ރާއްޖޭގެ އިސްލާމީ ވަހުދަތު ހިމާޔަތް ކުރުމަށްޓަކައިވެސް އަލިރަސްގެފާނުގެ ޖިހާދުގެ ހަނދާން އާކުރަން ޖެހޭ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ޝަހީދުންގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އަލިރަސްގެފާނުގެ ގުރުބާނީ ތާއަބަދަށް ހަނދާން ކުރަން ޖެހޭނެ ކަން ފާހަގަކޮށް ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ އިސްލާމީ ވަހުދަތު ހިމާޔަތް ކުރުމަށްޓަކައިވެސް އަލިރަސްގެފާނުގެ ޖިހާދުގެ ހަނދާން އާކުރަން ޖެހޭ ކަމަށެވެ.
އެގޮތުން ނައިބު ރައީސް ވިދާޅުވީ މި ލޮބުވެތި ފަސްގަނޑުގެ ދިފާއުގައި ޖިހާދު ކުރެއްވި އެންމެހާ އަބުތާލުންގެ ޖިހާދުން ނުހަނު މުހިންމު ދަރުސްތަކެއް، ނުހަނު މުހިންމު ފިލާވަޅުތަކެއް ލިއްބައިދޭ ކަމަށެވެ.
އަދި އެއީ އަޅުގަނޑުމެންގެ ކޮންމެ ދިވެހި ދަރިއަކު ވަފާތެރިކަމާ، އަމާނަތްތެރިކަމާއެކު ދީނާއި ޤައުމަށް ޚިދުމަތް ކުރުމަކީ ލިބޭ އުފަލެއް ކަމުގައި ހަދަންޖެހޭނެ ކަމަށެވެ.
ހަމަ އެހެންމެ ތިމާގެ އަމިއްލަ މަސްލަހަތަށްވުރެ ދީނާއި ޤައުމުގެ މަސްލަހަތު އިސްކުރަން ޖެހޭނެ ކަމަށާއި ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި އަދުއްވުން ކުރިމަތީގައި އިންޗިއެއްވެސް ފަހަތަށް ނުޖެހޭނޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މިއަދުގެ ޅަ ދަރިންނަކީ މާދަމާގެ މުސްތަގުބަލުކަން ފާހަގަކޮށް ނައިބު ރައީސް ވިދާޅުވީ ޅަ ދަރިންގެ ހިތްތަކުގައި ޤައުމީ ލޯބި އަލާކުރުމަށް ޤައުމީ ބަތަލުންނާއި ޤައުމީ ޚިދުމަތްތެރިންގެ ޒިކުރާތައް އާކުރުން މުހިންމު ކަމަށެވެ.