މި އަހަރުގެ ރަމަޟާން މަހުގެ މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންސްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން އެ ކުންފުނީގެ އޮޕަރޭޝަންސްއަށް 5 ފޯކްލިފްޓް އިތުރުކޮށްފިއެވެ.
އެމްޕީއެލްއިން ބުނީ ކޮންމެ އަހަރެއްގެ ރަމަޟާން މަހަކީވެސް މާލޭ ވިޔަފާރި ބަނދަރުން އެތެރެކުރާ މުދަލުގެ އަދަދު އިތުރުވާ ދުވަސްވަރެެއް ކަމަށާއިވަކިން ޚާއްސަކޮށް ޕެރިޝަބަލްސް (އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި) އެތެރެކުރާ އަދަދު ވަރަށް ބޮޑުތަނުން އިތުރުވާ ކަމަށެވެ.
އެހެންކަމުން ކޮންމެ އަހަރަކު ވެސް އެ ކުންފުނިން ރަމަޟާން މަހަށް ދުރާލައި ތައްޔާރުވެ, ކާބޯތަކެތީގެ ބާވަތްތައް އަވަހަށް ކްލިއަރކޮށް, ވިޔަފާރީވެރިންނަށް ވީހާވެސް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ކުންފުނީގެ އޮޕަރޭޝަންސްތަކަށް ބަދަލުތަކެއް ގެންނަ ކަމަށެވެ.
“މި އަހަރުގެ ރަމަޟާން މަހު މުދާ ކްލިއަރކުރުމުގެ މަސައްކަތްތައް އަވަސްކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މި ކުންފުނިން މިހާރު ވަނީ 5 ފޯކް ލިފްޓް މި ކުންފުނީގެ އޮޕަރޭޝަންސްއަށް އިތުރުކޮށްފައި. މި ކުންފުނިން ގެނައީ HELI ބްރޭންޑްގެ 3.5 ޓަނުގެ 5 ފޯކް ލިފްޓް“
އެމްޕީއެލްއިން ބުނީ މި އަހަރުގެ ރަމަޟާން މަހު މުދާ ކްލިއަރކުރުމުގެ އޮޕަރޭޝަންސް އިތުރަށް ހަރުދަނާކުރުމަށް އިތުރު މަސައްކަތްތައް ވެސް އެ ކުންފުނިން މިހާރު ކުރަމުންދާ ކަމަށެވެ.
ރަމަޟާން މަހުގެ ތައްޔާރީތަކާ ބެހޭ އިތުުރު ތަފްސީލުތައް މީޑިއާއާ ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ފޮޓޯ: އެމްޕީއެލް