. އެ ޕާރޓީއަކީ ބޮޑުވަޒީރު ޓްރޫޑޯގެ ސަރުކާރުގެ ބައިވެރިއެކެވެ. އެހެންނަމަވެސް ފަލަސްތީނުގެ މައްސަލާގައި ބޮޑުވަޒީރު ޓްރޯޑޯގެ ސިޔާސަތަށް އެ ޕާޓީން ތާއީދެއް ނުކުރެއެވެ. އަދި އެޕާރޓީން ގެންދަނީ ގައްޒާގެ ރައްޔިތުން ނިކަމެތި ޙާލުގައި ޖެހުމުގައި ޓްރޫޑޯގެ ބައިވެރިވުން ހިމެނޭ ކަމަށް ބުނަމުންނެވެ.                                                      

ނިއު ޑިމޮކްރެޓިކް ޕާރޓީން ދެކޭގޮތުގައި ގައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމަ ހުއްޓުވައި ގައްޒާގެ ރައްޔިތުންނަށް ސަލަމަތާ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ބޮޑުވަޒީރު ޓްރޫޑޯއަށް އެޅިދާނެ ކިތަންމެ ފިޔަވަޅުތަކެއް އެބަހުއްޓެވެ. 

އެކަމަކު އެބޭފުޅާގެ ހިތްވަރެއް އަދި ކެރުމެއްވެސް ނެތެވެ.ނިއު ޑިމޮކްރެޓިކް ޕާރޓީގެ ލީޑަރ ޖަގްމީތު ސިންގް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ގައްޒާގައި ހިނގަމުންދާ ލޭ އޮހޮރުވުން ހުއްޓުވައި ފަލަސްތީނާއި އިސްރާއީލުގެ ރައްޔިތުންނަށްވެސް މިނިވަންކަމާއި ރައްކާތެރިކަމާއެކު ދިރިއުޅެވެން ޖެހޭނޭތީ ކެނެޑާގެ ރައްޔިތުން ދެކޭގޮތްދުނިޔެއަށް ހާމަކުރުމަށްޓަކައި މަޖިލީހުގައި ވޯޓުނަގަން ނިންމެވީ ކަމަށެވެ.            

ފަލަސްތީނުގައި ހިނގަނުމްދާ ހަނގުރާމަ ހުއްޓުމުގެ ވިސްނުން އިސްރާއީލުން ގެންގުޅޭކަމަށް ނުފެންނާތީ މިދިޔަ ޖެނުއަރީ މަހުންފެށިގެން ކެނެޑާއިން ވަނީ އިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓާލާފައެވެ. 

އިސްރާއީލުން އަމިއްލަ ދިފާއުގައި މަސައްކަތްކުރަން ޖެހޭނެކަމަށް ގަބޫލުކުރައްވާކަން ތަކުރާރުކޮށް ބައިނަލް އަގްވާމީ ފޯރަމްތަކުގައި ބޮޑުވަޒީރު ޓްރޫޑޯ ވިދާޅުވަމުން ގެންދެވިނަމަވެސް އިސްރާއީލުގެ ހަނގުރާމަ ކުރިއަށް ގެންދާގޮތުން ޓްރޫޑޯވެސް މިހާރަކަށް އައިސް ގެންދަވަނީ ނުރުހުން ފާޅުކުރައްވަމުންނެވެ.                                            

ނިއު ޑިމޮކްރެޓިކް ޕާރޓީގެ ފަރާތުން މަޖިލީހަށް ހުށައެޅި “ ރައްޔިތުންގެ ވޯޓުނެގުން “ ގައި ބުނެފައިވަނީ ވޯޓުގެ މަގްސަދަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގަބޫލުކުރުން ކަމަށާއި އިސްރާއީލަށް މިލިޓްރީ އެއްވެސް އެއްޗެއްގެ ވިޔަފާރި އާއި ޓެކްނޯލޮޖީގެ ވިޔަފާރި ކުރުން ވަގުތީގޮތުން ހުއްޓުވާލުމެވެ. މިހާތަނަށް މަޝްހޫރު ޖީ-7 ގެ އެއްވެސްއެހެން ގައުމަކުން މި ފިޔަވަޅު އަޅާފައެއް ނުވެއެވެ.                                       

އިސްރާއީލާއި ފަލަސްތީނާއި ދެމެދު ހިނގަމުންދާ ހަނގުރާމަ ހަމަމިހާރު ހުއްޓާލުމަށާއި އަދި ޙަމާސްއަށް ގާނޫނުތަކާއި ޚިލާފަށް ހަތިޔާރު ފޯރުކޮށްދިނުމާއި ރަހީނުން މިނިވަން ކުރުމަށްވެސް އެ ހުށައެޅުމުގައި ބުނެފައިވެއެވެ.         

ފަލަސްތީނާއި އިސްރާޢީލުގެ ހަނގުރާމައާއި ގުޅޭގޮތުން ލިބަރަލް ޕާރޓީގެ ތެރޭގައި ސިޔާސީ ވިސްނުން މިހާރު އޮތީ ވަރަށް ބޮޑަށް ތަފާތު ވެފައެވެ. ބައެއް ގާނޫނީ ބޭފުޅުން ގެންދަނީ އެ ވޯޓު ނެގިޔަ ނުދިނުމަށްވެސް ވަކާލާތު ކުރަމުންނެވެ.    

ކެނެޑާއަށް ކަނޑައަޅާފައިހުން އިސްރާއީލުގެ ސަފީރު އިއްޑޯ މޮއިދު އިއްޔެ ބުނެފައިވަނީ ކެނެޑާއިން ނަގަން އުޅޭ ވޯޓުގެ ސަބަބުން މުޖާހިދުންގެ ބާރުގަދަވާނީ ކަމަށާއި އޭރުން މިހާރަށްވުރެން މާގިނަ ލޭ އޮހޮރުވުމަށް މަގުފަހިވެގެން ދާނެކަމަށެވެ. އަދި އެ ވޯޓުގެ ސަބަބުން ސުލްޙަވެރި ގޮތުގައި ހަނގުރާމަ ނިންމުމަށް ކުރެވެމުންދާ މަސައްކަތަށްވެސް ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށެވެ.                                   

އިސްރާއީލުގެ ސަފީރުގެ ބަޔާނަށް ރައްދު ދީ އެން. ޑީ. ޕީ. އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ނަގަން މިއުޅޭ ވޯޓުގެ މަގްސަދަކީ ބައިނަލް އަގްވާމީ ގާނޫނުތަކުގެ ބާރު ކަނޑުވާލުމަށް ހުރަސް އެޅުން ކަމަށާއި ލިބަރަލް ޕާރޓީގެ ތެރޭގައިވެސް ހަރުދަނާ ސިޔާސީ އެއްބައިވަންތަ ކަމެއް އުފެއްދުން ކަމަށެވެ.                         

އެން. ޑީ. ޕީ. ގެ ތަރުޖަމާނު ކެނޭޑިއަން ބްރޯޑްކާސްޓިންގ ކޯރޕަރޭޝަންގައި ވާހަކަދައްކަމުން ބުނެފައިވަނީ ނަގަން މިއުޅޭ ވޯޓު ކާމިޔާބު ކުރެވޭނެ ކަމަށެވެ. އެހެނީ މުޅިދުނިޔެ މިއަދުވަނީ އިސްރާޢީލުގެ މި ހަމައެއް ލަމައެއްނެތް ލޭއޮހުރުވުމާއި ދެކޮޅު ހަދައިފާކަމަށެވެ.  

Loading

One Response

  1. ފަލަސްތީނުގެ ދައުލަތް އަނބުރާ އަތުނުލެވިގެން މިއުޅެނީ ޢަރަބި ވެރީންނާއި ހެދިކަން އެންމެނަށްވެސް އެނގެއެވެ. އެކަމަކާ ކުރެވޭނެ މާބޮޑު ކަމެއްނެތެވެ. އެހެނީ ޙިޖާޒް ބައިބައިކޮށްލާ އެވަނީ އަރަބި ގަބީލާތަކުގެ މީހުނގެ މެދުގައި އިނގިރޭސިން ވެދުމަށް އަރުވާފައެވެ. އޭގެން ގިނަ މީހުންނަކީ އަމިއްލައަށް މިޒަމާނުގެ ހަނގުރާމައެއް ކުރެވޭވަރުގެ ފެންވަރުނެތް ބައެކެވެ. ފަލަސްތީނު މިނިވަން ދައުލަތެއް އުފެދި ޑިމޮކްރެސީގެ އުސޫލުން އިސްލާމީ އުސޫލުން ހިނގަންފަށައިފިއްޔާ އަރަބި ރަސްރަސްކަލުންނާއި ދެކޮޅަށް ޢަރަބި ގައުމުތަކުގެ ރައްޔަތުން އަރަބް ސްޕްރިންގް އަލުން ގެންނާނެއެވެ. އެހެންވީމާ އަންކަލް ސޭމްއަށް ޖިޒީދީގެންވެސް އެރަބި ރަސްކަލުން ފަލަސްތީނު އަނބުރާ ޔަހޫދީއަތުން އަތުލާކަށް މަދަދެއް ނުކުރާނެއެވެ. ވާގޮތަކީ އެއީއެވެ! އ. ހ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް