އަޒުމަކީ ވީ ވައުދެއް ވިއްޔާ ފުއްދުން, އަޅުގަނޑު މަސައްކަތްކުރާ ގޮތަކީ ވެސް އެއީ: ރައީސް

Loading

Facebook
Twitter
WhatsApp

އެމަނިކުފާނުގެ އަޒުމަކީ ވެވަޑައިގެންނެވި ވައުދެއް ވިއްޔާ ފުއްދެވުން ކަމަށާއި މަސައްކަތް ކުރައްވަމުން ގެންދަވަނީ ވެސް އެ ގޮތަށް ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހއ.އަތޮޅާއި ހދ.އަތޮޅާއި ށ.އަތޮޅާއި ނ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ހއ.ހޯރަފުށްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ މެރިޓައިމް ޚިދުމަތްތަކާ އިކޮނޮމިކް ސެކިއުރިޓީއަށް ފޯކަސްކޮށްގެން ރިއަލް އެސްޓޭޓާއި ޓޫރިޒަމް އަދި އެހެނިހެން ވިޔަފާރިތައް ހިމެނޭގޮތަށް އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ ”މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ“ އިންޓަގްރޭޓަޑް މަޝްރޫއު ވެގެންދާނީ ރާއްޖޭގައި ފެށޭ އިގުތިސާދީ އެންމެ ބޮޑު މަޝްރޫއުއަށް ކަމަށެވެ.

“އަޅުގަނޑު މި ދެންނެވީ، މި ސަރަހައްދުގައި އިގުތިސާދީ ގޮތުން ރާއްޖޭގައި ހިންގާނެ އެންމެ ބޮޑު މަޝްރޫއު ފެށުމުގެ މަސައްކަތް މިވަނީ މިހާރު ހުރިހާ ކަމެއް ތަރުތީބު ކުރެވިފައޭ. އެއީ، ކުރީގައި ވީހެން ވާނެ ކަމެއް ނޫން. އެތައް ދުވަހެއް ދިޔައީ، މަޝްރޫއު ފެށޭނެ ކަމަށް އުންމީދު ކުރަމުން، ކުރަމުން. އެހެނެއް ނޫން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މަސައްކަތް ދާނީ. ވާ ވައުދެއް ވެއްޖިއްޔާ، ވީ ވައުދެއް ވިއްޔާ ފުއްދުން އަޅުގަނޑުގެ އަޒުމަކީ. އަދި އަޅުގަނޑު މަސައްކަތްކުރާ ގޮތަކީވެސް އެއީ. އަޅުގަނޑުމެންގެ ޓީމު މަސައްކަތް ކުރަނީވެސް އެހެން.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޭނުންވާނީ މިކަންކަމަށް އެއްވެސްކަހަލަ ހުރަސްތަކެއް ކުރިމަތިނުވެ ބާރު ސްޕީޑްގައި ދާގޮތްވާން ކަމަށާއި އެންމެ ބޮޑަށް މިކަމުގައި އެހީތެރިކަން ބޭނުންވާނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށެވެ.

އެއީ ރާއްޖޭގެ ގާނޫނުއަސާސީ ބައްޓަންވެފައި އޮތް ގޮތުން ކަމަަށާއި ސަރުކާރަކުން ކިތަންމެ ބޮޑު މަޝްރޫއުއއް ހިންގަން ބޭނުންވިޔަސް، ގާނޫނެއް ހަދައިގެންވިޔަސް، ގާނޫނަކަށް ބަދަލެއް ގެނެސްގެންވިޔަސް، އަދި އެނޫން ގޮތަކުންވިޔަސް ރައްޔިތުންގެ މަޖިލީހަށް ހުއްޓުވޭނެ ކަމަށާއި އަދި ބަދަލުތައްވެސް ގެނެވޭނެ ކަމަށާއި ހުރަސްތައްވެސް ކުރިމަތިކުރުވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

“މީގެކުރީގައިވެސް އެކަން ހިނގާފައި އެބަހުރި އެހެން. މިހާރު މިދިޔަ ތިންމަސް ތެރޭގައިވެސް ފެނިވަޑައިގަންނަވާނެ. އަޅުގަނޑުމެން އެތައް މަސައްކަތްތަކެއް، އަޅުގަނޑު ވެފައި ހުރި ވަޢުދުތައް ފުއްދުމަށް ޕްލޭނެއް ހަދައިގެން، 14 ހަފްތާއަށް ކަނޑައެޅި ޕްލޭންގެ ތެރެއިންވެސް ހަމަ ކުރަމުން ކުރަމުން ދަނިކޮށް، އެއްވެސް އަސާސެއްނެތި ފެނިވަޑައިގެންފައި ހުންނާނީ، އެތައް ހުރަސްތަކެއް ސަރުކާރު ހިންގުމަށް ކުރިމަތިކުރަމުންދާ ތަން.“ ރައީސް ވިދާޅުވިއެވެ.

އެހެންކަމުން މަޖިލީހަށް ހޮވާ ބޭފުޅުންނަކީ ރައްޔިތުންގެ ހައްގުގައި ކުރަން ހުރި މަސައްކަތްތަކަށް އެހީތެރިކަންދޭ، މަގުފަހިކޮށްދޭ ފަރާތްތަކަކަށް ހެދުމަކީ، ގައުމީ ވިސްނުމެއްގައިވެސް، ތަރައްގީގެ ވިސްނުމެއްގައިވެސް، ފަރުދީ ވިސްނުމެއްގައިވެސް، ރަށު ފެންވަރުގެ ވިސްނުމުގައިވެސް ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

“އަޅުގަނޑު މި ދޭ ޔަގީންކަމަކީ، ރައްޔިތުންނަށްޓަކައި އަޅުގަނޑުވީ ހުރިހާ ވައުދެއް އިރާދަކުރެއްވިއްޔާ ފުއްދައިދޭނަމޭ. ފުއްދުމުގައި ރައްޔިތުންގެ އެހީތެރިކަން ވަރަށް ބޮޑަށް އެބަ ބޭނުންވޭ. ރައްޔިތުންގެ މަޖިލީހުގައި މި ދެންނެވި ބާރާއި ދައުރު އޮންނާތީވެ.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހޯރަފުށީގެ ތަރައްގީއަށް އަދި އެ އަތޮޅުގެ ތަރައްގީއަށާއި ޖުމްލަކޮށް މުޅި ރާއްޖޭގެ ތަރައްގީއަށް ކުރަންހުރި މަސައްކަތްތަކުގައި ނަތީޖާ ނެރެދެއްވާނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް