ވެކިއުމް ބޮން ބޭނުންކޮށްގެން ޔޫކްރެއިންގެ ގިނަ އަދަދެއް ސިފައިން މަރާލާފައިވާނެ ކަމަށް ރަޝިޔާއިން ބުނި ކަމަށް ސީއެންއެންއިން ރިޕޯޓުކޮށްފިއެވެ.
ވެކިއުމް ބޮމަކީ ވަށައިގެންވާ ތިމާވެށިން އޮކްސިޖަން އެތެރެއަށް ދަމައިގަނެގެން ގޮއްވައިލެވޭ ބާރުގަދަ ހަތިޔާރެކެވެ.
ރަޝިޔާ ސިފައިންގެ ޑެޕިއުޓީ ޗީފް އޮފް ދަ ޖެނެރަލް އާރމްޑް ފޯސަސް ރަޝިޔާގެ ދިފާއީ ވަޒީރާއެކު ހޮނިހިރު ދުވަހު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވާފައިވަނީ “ އަމާޒަށް ވާސިލު ކުރެވުނު އޭރިއަލް ހަތިޔާރުގެ ސަބަބުން ތިން ސަތޭކަ ޔޫކްރެއިންގެ ސިފައިން މަރާލެވިފައިވާނެ ކަމަށެވެ.
ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ވެކިއުމް ބޮން ބޭނުންކުރި ވާހަކަ ފުރަތަމަ ދެކެވުނީ ޖޮއިންޓް ގްރޫޕް އޮފް ފޯސަސްގެ ހެޑްކުއާރޓާރސްގެ ބައްދަލުވުމެއްގައެވެ. އެއީ އެކިއެކި ސަރަހައްދުތަކަށް އައްޔަން ކުރެވިފައިވާ ކޮމާންޑަރުންގެ އެންމެފަހުގެ ރިޕޯޓްތައް ދިފާއީ ވަޒީރު ޝޮއިގޯ އަށް ދެންނެވުމަށް ބޭއްވޭ ސިލްސިލާ ބައްދަލުވުން ތަކެކެވެ.
ސީއެންއެން އިން މިހާތަނަށް މި ޚަބަރު ކަށަވަރު ކުރެވިފައެއް ނުވެއެވެ. މިކަކާ ގުޅޭގޮތުން ބަހެއް ހޯދަން ކުރި މަސައްކަތަށް ޔޫކްރެއިނުން އެއްވެސް ޖަވާބެއް ނުދެއެވެ.
ކާނަލް ޖެނެރަލް އެލެކްސީ ކިމް ވެސް އެ ހަމަލާދިން އަމާޒެއް ހާމައެއް ނުކުރެއެވެ. ހަމައެކަނި ހާމަކޮށްދީފައިވަނީ ހަމަލާދިނީ ކްރާކެން ގައި ހުންނަ ނޭޝަނަލް ފޯރމޭޝަން ޑިޕްލޮއިމެންޓަށް ކަމަށެވެ. އެއީ ޔޫކްރެއިންގެ ދިފާއީ އިންޓެލިޖެންސް ޚާއްސަ ޔުނިޓް ހިންގާ މަރުކަޒެވެ.
އެ ހަމަލާ ދިނުމުގައި ވޮލިއުމެޓްރިކް ޑެޓޮނޭޝަން ބޮން ބޭނުންކޮށްފައިވާނެ ކަމަށް ޖެނެރަލް ކިމް އަށް ހަވާލާދީ އާރ.އައި.އޭ އިންވެސް ހޮނިހިރު ދުވަހު ޚަބަރުދީފައިވެއެވެ.
ވޮލިއުމެޓްރިކް ވެޕަންއަށް ވެކިއުމް ބޮން ނުވަތަ ތާރމޯބެރިކް ވެޕަންސް ނުވަތަ ފިއުލް-އެއަރ އެކްސްޕްލޮސިވް މި ނަންތައް ވެސް ބޭނުންކުރެއެވެ.
އެމެރިކާގެ ސެންޓަރ ފޯރ އާރމްސް ކޮންޓްރޯލް އެންޑް ނޮން-ޕްރޮލިފެރޭޝަނުން ބުނެފައިގޮތުގައި މިބާވަތުގެ ބޮމަކީ އިމާރާތްތަކާއި ބިންގަރާސް ތަކާއި އަދި ބޮޑެތި ފާރުތައްވެސް ފުނޑުފުނޑުކޮށްލެވޭ ވަރުގެ ނުރައްކާތެރި ހަތިޔާރެކެވެ.
One Response
އެމީހަކަށް ހެދުނު އެއްޗެއް ހަދާށެވެ. މިއީ މިނިކާވަގުގެ އިންސާފު އޮތް ދުނިޔެއެކެވެ. ދުނިޔެކެވޭނީ މިގޮތަށެވެ. އަދި ދުނިޔެކެވޭނީ މަކަރާ ޖަހައިގެންނެވެ. އެމެރިކާއިން ކަންއެކުރާގޮތަށެވެ. އަދުލް އިންސާފާ ހަމަހަމަކަމުގެ ވާހަކަ އެއީ ފްލޯކް ވާހަކަ ތަކެވެ.