ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނު މައްސަލައިގައި ނިމިދިޔަ ސަރުކާރުން ޒިންމާދާރުކަން ކުޑަގޮތަކަށް އަމަލުކުރުމުގެ ސަބަބުން މި މައްސަލައިގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުމާ ގުޅިގެން ގެއްލިގެން ދިޔަ ބައި އަނބުރާ ހޯދުމަށް މިހާރު ކުރަމުންދާ މަސައްކަތުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފިއެވެ.
އޭޖީ އޮފީހުން މިއަދު ވަނީ ރާއްޖޭގެ ދެކުނުން ދިވެހިރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދުން ބައެއް ފޯޅަވައްސާ ފުށުއަރާކަމަށްބުނެ ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން ހުށަހެޅި މައްސަލައިގައި، ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ގެއްލޭ ގޮތަށް އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމާފައިވާ ނިންމުން ދިރާސާކޮށް، ކަނޑުން ގެއްލުނު ސަރަހައްދު އަނބުރާ ހޯދުމަށްޓަކައި، އެ މައްސަލައާ ގުޅިގެން އެ އޮފީހުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ ގޮތުން ބަޔާނެއް ނެރެފައެވެ.
އޭޖީ އޮފީހުން ބުނީ މި މައްސަލައާ ގުޅިގެން ގާނޫނީ ލަފާ ހޯދުމަށް ޢައްޔަނުކޮށްފައިވާ އިނގިރޭސިވިލާތުގެ ކިންގްސް ކައުންސެލްއަކާއި، ލޯ އޮފް ދަ ސީ އާ ބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރުގެ ލަފާ އެ އޮފީހަށް މިހާރު ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި މިހާތަނަށް ލިބިފައިވާ ގާނޫނީ ލަފާތަކުގެ
މައްޗަށް ބިނާކޮށް، މި މަސައްކަތްކުރުމަށް ބަންޑާރަނައިބު އުފައްދަވާފައިވާ ވިލަރެސް ކޮމިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓް އެ އޮފީހަށް ލިބިފައިވާ ކަމަށެވެ.
މީގެ އިތުރުންވެސް، ކަނޑުތަކާ ބެހޭ ގާނޫނީ ދާއިރާގެ ޚަބީރެއްގެ ހައިސިއްޔަތުން ކުރީގެ ބަންޑާރަނައިބު ޑރ.މުޙައްމަދު
މުނައްވަރުގެ ގާނޫނީ ލަފާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
އޭޖީ އޮފީހުން ބުނީ މި މައްސަލައާ ގުޅިގެން ގާނޫނީ ލަފާ ހޯދުމަށް އައްޔަނުކޮށްފައިވާ ޚަބީރުން މިހާތަނަށް ދެއްވާފައިވާ ލަފާ އަދި ވިލަރެސް ކޮމިޓީއިން ތައްޔާރުކޮށްފައިވާ ރިޕޯޓްގެ އިތުރުން މި މައްސަލައާ ގުޅޭ ލިޔެކިޔުންތަކުން ފާހަގަކުރެވޭ އެންމެ މުޙިއްމު އެއް ކަމަކީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (އަންކްލޯސް މުއާހަދާ) ގެ އާޓިކަލް 287 އާއި އެ މުއާހަދާގެ އެނެކްސް VII ގެ ދަށުން، ރާއްޖެއާއި މޮރިޝަސްގެ އީއީޒެޑް އަދި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ޑީ ލިމިޓްކޮށްދިނުމަށް އެދި 18 ޖޫން 2019 ވަނަ ދުވަހު، މޮރިޝަސްގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހެޅިކަމުގެ ނޯޓިސް ދިވެހި ސަރުކާރަށް ލިބުމާއެކު މައްސަލައިގެ ފުރަތަމަ މަރުހަލާތަކުގައި ނިމިދިޔަ ސަރުކާރުން އަމަލުކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށް ކަމަށެވެ. އަދި މި މައްސަލަ އިޓްލޮސްގައި ކުރިޔަށްދިޔައިރު ނިމިދިޔަ ސަރުކާރުން ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް ނެގެން ހުރި ގިނަ ދިފާއުތަކެއް އެ މައްސަލައިގެ ތެރެއިން ނަގާފައިނުވާ ކަމަށާއި މައްސަލައިގައި ނިމިދިޔަ ސަރުކާރުން ޒިންމާދާރުކަން ކުޑަގޮތަކަށް އަމަލުކުރުމުގެ ސަބަބުން މި މައްސަލައިގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުމާ ގުޅިގެން ގެއްލިގެން ދިޔަ ބައި އަނބުރާ ހޯދުމަށް މިހާރު ކުރަމުންދާ މަސައްކަތުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
އޭޖީ އޮފީހުން ބުނީ އިޓްލޮސްގެ ނިންމުން ބަދަލުކުރުމަށް ގޮންޖެހުންތަކެއް ހުރި ކަމުގައިވީ ނަމަވެސް މި މައްސަލައިގައި ގޮތެއް ކަނޑައެޅިއިރު ރިއާޔަތްކުރި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އެޑްވައިޒަރީ އޮޕީނިއަންއަކީ ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން އެއަށް އަމަލުކުރުން ލާޒިމުވާ ނިންމުމެއް ނޫން ކަމަށެވެ. އަދި މިހާރުވެސް ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ތަނެއްކަމުގައި ނުވާތީއާއި، އިންޓަރނޭޝަނަލް
ކޯޓް އޮފް ޖަސްޓިސްގެ އެޑްވައިޒަރީ އޮޕީނިއަންގެ މައްޗަށާއި ޔޫއެން ޖެނެރަލް އެސެމްބްލީގެ ރެޒޮލޫޝަންގެ މައްޗަށް ބިނާކޮށް، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބިގެންވާކަމަށް ބަލައި އިޓްލޮސްގައި މިމައްސަލަ ކުރިއަށް ގެންގޮސް، ސިޔާދަތީ ބާރުގެ މިލްކުވެރިކަމާމެދު ޚިލާފު
އުފެދިފައިވާ ސަރަހައްދެއްގެ ކަނޑުގެ ބައެއް އެއީ މޮރިޝަސްއަށް ލިބިގެން ވާ ތަނެއްކަމަށް އިޓްލޮސްއިން ނިންމި ނިންމުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ހަމަޖެހޭ ނިންމުމެއް ނޫންކަމަށް ޚަބީރުން ލަފާދެއްވާފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ. އަދި އެއީ އިޓްލޮސްއަށް ގާނޫނީ ގޮތުން ނިންމޭނެ ނިންމުމެއް ކަމާމެދު ގާނޫނީ ގޮތުން ސުވާލު
އުފެދޭތީއާއި، މި ސަބަބުތައް މިހެން ހުރުމުން އެ ނިންމުން އެއޮތްގޮތަށް ތަންފީޒުކުރުމުގައި ހުރަސްތަކެއް ހުރިކަމަށް ޚަބީރުން ލަފާދެއްވާފައިވާ ކަމަށް ވެސް އޭޖީ އޮފީހުން ބުންޏެވެ.
“އިސްވެ ބަޔާންކުރެވުނު ކަންކަމުގެ މައްޗަށް ބިނާކޮށް، ކަމާބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އިޓްލޮސްއިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށްޓަކައި، އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަށް ކުރަންޖެހޭ ކަންކަން މި އޮފީހުން މިއަންނަނީ ކުރަމުން.“
މީގެ އިތުރުން، މި މައްސަލަ ކުރިޔަށް ގެންދިއުމުގައި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުން ނިންމަންޖެހޭ ކަންކަން، ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު ވަޒީރުންގެ މަޖިލީހަށް ހެޅުމުގެ މަސައްކަތް ކުރިއަށްދާކަމުގައި އޭޖީ އޮފީހުން ބުންޏެވެ.
އޭޖީ އޮފީހުން ބުނީ މި މައްސަލައާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުން ނިންމަވަންޖެހޭ ކަންކަން ނިންމެވުމާއެކު، މި މައްސަލައިގެ އިތުރު ތަފްސީލުތައް އާންމުކޮށް ހިއްސާކުރާނެ ކަމުގައެވެ.