ގަވާއިދާ ޚިލާފުވުމާ ގުޅިގެން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޅ.ހިންނަވަރުގެ މަގު ހެދުމާއި ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ ގޮތުން އެ އެޖެންސީއިން ފާސްކޮށްފައިވާ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ) ގައިވާ ކޮންސެޕްޓުގަކުއި ހިމެނިފައިނުވާ މަގުތަކުގައި މަސައްކަތްކުރުމާ ގުޅިގެން އެ އެޖެންސީއިން އެ މައްސަލަ ބަލާފައިވާ ކަމަށެވެ.
އެގޮތުން އެ މައްސަލަ ބަލައި އެ މައްސަލައާ ގުޅޭ ގޮތުން އެއްކުރެވުނު މައުލޫމާތުތަކުންނާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އަދި އެ އެޖެންސީއާއި އެ މަސައްކަތުގެ ކޮންޓްރެކްޓަރު އާރްޑީސީއާ ދެމެދު ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށް ރިއާޔަތްކޮށް ހިންނަވަރުގައި މަގުހެދުމުގެ މަސައްކަތް ކޮށްފައިވާކަން އެ އެޖެންސީއަށް ޔަގީންކުރެވިފައިވާ ކަމަށް އީޕީއޭގެ ބަޔާނުގައިވެއެވެ.
އީޕީއޭއިން ބުނީ ހިންނަވަރުގެ މަގުހެދުމުގެ މަޝްރޫއު އީއައިއޭ އާ ޚިލާފަށް އީއައިއޭގައިވާ ކޮންސެޕްޓްގައި ހިމެނިފައިނުވާ މަގުތަކުގައި މަސައްކަތް ކުރުމާ ގުޅިގެން އެ މަސައްކަތުގެ އިދާރާއަކީ ކޮންސްޓްރަކްޝަން މިނިސްޓްރީ ކަމުގައިވާތީ އެ މިނިސްޓްރީ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
ޖޫރިމަނާކުރީ މި މަހުގެ 12 ވަނަ ދުވަހުގައި ކަމަށާއި 30 ދުވަހުގެ ތެރޭގައި ފައިސާ ދައްކަން އަންގާފައިވާ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.
![]()
