ރަޙީނުންގެ މައްސަލާއާގައި ހަމާސްގެ ޝަރުތު ގަބޫލުކުރަން އިސްރާއީލުގެ ރައްޔިތުންގެ ޙުކުމް އިއްވާނެކަމަށް ބުނެފިއެވެ. މިހާރު އިސްރާއީލުން ގައްޒާގައި ހިންގަމުންގެންދާ އަނިޔާވެރި ގަތުލުއާންމު ދިރާސާ ކުރައްވަމުން ގެންދަވާ ބައިނަލް އަގްވާމީ މުޙައްލިލުން ދެކިވަޑައިގަންނަވާ ގޮތުގެ މައްޗަށް ބިނާކޮށް ދުނިޔޭގެ މަޝްހޫރު ބައެއް މީޑިއާތަކުގައި ގެންސްދީފައިވާ ރިޕޯރޓެކެވެ.
ގާހިރާއިން ރޮއިޓާރސް ޚަބަރު ދީފައިވާގޮތުގައި މިސްރުގެ ގާހިރާގައި ބޭއްވުމަށް ރޭވިފައިވާ ސުލްޙައިގެ ވާހަކަތަކުގައި އިސްރާއީލުން ބައިވެރިވުމާއި ދޭތެރޭ ބޮޑުވަޒީރު ނަތަންޔާހޫ ބޭނުންވިގޮތަށް ރަހީނުންނާބެހޭ ތަފްސީލު ހާމަކުރަން ފަލަސްތީނުގެ މުޖާހިދުން އިއުތިރާޒް ކޮށްފިއެވެ.
ޙަމާސްގެ އިސް އޮފިޝަލަކު ކަމުގައިވާ އުސާމާ ޙަމްދާންބެއިރޫތުގައި ހުންނަވާފައި ނަތަންޔާހޫގެ ޝަރުތާއިބެހޭގޮތުން މީޑިއާ މެދުވެރިކޮށް ދެއްވި ޖަވާބަކީ އެންމެ ފުރަތަމަ އިސްރާއީލުން ގައްޒާއަށް ދެމުންގެންދާ ޙަމަލާތައް ހުއްޓުވާށެވެ. ދެން އިސްރާއީލުގެ ސިފައިން ގައްޒާއިން ފައިބާށެވެ. އޭގެފަހުން ގައްޒާއިން ވިއްސި ވިހާލި ކޮށްލި ފަލަސްތީނުގެ ރައްޔިތުން އަނބުރާ ގައްޒާއަށް ގެނެސްދޭށެވެ.
އެއަށްފަހު ރަހީނުންގެ މަޢުލޫމާތު އޮޅުންފިލުވާދިނުމަށް ބުނާށެވެ. ޙަމްދާން ވިދާޅުވީ ޙަމާސްގެ މި ނިންމުން ގަތާރާއި މިސްރަށްވެސް ދަންނަވާފައިވާނެ ކަމަށާއި ޙަމާސްގެ ނިންމުންތަކަށް އެއްވެސް ބަދަލެއް ނުގެންނަވާނޭ ކަމަށެވެ.
އުތުރު ގައްޒާގައި ދިރިއުޅުމުގެ ޙާލަތު ވަނީ ބެލުން ނުކުޅަދާނަ މިންވަރަށް ދަށަށްގޮސް ރައްޔިތުން އަނިޔާލިބުމުގެ އިތުރުން ބަނޑަށް ޖެހިފައިކަމަށާއި އެހެންނަމަވެސް އެއްވެސް ރައްޔިތަކު ޒައަނިސްޓް އިސްރާއީލު އަމުރަށް ތަބާވެ އެ ސަރަޙައްދު ދޫކޮށް ފައިބަން ބޭނުން ނުވާކަމށްވެސް ޙަމްދާން ވިދާޅުވިއެވެ.
އެ ސަރަހައްދުގައި ކާނެ އެއްޗެއް ނެތިފައިތިބި ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ޔުނައިޓެޑް ނޭޝަންސް އިން ޖެނުއަރީ 23 ވަނަދުވަހުން ފެށިގެން ކުރަމުންގެންދާ މަސައްކަތް އިސްރާއީލުގެ ސިފައިން ގެންދަނީ ކެނޑިނޭޅިހުރަސް އަޅާ ދުއްޕާން ކުރަމުންނެވެ. ޔޫ.އެން.ގެ އޮފިޝަލުންވެސް މިކަންވަނީ މީޑިއާގައި ހާމަކޮށްފައެވެ.
މިދިޔަ ހޮނިހިރު ދުވަހު އިސްރާއީލުގެ ބައިވެރިޔާ، އެމެރިކާއިން ވަނީ ވައިގެ މަގުން ޙަމާސްއަށް ކޮންމެވެސް ވަރަކަށް ކާބޯތަކެތި ފޯރުކޮށްދީފައެވެ. އެމެރިކާއިން ބުނަމުންގެންދަނީ ކޮންމެގޮތެއްގައިވެސް ގައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދެމުންގެންދާނެ ކަމަށެވެ. މީޑިޔާއިން އެނގޭގޮތުގައި އިސްރާޢީލުން ފަލަސްތީނު ސުންނާފަތިކުރުމަށް ފޯރުކޮށްދޭ ބޮމާއި އެތަން ބިލިއަން ޑޮލަރެއް ފޯރުކޮށްދެނީވެސް އެމެރިކާއިންނެވެ.
އެމެރިކާއިން ވައިގެމަގުން ވައްޓަމުންގެންދާ ކާތަކެއްޗާއި ބެހޭގޮތުން ޙަމްދާން ވިދާޅުވީ ގައްޒާއަށް ކާބޯތަކެތި ފޯރުކޮށްދިނުމާއިއެކު އިސްރާއީލަށް ހަތިޔާރު ދިނުންވެސްއެއްވެސް މިންވަރަކަށް ހުށްޓުވައިފާ ނުވާކަމަށެވެ. އެހެންކަމުން ފުރަތަމަ އެމެރިކާ ކުރަންވީ ކަމަކީ ފަލަސްތީނު ސުންނާފަތި ކުރުމަށް އެ ހަތިޔާރުތައް އިސްރާޢީލްއަށް ދިނުން ހުއްޓުވަންވީކަމަށެވެ. އެހެންނޫނީ ތަރުޖަމާކުރެވޭނީ ފެންދީފައި ކަތިލުން ކަމަށެވެ.
އެސޯޝިއޭޓެދް ޕްރެސްގެ ރިޕޯރޓަރުން ބުނެފައިވަނީ ފާއިތުވެގެންމިދާ ފަސް މަސްދުވަހުގެ ތެރޭގައި އިސްރާއީލުން ގެންދަނީ ފަލަސްތީނުގެ އެތައްހާސްރައްޔިތުން ޝަހީދުކޮށް ޢިމާރާތްތައް ބިމާ ހަމަކުރަމުން ރައްޔިތުން ވިއްސި ވިހާލިކުރަމުން އަދި އިންސާނުން ދިރިއުޅުމަށްޓަކައި ކޮންމެހެން ބޭނުންވާ ހުރިހާ ވަސީލަތަކުން ފަލަސްތީނުގެ ރައްޔިތުން މަޙުރޫމް ކުރަމުންނެވެ.
އިސްރާއީލުގެ ހައްދުފަހަނަޅާ ގޮސްފައިވާ މި ހުރިހާ ޢަމަލަކާއެކުވެސް އެމީހުންގެ މަންޒިލަށް ދެވިދާނެ ކަމުގެ މާބޮޑު އުންމީދެއް އޮތްކަމަކަށް ނުބެލެވެއެވެ. އިސްރާއީލުގެ ސިފައިންނަށް އެމީހުންބޭނުންވާ ވަރަކަށް ގައްޒާ ސުންނާފަތި ކޮށްލެވިދާނެއެވެ.
އެކަމަކު އޭގެ ޢާޚިރު ނަތީޖާއަކަށް ވެގެންދާނީ އިސްރާއީލުގެ ހުރިހާ ރަހީނުންގެ ފުރާނަނެތް މަސްގަނޑުތަކެއް ލިބުންކަމަށް ވުން އެކަށީގެންވެއެވެ. އަދި މުޖާހިދުންދެކޭނީ އެއީވެސް ލިބުނު ކާމިޔާބެއް ކަމަށެވެ. ސަބަބަކީ އިސްރާއީލުގެ އާންމު ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާމެދު މިހާރަށްވުރެވެސް އިތުރަށް ނަތަންޔާހޫގެ ސަރުކާރާއިމެދު ނަފްރަތު އުފެދުމާއިއެކު ރައްޔިތުންނަށް ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން ނުކުޅެދިފައިވާކަން އާންމު ރައްޔިތުންނަށް ގަބޫލު ކުރެވެން ފެށުން ކަމުގައި ވާނެތީއެވެ. ނަތަންޔާހޫގެ ދިގުދެމިގެންދާ ހައްދުފަހަނާޅާފައިވާ ސަރުކާރު ނިމުމަކަށް އައުމުގެ ފުރުސަތުވެސް މިހާރަށްވުރެވެސް ބޮޑުވެގެންދާނެތީއެވެ.
ނަތަންޔާހޫ ރައްޔިޔުންނަށް ވިސްނާދޭން މިހާރުވެސް މަސައްކަތް ކުރަމުންގެންދަނީ ރަހީނުން މިނިވަންކުރުމަކީ އޭނާއަށް ކުރެވޭނެ އަދި ކުރާނެ ކަމެއް ކަމަށެވެ. އެ މަސައްކަތުގައި މުޅި ޙަމާސްއާއި ގައްޒާގެ ރައްޔިތުން ޝަހީދުކުރަން ޖެހުނަސް އެކަމުގައި އޭނާފަސްނުޖެހޭނެ ކަމަށެވެ. ހަނގުރާމަ ފެށިގެން ދުވަހަސްކޮޅެއްވީތަނާ ބުނެފާވަނީ މިހަނގުރާމަ ނިންމާލާނީ ޙަމާސްގެ ނަސްލު ނައްތާލުމަށް ފަހުގައި ކަމަށެވެ. އެމީހުން ދުނިޔޭގެ ކޮންމެތަނެއްގައި ދިރިއުޅުނަށް މަރާ ހުސްކުރާނެ ކަމަށެވެ.
ނަޔަންޔާހޫ ބޭނުންވާ އަނެއްކަމަކީ ހަނގުރާމަ ދިގުދަންމައިގެން އިންތިޚާބު ލަސްކުރުމެވެ. އިންތިޚާބުގައި އޭނއަށް ބޮޑުވަޒީރުކަމުގެ ގޮނޑި ފެންނަ ހިސާބަށްވެސް ދެން ނާދެވޭނެކަން އޭނާއާއި އޭނާގެ ހަރުކަށި ކެބިނެޓަށް އެނގޭތީއެވެ. ކިތަންމެ މަކަރުވެރި ވިސްނުމެއްގައި އޭނާ ކަންތައް ކުރަމުންގެންދިޔަނަމަވެސް މިހާރު އިސްރާޢީލުގެ އިދިކޮޅު ލީޑަރުން ތިބީ އެ ގޮތް ގަބޫލުކުރާނެ ވިސްނުމެއްގައެއް ނޫނެވެ. ފަލަސްތީނަށް ލުއިގޮތެއް ހޯދާދިނުމަކަށް ނޫނެވެ. ބާރާއި ނުފޫޒު ހޯދުމަށްޓަކައެވެ.
ޙަމާސްގެ ވިސްނުން ހުރިގޮތެއް އެއްވެސް މީހަކަށް ބުނާކަށް ނޭގެއެވެ. އެހެންނަމަވެސް ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަށް އެ ޖަމާއަތުން އަވަސް އަރުވާލައިގެން އުޅޭތަނެއް ނުފެނެއެވެ. ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަކީ އިސްރާއީލުން ރޯދަމަހުގެ ޝަރަފުގައި ނުވަތަ ރޯދަމަހޭ ކިޔާފައި ޔަހޫދީންގެ ޙަމަލާތައް ހުއްޓާލާނެ ސަބަބެއް ކަމުގައި ޙަމާސްއިން ގަބޫލެއް ނުކުރެއެވެ. އެހެނީ މީގެ ކުރީގެ ރޯދަމަސްތަކުގައިވެސް ނަތަންޔާހޫގެ ސަރުކާރުންވަނީ އެތައްހާސް ފަލަސްތީނުންނެއް މަރާފައެވެ.
އޮކްޓޯބަރ 7 ގެ ޙަމަލާތައް ރޭވި މާސްޓަރ މައިންޑް ކަމަށް އިސްރާއީލުން ތުޙުމަތުކުރާ ޔަހުޔާ ސިންވާރު ދެކިވަޑައިގަންނަވާ ގޮތުގައި ރަޙީނުން ހިފޭއްޓިފައި ތިބުމަކީ ޙަމާސްގެ ޝަރުތުތަކަށް އިސްރާއިޅުން މިއަދު ނޫނީ މާދަމާބޯލަނބައި އެއްބަސްވާނެޖެހޭނެ ޙާލަތެކެވެ.
ޔަހްޔާ ސިންވާރު އިސްރާއީލުގެ ޖަލުގައި ހޭދަކުރި 2 އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުންގެ އާދަކާދައާއި އަދި ހީބްރޫ ބަސް ފިސާރަނގަޅަށް ދަސްކުރެއްވިއެވެ. އިސްރާއީލުގެ ޖަލުން ސަލާމަތް ވެވަޑައިގަތުމާއިއެކު ޖަލުގެ މުއްދަތުގައި ވަރަށް ގާތުން ތަޖްރިބާ ކުރުމުގެ ފުރުސަތު ލިބި ވަޑައިގެންނެވި އިސްރާއީލުން ބޭނުންކުރާ މިލިޓްރީ އުކުޅުތައް ބޭނުންކުރައްވައިގެން ޙަމާސްގެ މިލިޓްރީ ނިޒާމްއިސްރާއީލަށްވެސް ފަހުމު ނުކުރެވޭނެ ގޮތްގޮތަށް ބައްޓަން ކުރައްވަން ފެއްޓެވިއެވެ.
ޔަޙްޔާ ސިނަވާރަށް އިސްރާއީލުގެ ޖަލުގައި ހޭދަކުރި މުއްދަތުގެ ތެރޭގައި ދެނެގަނެވުނެ ޚާއްސަ ކަންތައްތަކުގެ ތެރޭގައި އިސްރާއީލުގެ ސިފައިން ހައްޔަރު ވެއްޖެ ޙާލަތެއްގައި އެމީހުން މިނިވަން ކުރުމަށްޓަކައި ނުކުރާނެ އެއްވެސް ކަމެއް ނޯންނާނެކަންވެސް ދެނެގަނެވުނެވެ.
ޔަޙްޔާ ސިންވާރަކީ އޭގެ ދިރިހުރި މިސާލެކެވެ. 2011 ވަނައަހަރު ޙަމާސްއިން އަތުލާގަތް އިސްރާއީލު ސިފައިންގެ އެންމެ މީހަކު މިނިވަން ކުރުމަށްޓަކައި އިސްރާއީލުގެ ޖަލުތަކުގައިތިބި ފަލަސްތީނުގެ އެއްހާސް ގައިދީން ދޫކޮށްލަން ޖެހުނެވެ. މިނިވަން ކުރި ގައިދީންގެ ތެރޭގައި ޔަޙްޔާ ސިންވާރު ހިމެނުނެވެ.
އޮކްޓޯބަރ 7 ގައި ޙަމާސްއިން އިސްރާއީލަށް ދިން ކުއްލި ޙަމަލާގައި އިސްރާއީލުގެ ގިނަ އަދަދެއްގެ މީހުން މަރުވެގެންދިޔައީ އެނޫންގޮތެއްގައި ގިނަ ބަޔަކު ރަޙިނުކުރުމުގެ ފުރުސަތު ނުލިބޭނެތީއެވެ. ސިންވާރުގެ ރޭވުން އޮތީ އިސްރާއީލުގެ ރަހީނުން ޙަމާސްގެ އިސް ބޭފުޅުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އިންސާނީ އައްޑަނައަކަށް ބޭނުން ކުރުން ކަމުގައި ބެލެވެއެވެ.
އަދި އެ ރަހީނުން މިނިވަންކުރުމުގެ ބަހަނާގައި އިސްރާއީލުގެ ޖަލުގައިތިބި ފަލަސްތީނުގެ ގިނަ ގައިދީންތަކެއް މިނިވަން ކުރުމަކީ ސަންވާރުގެ މައިގަނޑު މަގްސަދު ކަމުގައިވެސް ގަބޫލުކުރެވެއެވެ. 2000 ރާތަލުގެ ބޮން އެޅުމަކުން ސިންވާރުގެ ނުރައްކާތެރިވިސްނުމާއެއްވަރަށް ގެއްލުމެއް ނުދެވޭނެއެވެ.
އިސްރާއީލުގެ އޮފިޝަލުން ހާމަކޮށްފައިގޮވާ ގޮތުގައި ގައްޒާގައި ޙަމާސްއިން ބިނާކޮށްފައިވާ ބިންގަރާސްތަކަކީ އޭގެ ދިގުމިން އެނގިގެންނުވާ އަދި ގިނަ ފަންގިފިލާތަކަކަށް ބިނާކޮށް ބަޑިބޭހުން ގޮއްވާނުލެވޭވަރުގެ ވަރުގަދަ ދޮރުތަކާއި އަދި ނުރައްކާތެރި ދަންތޫރަތައްވެސް ހިމެނޭތަންތަނެވެ. އިސްރާއީލުގެ ސިފައިންނަށް ހަމާސްގެ އޮފިޝަލަކު ފެނި އޭބޭފުޅަކަށް ޙަމަލާ ދިނުމުގެ މަގު ތަނަވަސްވިޔަސް ޔަގީންކަމާއެކު އެނގޭ ކަމަކީ އެ ޙަމާލާގެ ސަބަބުން އެ ސަރަޙައްދުގައި ތިބި ރަހީނުން މަރުވެގެންދާނެކަމެވެ.
ވަރަށްގިނަ ދުވަސްތަކެއްވާންދެން އިސްރާޢީލުގެ ހާރެޒް ނޫހުގެ މިލިޓްރީ ކޮރެސްޕޮންޑެންޓަކަށް އުޅުނު އެމޯސް ހާރެލް ބުނެފައިވަނީ ޙަމާސް ބަލިކޮށްލުމަށްޓަކައި އަހަރެމެންނަށް އަހަރުދުވަހުވެސް ހަނގުރާމަ ކުރެވިދާނެކަމަށެވެ. އެކަމަކު އެހާތަނަށް ރަޙީނުންގެތެރެއިން އެކަކުވެސް ދިރި ދުނިޔޭގައި ހުންނާނެކަމަށް ބުނަން އެނގޭ ހެއްޔެވެ؟
ހަނގުރާމަކުރުމުގެ ތެރޭގައި ސިންވާރު މަރާވެސް ލެވިދާނެއެވެ. އެކަމަކު ކުރީގެ ތަޖްރިބާއިން އެނގިގެންދަނީ އޭގެފަހުން އެތައް ސިންވާރެއް އުފެދިގެން އަންނާނެ ކަމެވެ. އަދިވެސް އަހަރެމެން ވިސްނަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. ފަލަސްތީނުގެ މުޖާހިދުންނަކީ މަރުވެދާނެތީ ޖެހިލުންވާ ބައެއް ނޫނެވެ. އެމީހުންގެ އީމާންކަމުގައި ދުނިޔޭގެ ދިރިހުރުމަކީ ކުޑަ ހިނދުކޮޅެކެވެ. އެ ވަގުތުކޮޅުގެ ތެރޭގައި ގައުމާއިރައްޔިތުންގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި ޖިހާދުކުރުމަކީ ކުރަންޖެހޭ އެމީހުން ގަބޫލުކުރާގޮތުގައި ވާޖިބު ކަމެކެވެ.
ކާމިޔާބު ކުރެވިއްޖެނަމަ އެކަމުގެ އުފަލާއި ހިތްހަމަޖެހުން ލިބިގަންނާނީއެވެ. ޖިހާދުގައި މަރުވެގެން ހިނގައްޖެނަމަ ސުވަރުގޭގެ ނިޢުމަތް ކަށަވަރު ކުރެވުނީއެވެ. އެމީހުންގެ އީމާންކަމުގައި ކޮންމެ ގޮތަކީވެސް ނަސްރާ ކާމިޔާބެވެ.
މިކަންކަން މިހެން ހުރުމުގެ ސަބަބުން އިސްރާއީލަށް މި ހަނގުރާމަ ކާމިޔާބު ކުރެވިދާނެއެކޭ ނުބުނެވޭނެއެވެ.އިސްރާޢީލުގެ ފައުޖުތަކަކީ މަރުވެގެންދާން ބޭނުން ނުވާ ބައެކެވެ. ދެބައިމީހުންގެ މިތަފާތު އެނގުމުން ނަތީޖާއެގިގެން ދެއެވެ.
ފާއިތުވެގެން މިދާ ދުވަސްތަކުގައި ގައްޒާ ވީރާނާ ކޮށްލައިގެންވެސް އިސްރާޢީލަށް މިނިވަންކުރެވުނީ އެންމެ 3 ރަހީނުންނެވެ. އެ 3 މީހުންވެސް ބަންދުކޮށްފައިތިބީ ބިންގަރާހެއްގައި ނޫންކަން ދެނެގަންނަން ޖެހެއެވެ. އަދި އެ 3 މީހުން މިނިވަންކުރުމުގެ ތެރޭގައި 3 ރަހީނުން މަރުވެގެން ދިޔަކަންވެސް ފަހަގަ ކުރަން ޖެހެއެވެ.
ޙަމާސް އިން ބުނެފައިވަނީ އިސްރާޢީލުގެ ޙަމަލާތަކުގައިވެސް މިހާތަނަށް ގިނަ ރަހީނުންތަކެއް މަރުވެފައިވާ ކަމަށެވެ. އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައިތިބި ފަލަސްތީނުގެ ގައިދީންގެ ތެރެއިން އެތައް ބަޔަކު މިނިވަންކުރުން ޝަރުތުކޮށް މިހާތަނަށް 100 ރަހީނުންވަނީ މިނިވަންކޮށްދިނެވެ.
ވޯކްރިމިނަލް ނަތަންޔާހޫ ބުނަނީ ހަނގުރާމައިގެ ޕްރެޝަރ ދީގެން ދެންތިބި ރަހީނުންވެސް މިނިވަން ކުރެވޭނެ ކަމަށެވެ. މިބުނުމަށް ރައްދުދީ ނަތަންޔާހޫގެ ހަނގުރާމައިގެ ކެބިނެޓުގައިވެސް ހިމެނޭ ކުރީގެ އެންމެ އިސް ޖެނެރަލް ބުނެފައިވަނީ ހަނގުރާމަހުއްޓާލައި ސުލްޙައިގެ ވާހަކަތަކެއްގެ ތެރއިން ނޫންގޮތަކަށް ރަހީނުން މިނިވަން ކުރެވިދާނެ ކަމަށް ދެކޭ މިހާ އެދުވަނީއަވިގަދަ ދުވަހެއްގެ އަވާމެންދުރު ފަހަތުންކަމަށެވެ. އަދި އެހެންމީހުނަނަށްވެސް އެ ދައްކަނީ ދުވާލުގެ ހުވަފެނެކެވެ.
ވަގުތީގޮތުން ހަނގުރާމަ ހުއްޓާލުމަކަށް ޙަމާސް އިން ރަހީނުކޮށްފައިތިބި މީހުން ދޫކޮށްލާފާނެކަމަށް މޮޔައަކު ނޫނީ ނުބުނާނެއެވެ. ރަޙީނުން މިނިވަންވުމާއިއެކު އަނެއްކާ ޙަމަލާތައް ގަދައަށް ފަށާނެކަން ހަމާސްއަށް މާބޮޑަށް އެނގޭނެއެވެ. އަދި ޙަމާސްގެ އިސް ބޭފުޅުން އަމާންދީ އެހެންގައުމަކަށް ހިޖުރަކުރާނެ ކަމަށް މޮޔައަކުވެސް ގަބޫލެއް ނުކުރާނެއެވެ.
މިހާރުވެސް މިފެންނަނީ އެ މަންޒަރެވެ. ހަނގުރާމަ ހުއްޓާލުމަށްފަހު އިސްރާއީލުގެ ހުރިހާ ސިފައިން ފަލަސްތީނުގެ ބިމުން ފޭބުމުންނޫނީ ރަހީނުންގެ ތަފްސީލު ހާމަވެސް ނުކުރާނެކަމަށް އެގެންދަނީ ބުނަމުންނެވެ.ރަހީނުންތައް ބަންދު ކޮށްގެން ގެންގުޅުމަކީ ސިންވާރު ކަންބޮޑުވާނެ ކަމެއް ނޫނެވެ.
ނަތަންޔާހޫގެ ސަރުކާރަށް ރަޙީނުންގެ ޢާއިލާތަކުންނާއި އާންމުކޮށް މުޅި ގައުމު ރައްޔިތުން މިހާރު ކުރަމުންގެންދާ ފިއްތުންތައް އިންތިހާއެވެ. ވަގުތު ފާއިތުވެގެން ދިއުމާއިއެކު ރަހީނުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ނުކުރެވޭތީއެވެ. އަދި ވަކިން ބޮޑަށް ރަހީނުން ދިރިތިއްބާ ސަލާމަތް ކުރެވިދާނެ ކަމުގެ ޔަގީންކަމެއްވެސް ނެތިގެންދާތީއެވެ.
އިސްރާއީލުގެ ރައްޔިތުން ދެކޭގޮތުގައި ރަހީނުން ސަލާމަތްކުރުމަކީ ކޮންމެ އަގެއްގައި ކޮންމެ ގުރުބާނީއެއް ވެގެންވިޔަސް ކުރަންޖެހޭ މުގައްދަސް އަދާކުރުމެކެވެ.
ރަހީނުން ދިރިތިބެ ސަލާމަތުން އާދެވޭނެ ހަމައެކަނި މަގަކީ ޙަމާސްގެ ޝަރުތުތަކަށް އެއްބަސްވުމެވެ. އެނޫން މަގެއް ފެންނާކަށް ނެތެވެ. ޙަމާސް ހަނގުރާމަދެކެ ބިރެއް ނުގަންނަކަން މިހާރު ދަންނަން ޖެހެއެވެ. ޝަރުތުތައް އޮތީ އަލުން ތަރުޖަމާ ކުރާކަށް ނުޖެހޭ މިންވަރަށް ސަރީޙަކޮށް ބުނެދީފައެވެ.
އިސްރާޢީލުގެ ޖަލުތަކުގައި ބަންދުކޮށްގެން ގެންގުޅޭ ފަލަސްތީނުގެ އެންމެން އެއްވެސް އިސްތިސްނާއެއް ނެތި މިނިވަންކުރަން ޖެހޭނެއެވެ. އިސްރާއީލުގެ ސިފައިން އެއްކޮށް ފަލަސްތީނުގެ ބިމުން ފައިބަން ޖެހޭނެއެވެ. ފަލަސްތީނުގެ ބިމަކުން ޙަމާސް ނުފައިބާނެއެވެ. ކުރިއަށް އޮތްތަނުގައި އެ ޖަމާޢަތުގެ މަގާމުތައް އިތުރަށް ބަދަހިކޮށް ވަރުގަދަ ކުރާނެއެވެ. އެއީ ތިރީސް ހާސް ރައްޔިތުންގެ ފުރާނައިން ލިބިދިން ނަސްރެއް ކަމުގައި ޙަމާސްއިން ދެކޭނެއެވެ. ފަހަރެއްގައި ޚިޔާލު ތަފާތު ބައެއް ރައްޔިތުން ތިބެދާނެއެވެ.
ދާދިފަހުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ނެގިގެންދިޔަ ޕޮޕިއުލަރިޓީ ވޯޓެއްގެ ނަތީޖާއިން ހާމަވެގެންދިޔައީ މީޑިއާތަކުން ގަބޫލުކޮށްގެން ތިބި ގޮތަކަށް ނޫނެވެ. ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިންވެސް %40 ވުރެ މަތީގެެ ބޮޑު ތާއީދެއް ޙަމާސް އަށް ލިބިފައިވެއެވެ.
ކްރައިސިސް ގުރޫޕުގެ ފަލަސްތީނާބެހޭ އިސް މުޙައްލިލު ތަހާނީ މުސްތަފާ ވިދާޅުވެފައިވަނީ މިހާރު އިސްރާއީލުން ގައްޒާގެ މައްޗަށް ހިންގަމުންގެންދާ “ ހުޅުވާލެވިފައިވާ ޖަލު “ ރޫޅާލެވިއްޖެނަމަ ޙަމާސްގެ ތާއީދު އަދިވެސް މައްޗަށް ދާނެއެވެ. އަދި ފަލަސްތީނު މިނިވަންކުރުމަށްޓަކައި ޙަމާސްގެ ވިސްނުމަށް ތާއީދުކުރާ ރައްޔިތުންގެ ނިސްބަތްވެސް އިތުރުވެގެންދާނެއެވެ.
މީގެ ކުރިންވެސް ފަލަސްތީނުގައި ބޭއްވި މިނިވަން އިންތިޚާބު ކާމިޔާބުކޮށްފައިވަނީ ޙަމާސް ޖަމާޢަތުންނެވެ. ނަމަވެސް އެމެރިކާއާއި އިޒްރޭލުގެ ނުބައި ނުލަފާކަމުން އިންތިޚާބުގެ ކާމިޔާބީއާއި އެއްގޮތަށް ފަލަސްތީނުގެ ވެރިކަން ޙަމާސްއިން ކުރިޔަނުދިނީއެވެ.
އިސްރާއީލާއި ފަލަސްތީނުގެ ހަނގުރާމަ ހުއްޓުވޭނެ މަގެއް ނުފެނުމުގެ ސަބަބުން އިސްރާއީލުގެ އެންމެގާތް އެކުވެރިޔާ އަދި މަދަދުގާރު ރައީސް ޖޯ ބައިޑަންއަށް އެމެރިކާގެ އއިންތިކާބު ގެއްލިދާނެ ކަމުގެ ބިރާއި އޮތީ ކުރިމަތިލާން ޖެހިފައެވެ. ގައްޒާގެ ރައްޔިތުންނަށް މެދުވެރިވަފައިވާ އިންސާނީ މި ބޮޑު މުސީބަތުގެ ބުރަ ވަރަށްގިނަ ޑިމޮކްރެޓުންވެސް އަޅުވަމުންގެންދަނީ ރައީސް ބައިޑަންގެ ބޮލުގައެވެ. ހަނަގުރާމަ ދިގުދެމިގެންގޮސް މެދުއިރުމަތީގެ އެހެން ސަރަހައްދުތަކަށް ފެތުރިގެން ދިއުމުގެ ބިރުވެރިކަން ދުވަހެއް ދުވަހަކަށް ބޮޑުވަމުންދިއުމުގެ އިލްޒާމު ދުނިޔޭގެ ގައުމުތަކުންވެސް އަޅުވަމުންގެންދަނީ ރައީސް ބައިޑަންގެ ބޮލަށެވެ.
ވުމާއިއެކު ޙަމާސްގެ ޝަރުތު ގަބޫލުނުކޮށް އެއީ ޙަމާސްއިންދެކޭ އަވާމެންދުރެކޭ ބުނެ ރައްޔިތުންލޮލުގައި ކަޅުކުލަ ގަދަ އަނދުނެއް އަޅުވަން ނަތަންޔާހޫއަށް މަސައްކަތްކުރެވިދާނެއެވެ. އެކެމަކު އެންމެފަހުން ޖެހޭނީ ރުހުނަސް ނުރުހުނަސް ޙަމާސްގެ ޝަރުތު ގަބޫލު ކުރާށެވެ. އެހެންނޫނީ އެ ޝަރުތުތައް ގަބޫލުކުރަން މަޖުބޫރުކޮށް އިސްރާޢީލުގެ ރައްޔިތުންގެ ޙުކުމް މާލަސްތަަކެއްނުވެ އިއްވާނޭކަން މިހާރު ކަށަވަރެވެ.
One Response
ހަމާސް ޖަމާއިތުގެ ޖިހާދާއި ނުލައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދިގެން އަންނަތަން ފެނުމަނީ ނުވާނެ ކަމެކެވެ. ހަމާސް އިންކުރަމުންގެންދާ ޖިހާފަކީވެސް ލޮލުން ކަރުނަ ނުހިކޭ ވަރުގެ އަގުބޮޑު ޖިހާދެކެވެ. މިހާރު ދުނިޔޭގެ ލީޑަރުން ފަލަސްތީނުގެ މިނިވަން ދައުލަތާ ދޭތެރޭ ވިސްނުން ގެންގުޅުެއްވި ދުވަސްވަރެއް މިފާއިތުވެގެން ދިޔަ 57 އަހަރުތެރޭގައި ފެނިފައެއް ނުވެއެވެ. މީގެކުރިން އަބަދުވެސް ފެންނަނީ ދަތްކޮޅު އުފުރާލާފައި ހުރި އ.ދ. ން ގަރާރެއް ފާސްކުރަން މަސައްކަތްކުރާއިރަށް އެމެރިކާއިން ވީޓޯ ކޮށްލާނެއެވެ. އެހިސާބުން އެކަންވެސް ނިމުނީއެވެ.