ވޯޓު އޮޅުވާލުމުގައި އިސްދައުރެއް އަދާކުރީމު: ރާވަލްޕިންޑީ ގެރިސަންގެ ކޮމިޝަނަރ 

Loading

Facebook
Twitter
WhatsApp

އެއްވެސް ސިޔާސީ ޕާޓީއަކަށް ކާމިޔާބީއާ ހަމަޔަށް ނުދެވި ޕާކިސްތާނުގެ އާންމު އިންތިޚާބު ނިމިގެން ދިއުމުން ވޯޓު އޮޅުވާލުމާއި ވޯޓުފޮށްޓަށް ސަރުކާރުން އަތްބޭނުންފަދަ އެތައް ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށް ވޯޓު އޮޅުވާލުމާއި ވޯޓުން ވައްކަންކުރުމަށް މަގުފަހިކޮށްދިން ކަމަށް ޕާކިސްތާނުގެ އިސް އޮފިޝަލަކު އިއުތިރާފުވެއްޖެ ކަމަށް އިނގިރޭސި ވިލާތުގެ ދަ ޓެލިގްރާފުން ޚަބަރު ދީފިއެވެ.

ޕާކިސްތާނުގެ ބާރުގަދަ މިލިޓްރީގެ މައިމަރުކަޒު ވެސް ހުންނަ ރާވަލްޕިންޑީގެ ސިފައިންގެ ކިއްލާތަކުގެ ކޮމިޝަނަރ ލަޔާގަތު އަލީ ޗައްޓާ ބުނެފައިވަނީ އޭނާ އަމިއްލައަކަށް ފުލުހުންގެ ބާރުގެ ދަށަށް ދާނެކަމަށެވެ. އޭނާ ވަޒީފާއިން ވަކިވުމުގެ ކުރިން ބުނެފައިވަނީ ވޯޓު އޮޅުވާލުމާއި ވޯޓުން ވައްކަން ކުރުމުގައި އެކަންތައްތައް ރާވައި ހިންގުމުގައި އޭނާގެ ސީދާ ބައިވެރިވުން ހިމެނޭކަމަށެވެ. އަދި ގައުމަށްޓަކައި މިވަރުގެ ބޮޑު ޚިޔާނާތެއްވުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށަށް ނުގޮސް އިންސާފަށް ފިލައިގެން ހުރުމަށް އަމިއްލަ ޒަމީރު ހުއްދަ ނުކުރާކަމަށް ވެސް އޭނާ ބުނެފައިވެއެވެ. އަދި ޕާކިސްތާނުގެ އެންމެ އިސް ފަނޑިޔާރުންނަށާއި އިލެކްޝަން ކޮމިޝަންގެ ވެރިންނަށް އޮޅުވާލައި ދޮގު މައުލޫމާތު ދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ އޭނާކަމަށް ވެސް އިއުތިރާފުވެފައި ވެއެވެ.

ނޫސްވެރިންނަށް އޭނާ މައުލޫމާތު ދީފައިވާގޮތުގައި “ އަހަރެމެން އޮންނާނީ ނާކާމިޔާބުވީ މީހުންނަށް ނޭޝަނަލް އެސެމްބްލީގެ 13 ގޮނޑިއާއި ހަތްދިހަ ހާސް ވޯޓު ކާމިޔާބު ކޮށްދީފައެވެ.“                         

ރާވަލްޕިންޑީއިން ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ވަފާތެރި ކެންޑިޑޭޓުންނަށް ވޯޓު ނުލިބޭ ކަމަށް ހަދާފައި މުސްލިމް ލީގު- ނަވާޒް އަށާއި އަދި ޕީޕަލްސް ޕާރޓީއަށް ގިނަ ވޯޓުތަކެއް ކާމިޔާބު ކުރެވުނު ކަމަށް ހެދީމެވެ.

ލަޔާގަތު އަލީ ޗައްޓާގެ ބަޔާން އިލެކްޝަން ކޮމިޝަނުން ގަބޫލެއް ނުކުރެއެވެ. އެހެންނަމަވެސް އެކަންތައް ތަޙްގީގު ކުރާނެ ކަމަށް ވަނީ ބުނެފައެވެ. އޭނާގެ ބަޔާނަށްފަހު ޕާކިސްތާނުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެންމެ އިސް ޖަމާއަތުން ބުނެފައިވަނީ ސަރުކާރުން ވޯޓާ ކުޅެފައިވާކަން މިހާރު ފަޅާއަރަމުން ދާކަމަށެވެ.           

ޕާކިސްތާނުގައި ވޯޓުލުން ކުރިއަށް ދިޔައިރު އެ ގައުމުގެ ހުރިހާ މޮބައިލް ނެޓްވާރކް ތަކެއް ވަނީ ކަނޑާލާފައެވެ. ނަތީޖާއެއްގެ ގޮތުން ވޯޓު ގުނުމަށްވެސް 24 ގަޑިއިރު ހޭދަވެގެން ދިޔައެވެ.

ޕާކިސްތާނުގެ ސިފައިންގެ އެއްބާރުލުން ލިބިފައިވާ ޕާކިސްތާން މުސްލިމް ލީގު-ނަވާޒް އިން މިހާރު އަންނަނީ ޕާކިސްތާން ޕީޕަލްސް ޕާރޓީއާއި އަދި ބައެއް ކުދި ކުދި ޕާރޓީތައް ހިމެނޭގޮތުގައި ސަރުކާރެއް އެކުލަވާލަން މަސައްކަތް ކުރަމުންނެވެ.

އިމްރާން ޚާނަށް ވަފާތެރި މެމްބަރުން މިހާރު ގެންދަނީ މުޅި ގައުމު ހިމެނޭ ގޮތުގައި އިހްތިޖާޖު ކުރަން ރާވަމުންނެވެ. ތަހްރީކޭ އިންސާފް ޕާޓީގެ ފިޔަތައް ބުޑުދޮށުން ކޮށާލައި ދެފައިގައި ހިލިހިލާ ޖެހުމަށްފަހު އިންތިޚާބު ބޭއްވުމުން ވެސް އެހެން އެއްވެސް ޕާޓީއަކަށް ނުލިބޭ ވަރަށް އެ ޕާޓީއަށް ވަފާތެރި މެމްބަރުން ވަނީ ކާމިޔާބު ކޮށްފައެވެ. އެހެންނަމަވެސް އެހެން އެއްވެސް ޕާރޓީއަކާއި ގުޅިގެން ސަރުކާރެއް އުފެއްދުމުގެ ވިސްނުމެއް އެ މެމްބަރުން ނުގެންގުޅެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް