އިސްރަށްވެހިންގެ ނާދީގެ ނަމުގައި މި ސަރުކާރުން ތަރައްޤީކުރި އިސްރަށްވެހިންގެ މަރުކަޒު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ހުޅުވައިދެއްވައިފިއެވެ.
މިއީ ސަރުކާރުގެ ހަފްތާ14 ގެ ތެރޭގައި ހިމެނޭ އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާއީ މަރުކަޒުތަކެއް ބިނާ ކުރުމުގެ މަޝްރޫޢުގެ ތެރެން ބިނާކުރެވުނު ފުރަތަމަ މަރުކަޒެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޤައުމުގެ ކުރިމަގު ބައްޓަން ކުރުމުގައި ދިވެހިންގެ އަސާސްތަކުގެ މަތިން ހަނދާން ބަހައްޓަން ޖެހޭ ކަމަށާއި، އެގޮތުން އިސްލާމް ދީނާއި ދިވެހިބަހާއި ސަގާފަތާއި އާދަކާދަތަކަށް އޭގެ ފުރިހަމަ ގޮތުގައި އިހުތިރާމު އަދާކޮށްގެން ކުރިއަށް ދާންޖެހޭ ކަމުގައި ވިދާޅުވިއެވެ.
އެގޮތުން މި ހުޅުވުނު މަރުކަޒަކީވެސް މި ޤައުމީ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ ތަނަކަށް ވާނެ ކަމަށާއި މި މަރުކަޒުގެ ފުރިހަމަ ބޭނުން ހިފުމަށް އިސްރަށްވެހިންގެ ކިބައިން ރައީސް އެދިވަޑައިގެންނެވިއެވެ.
ހަމަ އެހެންމެ އިސްރަށްވެހިންނަށް ދޭންވާ އިސްކަން ސަރުކާރުން ދެއްވާނެ ކަމަށާއި އަދި އެ ބޭފުޅުންނަށް ބޭނުންވާ އެހީތެރިކަމާއި ފުރިހަމަ އެއްބާރުލުން ސަރުކާރުން ދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ މަރުކަޒުތައްވެސް މީގެ ކުރިން ހުރީ އަޅާނުލެވި ކަމަށާއި، މި ސަރުކާރުން އެކަންކަން ބަދަލު ކުރަން ފަށާފައިވާކަން ފާހަގަކުރެއްވިއެވެ.
މިގޮތުން މި ސަރުކާރު ކުރިއަށްދާނީ އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެނޫންވެސް ހަވާސާ ވެފައިވާ ފަރާތްތަކަށް ޚާއްސަ ސަމާލުކަންދެއްވައިގެން ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިންގާނީވެސް އެފަދަ ހަވާސާވެފައިވާ ފަރާތްތަކަށް ފުރުޞަތު ދެއްވައިގެން ކަމުގައި ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ވަޒީރުންނާއި ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ
ރާއްޖޭގެ އުތުރާއި ދެކުނާއި މެދު ރާއްޖެތެރޭގައި، އިސް ރަށްވެހިންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ޔަޤީންކުރުމަށްޓަކައި ކަނޑައެޅޭ ތަފާތު ޚިދުމަތްތަކެއް ހިމެނޭގޮތަށް މަރުކަޒުތަކެއް ޤާއިމު ކުރުމަށް ސަރުކާރުގެ މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ.
![]()
