ތިނަދޫ ސިޓީ ޙަޤީޤީ ފުރިހަމަ ސިޓީއަކަށް ހަދައިދޭނަން: ރައީސް މުޢިއްޒު

Loading

Facebook
Twitter
WhatsApp

ތިނަދޫ ސިޓީ ޙަޤީޤީ ފުރިހަމަ ސިޓީއަކަށް ހަދައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ރޭ ގދ. ތިނަދޫ ސިޓީ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ތިނަދޫ ސްކޫލުގައި ކުރިއަށްދިޔަ މި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ، މި ސަރުކާރުން ތިނަދޫ ސިޓީ ޙަޤީޤީ މާނާގައި ތަރައްޤީ ކުރާނެ ގޮތްތައް ތަފުޞީލީ ގޮތެއްގައި ވިދާޅުވެދެއްވާފައެވެ.

އެގޮތުން އެ މަނިކުފާނު ވިދާޅުވީ ތިނަދޫއަކީ މި ސަރުކާރުގެ ތަރައްޤީ ޕްލޭންގައި ހިމެނޭ، ސަރަހައްދީ ތަރައްޤީގެ އެއް ނާރެސް ކަމުގައެވެ.

މި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަމުން ތިނަދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީ ކުރުމަށްޓަކައި ރޭ ސޮއިކުރެވުނު ފަހުމުނާމާގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

ތިނަދޫ ސިޓީގައި ތަރައްޤީކުރާ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކީ، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭނެ ފެންވަރަށް ތަރައްޤީ ކުރާނެ ވައިގެ ބަނދަރެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

މިގޮތުން މި ވައިގެ ބަނދަރަކީ ފެންމަތީގައި ހަދާ ތަނެއް ކަމަށާއި، ތިމާވެއްޓާ ރަށްޓެހި ވައިގެ ބަނދަރަކަށް އެތަން ވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ތެރެއިން ފްލައިންގ ސްކޫލަކާއި، 12 ރިސޯޓް ތަރައްޤީވެގެން ދިއުމުން ރައްޔިތުންނަށް ވަޒީފާ ލިބި މުޅި ސަރަހައްދު ކުރިއަރާނެކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ހަމަ އެއާއެކު މި މަޝްރޫޢު ގިނަވެގެން 2 އަހަރު ތެރޭގައި ނިމޭނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މަޝްވަރާގެ އުސޫލުން ވާހަކަދެކެވިގެން ރިވެތި އުސޫލުން ކަންކަން ކުރެއްވުމަށް ބާރުއަޅުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެ މަނިކުފާނަށް އެންމެ މުހިންމީ ރައްޔިތުން އެދޭ ކަންކަން ކުރެވިގެން ދިއުން ކަމުގައި ފާހަގަކުރައްވައި، ވަކި މީހެއްގެ ވިސްނުންހުރި ގޮތެއް ނުބަލައި ކޮންމެ ރައްޔިތަކަށްވެސް ހަމަހަމަ އުސޫލުން ކަންތައްތައް ކޮށްދެއްވުމަށް އެ މަނިކުފާނު މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

އެކަމުން ޤައުމަށް ހަމަޖެހުން ލިބިގެންދާނެކަމަށާއި ސިޔާސީ ވިސްނުމެއްގައި ބޭއިންސާފުން މީހުންނާމެދު ކަންތައްތައް ކުރުން ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ބާރުއެޅުއްވިއެވެ.

މި ސަރުކާރު އައީ ޤައުމަށް ހަމަޖެހުން ގެންނަން ކަމުގައި ވިދާޅުވެ، އެންމެން އެއްބައިވަންތަކަމާއެކު މަސައްކަތް ކުރުމަށާއި، ސަރުކާރުން ކުރާ މަސައްކަތްތަކަށް ރައްޔިތުން އެއްބާރުލުން ދެއްވުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މި ޖަލްސާގައި ރައީސް ވަނީ އިޤްތިޞާދު ތަރައްޤީ ކުރުމަށް މި ސަރުކާރުން ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތައްވެސް ރައްޔިތުންނާ ޙިއްޞާ ކުރައްވާފައެވެ.

ނިމިދިޔަ ސަރުކާރުން 800 މިލިއަން ރުފިޔާ ޗާޕުކުރުމުންނާއި، އާމްދަނީ ލިބޭނެ ގޮތްތައް ނުހޯދައި ޚަރަދުތައް އިތުރުކުރުމުންނާއި، ޖަމާކުރެވިފައި ހުރި ޑޮލަރު މާރުކުރުމުންނާއި އަދި މިފަދަ އެތައް ސަބަބުތަކަކާ ހުރެ ދިވެހިރާއްޖޭގެ އިޤްތިޞާދު އަނދަވަޅަކަށް ވެއްޓެން މެދުވެރިވިކަން ރައީސް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އެކަންކަމާ އެކުވެސް މި ސަރުކާރުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި އެކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ވާހަކަފުޅު ދެއްކެވިއެވެ.

އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އަދި ގއ އާއި ގދ ގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް