އިނގިރޭސި ނިއުކްލިއަރ މިސައިލް އަތަށް ނުގޮވީ ކިރިޔާ

Loading

Facebook
Twitter
WhatsApp

ދަ ޓެލިގްރާފުން ރިޕޯރޓް ކޮށްފައިވާ ގޮތުގައި އިނގިރޭސި ވިލާތުގެ ކަނޑުގެ ސިފައިން ގޮއްވައިލި ނިއުކްލިއަރ މިސައިލް, އެ ގޮއްވައިލި ސަބްމެރިން ކައިރިއަށް ވެއްޓި އެ ދިމާއިން ކަނޑުގެ އަޑިއަށް ހިނގައްޖެއެވެ.

މިއީ މިގޮތަށް ދިމާވި ދެވަނަ ފަހަރެވެ. މީގެ ކުރިން އެމެރިކާގެ ގޮޑުދޮށުގައި ރޮޔަލް ނޭވީން ޓެސްޓަށް ގޮއްވާލި ޓްރައިޑެންޓް ނިއުކްލިއަރ މިސައިލަށް ވެސް ދިމާވެފައިވަނީ ހަމަ މިގޮތެވެ.

ޖެނުއަރީ 30 ވަނަ ދުވަހު ޓެސްޓުކުރި އެ މިސައިލްގެ ފުރަތަމަ ސްޓޭޖުގެ ބޫސްޓަރ ވާގޮތެއް ނުވިއެވެ. އެއަށްފަހު އެ މިސައިލް އެޗް. އެމް. އެސް. ވެންގާރޑް ކައިރިއަށް ކަނޑުތެރެއަށް ވެއްޓި އަޑިޔަށް ދިޔައީއެވެ. އެ މިސައިލް ސަބްމެރިނުން ނައްޓައިލި ނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭގައި ސަބްމެރިން ކައިރިއަށް ކަނޑުތެރެއަށް ވެއްޓުނީ ކަމަށް މައުލޫމާތު އެނގޭ ފަރާތަކުން މީޑިއާއަށް ކިޔާދިނެވެ. މިސައިލް އުދުއްސާލިއިރު އެ ސަބްމެރީންގައި ދިފާއީ ވަޒީރު ގްރާންޓް ޝަޕްސް އާއި ފަސްޓް ސީ ލޯޑް އެޑްމިރަލް ސަރ ބެން ކޭ ވެސް ހުންނެވި ކަމަށްވެއެވެ.

މިސައިލް ނާކާމިޔާބު ވީ ސަބަބު ދެނެގަތުމުގެ ތަޙުގީގުތައް ވަގުތުން ފަށައި އަދި މިސައިލް އުފެއްދުމުގައި ބޭނުންކުރި ޓެކްނޯލޮޖީގެ ސިއްރުތައް ކަނޑު އަޑިން ނެގުމުގެ މަސައްކަތްވެސް ވަނީ ވަގުތުން ފަށާފައެވެ.      

މިއީ 24 ބިލިއަން އިނގިރޭސި ޕައުންޑުގެ އަގުބޮޑު ސަބްމެރިންނަށް ބޭނުން ވެފައިވާ މައިންޓެނަންސް ސަރވިސްތައް ފުރިހަމަކުރުމަށްޓަކައި ހަތްއަހަރުވާންދެން ޕްލައިމައުތުގައި އަޅާފައިބޭއްވުމަށްފަހު ޑަމީ ހަތިޔާރާއެކު ޓެސްޓް ކުރަން ފުރުވާލެވުނު ފުރަތަމަ ފަހަރެވެ.

އިނގިރޭސި ދިފާއީ ވުޒާރާއިން ބުނެފައިވާ ގޮތުގައި ސަބްމެރިންގެ ހުރިހާ ޓެސްޓުތަކެއްގެ ނަތީޖާވެސް ދެއްކީ މުޅިން ރަނގަޅުކަމަށެވެ. އެހެންކަމުން މިއީ ދިމާވި އިއްތިފާގެއް ކަމަށް ބެލެވޭ ކަމަށެވެ.                  

އިނގިރޭސިވިލާތުގެ ނިއުކްލިއަރ ޕްރޮޖެކްޓަށް ދިމާވެގެން މިއުޅޭ މައްސަލައިގެ ތަފްސީލު ހައުސް އޮފް ކޮމަންސްއަށް ދިފާއީ ވަޒީރު ލިއުމުން ހުށައަޅުއްވަން ޖެހޭނެއެވެ.

އިނގިރޭސިވިލާތުގެ ދިފާއީ ވުޒާރާއިންވެސް އެ މިސައިލް ކާމިޔާބުނުވެ ސަބްމެރިން ކައިރިއަށް ވެއްޓުނީ ކަން ކަށަވަރުކޮށްދީފައި ވެއެވެ. އެކަމަކު އިތުރު ވާހަކައެއް ދައްކާކަށް ބޭނުމެއް ނުވިއެވެ. އަދި މީގެ ކުރިން 2016 ވަނައަހަރު ޓެސްޓުކުރި މިސައިލަށްވެސް މެދުވެރިވެފައިވަނީ ހަމަ މިނަތީޖާކަމަށްވެސް އެ ވުޒާރާއިން ބުނެފައި ވެއެވެ.

އިނގިރޭސިވިލާތުގެ މިލިޓްރީ ހާލަތު ދަށްވަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ނިއުކްލިއަރ ހަތިޔާރު އުފުލާ ސަބްމެރީނެއް 1969 ވަނައަހަރުން ފެށިގެން މެދު ކެނޑުމެއްނެތި ކަނޑުމަތީގެ ޕެޓްރޯލުގައި އޮތީ އޮންނަން ޖެހިފައެވެ. ދަންފަޅި ބަހައިގެން ވިޔަސް މި ބޭނުންތައް ފުއްދުމަށް ޓަކައި އިނގިރޭސި ވިލާތުގައި އޮތީ ވެންގާރޑް ކްލާސްގެ އެންމެ 4 ސަބްމެރީނެވެ. އެ ސަބްމެރީންތަކުގައި ޓްރައިޑެންޓް ބެލިސްޓިކް މިސައިލް އާއި އެހެނިހެން ނިއުކްލިއަރ ހަތިޔާރު އުފުލުމުގެ އިތުރުން 140 ފަޅުވެރިން މަސައްކަތް ކުރެއެވެ. އޭގެ ތެރެއިން އެއް ސަބްމެރިންގެ ސަލާމަތީ ނިޒާމެއް މަސައްކަތް ނުކުރުމުގެ ސަބަބުން މިދިޔަ ނޮވެމްބަރު މަހުގެތެރޭގައި ނުރައްކާތެރި ފުންމިނަކަށް ގެނބިގެންދަނިކޮށް ސަލާމަތްކުރެވުނީ ހަމަކިރިޔާއެވެ.

އިނގިރޭސިވިލާތުގެ ދުވަސްވީ ސަބްމެރިންތައް 2030 އާ ހަމަޔަށް ޑްރެޑްނޯޓް ކްލާސްގެ އުޅަނދުފަހަރަށް އާކުރުމުގެ މަސައްކަތް މިހާރު ކުރިއަށްއެބަދާކަމަށް ޚަބަރުތަކުގައި ބުނެފައި ވެއެވެ.                     

އިނގިރޭސިވިލާތުގެ ޑިފެންސް މިނިސްޓްރީން ބުނެފައިވާގޮތުގައި ވެންގާރޑް ކްލާސްގެ ސަބްމެރީންތަކުގެ މެއިންޓެނަންސް އާއި ސަލާމަތީ ހުރިހާ ވަސީލަތެއް ހުންނާނީ އެންމެ ފުރިހަމަގޮތުގައެވެ. އަދި އެ އުޅަނދުފަހަރުގައި މަސައްކަތްކުރާ ފަޅުވެރިން ނަށް ބޭނުންވާ ހުރިހާ ތަމްރީނަކާއި ބޭނުންވާ ވަސީލަތްތައްވެސް ހުންނާނީ ބަރާބަރަށް ހަމަޖެހިފައެވެ.                                                              
ސަބްމެރީނަށް މިފަހަރު ދިމާވި މައްސަލައަކީ ގައުމީ ސަލާމަތާ ގުޅިފައިވާ ކަމަކަށްވީތީ އިތުރު މައުލޫމާތު ހާމަކުރެވެން ނެތްކަމުގައި އިނގިރޭސި ދިފާއީ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި ޓްރއިޑެންޓް މިސައިލް ތަކަށް ދިމާވި މައްސަލައިގެ އިތުރު މައުލޫމާތު ހާމަކުރެވެންނެތް ކަމަށެވެ. މި ދެފަހަރު ދިމާވެގެން މިއުޅޭ މައްސަލައަކީ އިއްތިފާގެއް ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.                                       

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް