ގދ. ވާދޫ ކައުންސިލްގެ މެންބަރުން ސަސްޕެންޑްކޮށްފި

Loading

Facebook
Twitter
WhatsApp

ގދ. ވާދޫ ކައުންސިލްގެ މެންބަރުން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރަން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ނިންމައިފިއެވެ.

ވާދޫ ކައުންސިލަރުން ސަސްޕެންޑުކޮށްފައި ވަނީ އެ ކައުންސިލް މެންބަރުންނާއި މުވައްޒަފުންނާއި ގުޅޭގޮތުން ބަލަމުންދިޔަ 27 މައްސަލައެއް ބެލުމަށްފަހުއެވެ.

އެލްޖީއޭއިން ބުނީ އެ ކައުންސިލާ ގުޅޭގޮތުން އެ އޮތޯރިޓީން ހަދާފައިވާ އިންކުއަރީއަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ ވަޒީރު ހުއްދަދެއްވައިގެން ހަދާފައިވާ އިންކުއަރީއެއް ކަމަށާއި މި އިންކުއަރީ ކުރިޔަށް ގެންދިއުމުގައި މައްސަލަ ރައްދުވާ ކައުންސިލް މެމްބަރުންނަށް ލިޔުމުން ޖަވާބުދާރީވުމަށް ރަސްމީ ހަތް ދުވަހުގެ ފުރުސަތެއް ދީފައިވާ ކަމަށެވެ.

އެގޮތުން އެ މައްސަލައާ ގުޅޭގޮތުން ކައުންސިލުގެ ހުރިހާ މެމްބަރުންނާއި، ކައުންސިލުގެ އިދާރާގައި، ހުށަހެޅިފައިވާ މައްސަލަތަކާ ގުޅުން ހުރި މަސަކަތްތައް ކުރާ މުވައްޒަފުންގެ ބަޔާން ނަގައި މައްސަލަތަކާ ގުޅޭ މައުލޫމާތު ސާފުކޮށް، އެ ކަމުގެ މައުލޫމާތާއި ލިޔެކިޔުންތައް އެ ކައުންސިލުގެ އިދާރާއިން ހޯދާފައިވާނެ ކަމަށް އެލްޖީއޭ އިން ބުނެފައި ވެއެވެ.

ވާދޫ ކައުންސިލުގެ އިންކުއަރީން ބަލާފައިވާ މައްސަލަތައް:

  1. ގދ. ވާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިދާރީ އިންތިޒާމުތައް ކައުންސިލުން ހަމަޖައްސާފައި ނެތުން
  2. ލާމަރުކަޒީ ޤާނޫނާއި އިޖުރާއީ ގަވާއިދާއި އެއްގޮތަށް ކައުންސިލުގެ ބައްދަލުވުންތައް ބާއްވާފައި ނުވުން
  3. ކައުންސިލުގެ ބަޖެޓުން އިންކައިންޑް އަދި ފައިސާގެ ގޮތުގައި މާލިއްޔަތުގަ ގަވާއިދާ ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި ޚިލާފަށް ޚަރަދު ކުރުން
  4. ޖޭ-ޖީއޯއެމް ފަންޑުގެތެރެއިން ބޮޑުބައެއް އަނެއް އަހަރުގެ ޖޭ-ޖީއޯއެމް ފަންޑުގެ ތެރެއަށް ކެރީ ފޯވާޑުކޮށްފައިވާކަން.
  5. މާލިއްޔަތުގެ ގަވާއިދާއި ޚިލާފަށް ކައުންސިލުން ފައިސާ ބަލައިގަތުން
  6. ސިވިލް ސަރވިސްގެ ގަވާއިދުއާ އެއްގޮތަށް ކައުންސިލު އިދަރާގެ މުވައްޒަފުންގެ ހާޒިރީއާއި ރެކޯޑުތައް ބަލަހައްޓާފައިނެތުން
  7. އިޖުރާއީ ގަވާއިދާ އެއްގޮތައް ކައުންސިލުއިދާރީ އޮނިގަނޑު ފާސްކޮށް އޮނިގަނޑާ އެއްގޮތައް މުވައްޒަފުންނަށް މަސައްކަތް ހަވާލުކުރެވިފައި ނެތުން
  8. ކައުންސިލުގެ އިދާރާގައި އާންމުން ވަނުންމަނާ ތަންތަނަށް އާންމުންނަށް ވަދެވޭ ގޮތަށް އިންތިޒާމުތައް ހަމަޖެހިފައި އޮތުން
  9. ކައުންސިލުގެ ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުން ބައްދަލުވުމުގެ އެޖެންޑާގައި ހިމެނިފައިނުވުމާއި ބައްދަލުވުމަށް އެޖެންޑާކުރުމަށް މެންބަރުން ހުށަހަޅާ މައްސަލަތައް ކައުންސިލުގެ ރައީސް އެޖެންޑާ ނުކުރުން
  10. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން ކައުންސިލުގެ މަސައްކަތު ތާވަލާއި ބަޖެޓް ފާސްކޮށް ހުށަހަޅާފައި ނެތުން
  11. ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދުއާ އެއްގޮތަށް ކައުންސިލަރުންގެ ހާޒިރީ ބަލަހައްޓާފައިނުވުމާއި، ހާޒިރީއާ ގުޅުންހުރި ސުލޫކީ މައްސަލަތައް
  12. ކައުންސިލު އިދާރާ މުވައްޒަފުންގެ ހާޒިރީއާއި ގުޅުންހުރި މައްސަލަ

ކައުންސިލުގެ ރައީސް ކައުންސިލު އިދާރާތެރޭ ދުންފަތުގެ އިސްތިއުމާލުކުރާ މައްސަލަ.13

  1. ކައުންސިލު އިދާރާގެ ކަންކަމާ ގުޅޭ މައުލޫމާތުތައް ރަސްމީ ޗެނަލުން ބޭރުން، ކައުންސިލުގެ ރައީސް ރައްޔިތުންނަށް މައުލޫމާތު ލީކްކުރާ މައްސަލަ
  2. ކައުންސިލުގެ ރައީސް، ކައުންސިލުގެ މުވައްޒަފުންނަކީ ދަށް ފަންތީގެ ބައެއް ކަމަށް ބުނެ މުވައްޒަފުންގެ އަގުވެއްޓޭގޮތަށް މުވައްޒަފުންނާ ގުޅޭގޮތުން ދޮގު ވާހަކަތަކާއި ބޭއަދަބީ މެސެޖުތައް ކައުންސިލު ރަސްމީ ވައިބާ ގްރޫޕަށް ފޮނުވައި ސޯޝަލް މީޑިއާގައި އަދި ހޮޓާ ކެފޭތަކުގައި އެފަދަ ވާހަކަތައް ދައްކަމުންދާ މައްސަލަ
  3. ކައުންސިލު މުވައްޒަފުންނަށް އަޑުލައި ކަންކަމަށް މަޖުބޫރު ކުރުމާ މެންބަރުންގެ މެދުގައި ޖެހޭ މައްސަލަތަކުގެ ރުޅި ކައުންސިލު އިދާރީ މުވައްޒަފުންނަށް އަމާޒުކުރަމުންދާ މައްސަލަ
  4. ކައުންސިލު ބައްދަލުވުމުން ކަންކަން ނިންމުމުން އެކަންކަން ތަންފީޒު ނުވާނެ ކަމަށް ބުނުމާއި، ބައްދަލުވުމުން ނިންމާ ނިންމުން ތަންފީޒު ނުވާ މައްސަލަ
  5. ކައުންސިލުން ޤާނޫނު ނަންބަރު: 2010/7 (ދިވެހިރައްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައިވާ ގޮތުގެމަތިން ރައްޔިތުންނަށް ޖަވާބުދާރީ ނުވާ މައްސަލަ
  6. ސެކްރެޓަރީ ޖެނެރަލް މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާނުކުރުމާ، އެކި މުވައްޒަފުންގެ މެދުގައި ތަފާތުކުރުމާއި ކުދި ކުދި ކަންކަމުގައި މުވައްޒަފުންނަށް އިންޒާރުދޭ މައްސަލަ
  7. ކައުންސިލު އިދާރާގެ ތެރޭގައި ކައުންސިލަރުން އެކަކު އަނެކަކު ގަޔަށް އަތްލައި މާރާމާރީ ހިންގާ މައްސަލަ
  8. ކައުންސިލަރުން ރަސްމީ ވަގުތާއި، ކައުންސިލުގެ އާންމު ބައްދަލުވުންތަކަށް ނުރަސްމީ ހެދުމުގައި ކައުންސިލަރުން ހާޒިރުވާ މައްސަލަ
  9. ކައުންސިލަރުން ބޭއަދަބީ ބަހުރުވައިން ބައްދަލުވުންތަކާއި، މަސައްކަތުގެ މާހައުލުގައި ޒުވާބުކުރާ މައްސަލަ
  10. ކައުންސިރުންގެ ފަރާތުން އިދާރާގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާކުރާކަމުގެ މައްސަލަ
  11. ކައުންސިލަރުން މުވައްޒަފުންގެ މަސައްކަތްތައް ހުރަސްއެޅޭ ގޮތަށް ޢަމަލުތައް ބެހެއްޓުން
  12. ކައުންސިލު އިދާރާގައި ބައިބައިވުން އުފެދި، މުވައްޒަފުން މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއް ނެތުން
  13. ކައުންސިލުގެ ރައިސް ހިތްހަމަ ނުޖެހޭ މެންބަރުންގެ ޗުއްޓީ ހިފެހެއްޓުން
  14. ކައުންސިލްގެ ރައީސްގެ ފަރާތުން ރަށުގައި އުޅޭ ބިދޭސީންނަށް ބިރުދައްކާ މައްސަލަ

އެލްޖީއޭއިން މިރޭ ބުނީ އެ އިންކުއަރީން ފާހަގަކުރެވިފައިވާ ކަންކަމުގެ ކުޑަބޮޑު މިނާއި، އެ ކައުންސިލަރުންނާ ގުޅޭގޮތުން މި އިންކުއަރީން ފާހަގަކުރެވިފައިވާ ކަންކަމުގެ ސަބަބުން ކައުންސިލަށާއި ލާމަރުކަޒީ ނިޒާމަށް ނުހަނު ގެއްލުން ލިބޭނެ ކަމަށް ފެންނަ ކަމަށެވެ.

އެހެންކަމުން ވާދޫ ކައުންސިލުގެ ރައީސް ޙަސަން ޢަބްދުﷲ އާއި ވާދޫ ކައުންސިލުގެ މެންބަރު މުޙައްމަދު ޝިފާޤް ސަސްޕެންޑް ކޮށްފައި ވަނީ މުސާރަ ނުލިބޭ ގޮތަށް ތިން މަސް ދުވަހަށެވެ. އަދި ކައުންސިލުގެ ނައިބްރައީސް ޙާޝިރު މުޙައްމަދާއި ކައުންސިލުގެ މެންބަރު ސާރާ މުޙައްމަދު ސަސްޕެންޑްކޮށްފައިވަނީ ދެ މަސް ދުވަހަށެވެ.

މީގެ އިތުރުން ކައުންސިލުގެ މެންބަރު މާރިޔަތު އިބްރާހީމް ސަސްޕެންޑްކޮށްފައި ވަނީ އެއް މަސް ދުވަހަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް