ރަޝިޔާގެ ސައިންސްވެރިން ކެންސަރަށް ވެކްސިނެއް އުފެއްދުމާ ގާތްވެފައިވާ ކަމަށް އެ ޤައުމުގެ ރައީސް ވްލަޑްމިއާ ޕޫޓިން ވިދާޅުވެއްޖެއެވެ.
ފިއުޗާ ޓެކްނޮލޮޖީ ފޯރަމްގައި ވާހަކަދައްކަވަމުން ޕޫޓިން ވިދާޅުވީ ކެންސަރަށް ވެކްސިންތަކާއި އާ އިމިއުނޯމޮޑިއުލޭޓަރީ ބޭސްތައް އުފެއްދުމާ ވަރަށް ގާތަށް އައިސްފައިވާ ކަމަށެވެ.
އެގޮތުން މި ފަރުވާތަކަކީ ވަރަށް އަވަހަށް ބޭނުން ކުރެވޭނެ ފަރުވާތަކަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޕޫޓިން އިތުރަށް ވިދާޅުވެފައި ވެއެވެ.
ރަޝިޔާގެ ސައިންސްވެރިން ކެންސަރަށް ވެކްސިނެއް އުފެއްދުމާ ގާތްވެފައިވާ ކަމަށް ރައީސް ޕޫޓިން ވިދާޅުވެފައި ވާއިރު އެ ވެކްސިންތަށް އަމާޒުކޮށްފައި ވަނީ ކޮން ބާވަތެއްގެ ކެންސަރަކަށް ފަރުވާ ހޯދަމަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ގިނަ އަދަދެއްގެ ޤައުމުތަކާއި ކުންފުނިތަކުން ދަނީ ކެންސަރަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.
މިދިޔަ އަހަރު އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ޖަރުމަނުގެ ބަޔޯއެންޓެކްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށް، ”ޕާސަނަލައިޒްޑް ކެންސަރަށް ފަރުވާ“ ފޯރުކޮށްދޭ ކްލިނިކަލް ޓްރައިލްތައް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މީގެ އިތުރުން ބޭސް އުފެއްދުމުގައި ތަޖުރިބާކާރު ކުންފުންޏެއް ކަމަށްވާ މޮޑަނާ އާއި މާކް އެންޑް ކޯ އިން ކެންސަރަށް ވެކްސިނެއް އުފައްދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، މިޑް ސްޓޭޖް ދިރާސާތަކުން ދައްކާ ގޮތުގައި ހަމުގެ ކެންސަރު ކަމަށްވާ މެލަނޯމާ ޖެހިގެން އެ ވެކްސިންއިން ތިން އަހަރު ދުވަހުގެ ފަރުވާއަށް ފަހު އަލުން ޖެހުމުގެ ނުވަތަ މަރުވުމުގެ ފުރުސަތު ދެބައިކުޅަ އެއްބައި ކުޑައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި ސާވިކަލް ކެންސަރު ހިމެނޭ ގޮތަށް ގިނަ ކެންސަރުތަކެއް ޖެހޭ ހިއުމަން ޕެޕިލޯމާ ވައިރަސް (އެޗްޕީވީ) އާއި ފުރަމޭގެ ކެންސަރަށް މަގުފަހިވާ ހެޕަޓައިޓިސް ބީ (އެޗްބީވީ) އަށް ބޭނުން ކުރުމުގެ ހުއްދަ ލައިސަންސް ލިބިފައިވާ ހަ ވެކްސިނެއް ވަނީ އުފައްދާފައެވެ.
ރަޝިޔާއިން ކެންސަރަށް ވެކްސިނެއް އުފެއްދުމާއި ގާތަށް އައިސްފައިވާ ކަން ހާމަކޮށްފައި ވާއިރު ކޮރޯނާ ވައިރަސްގެ ދުވަސްވަރު އެ ޤައުމުން ކޯވިޑް-19 އާ ދެކޮޅަށް އަމިއްލައަށް ސްޕުޓްނިކް ވީ ވެކްސިން އުފައްދައި ގިނަ ޤައުމުތަކަށް ވިއްކާލި ނަމަވެސް އެ ޤައުމުގައި އެ ވެކްސިން ޖަހަން ގިނަ އަދަދެއްގެ އާންމުން ވަނީ ފަސްޖެހިފައެވެ.
![]()
