އިސްރާއީލާއި ހަމާސްއާއި ދެމެދު ކުރެވެމުންދާ ހަނގުރާމަ ހީވެސް ނުކުރާ ކަހަލަ ކުރިއެރުމަކާއެކު އެމެރިކާއިން ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގަބޫލުކުރުން ވެސް ހިމެނޭ ގޮތުގައި ކުއްލިއަށް ނިމިދާނެކަމުގެ އުންމީދުތަކެއް ކުރެވެން ފަށައިފިކަމަށް އެމެރިކާގެ ދަ ވީކް އިން ޚަބަރުދެމުން އެބަ ގެންދައެވެ.
ޣައްޒާގެ ހަނގުރާމަ ނިމުމާއެކު ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމާއި އަދި އެމެރިކާއާއި ބައިނަލްއަގްވާމީ ދުނިޔެއިން އެ ދައުލަތް ގަބޫލު ކުރުމާބެހޭ ގޮތުން މިހާރު އެކުލަވާލާފައިވާ އުސްއަލިތައް އަލުން ދިރާސާކުރުމަށް އެމެރިކާގެ ޚާރިޖިއްޔާގެ ކަމާގުޅޭ މުއައްޒަފުންނަށް ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން އަމުރުކުރައްވާފައިވާކަމަށް އެމެރިކާގެ މަޝްހޫރު ނިއުސް އޭޖެންސީ އެކްސިއޯސްއާއި ހަވާލާދީ ދަ ވީކް އިން ބުނެފައިވެއެވެ.
އެހެންނަމަވެސް އެ މައްސަލާގައި އެމެރިކާއިން މިހާތަނަށް ކަންތައް ކުރަމުން އައިގޮތަށް ބަލާއިރު ފަލަސްތީނުގެ މިނިވަން ދައުލަތަކަށް އާނއެކޭ ބުނަން ތައްޔާރަށް އޮތްކަމުގައި ބުނަމުން ގެންދިޔަ ނަމަވެސް އިސްރާއީލާއި ފަލަސްތީނުން އެއްމޭޒުދޮށަށް ގެނެސް ވާހަކަ ދައްކައިގެން ގޮތެއް ނިންމަން ބާރު އަޅަމުންގެންދާ ޝަރުތު ފުރިހަމަ ކުރުމަކީ ނުކުރެވޭނެ ކަމެކެވެ. އެއީ ނަތަންޔާހޫ އެކަމަށް އެއްބަސް ނުކުރެވޭނެތީއެވެ.
ޕޮލިޓިކޯއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެމެރިކާގެ ވިސްނުމަށް މިއައި ކުއްލި ބަދަލަކީ ފަލަސްތީނުގެ މިނިވަންދައުލަތެއް އުފަންކުރުވައި އަދި ޔުނައިޓެޑް ނޭޝަންސް މެދުވެރިކޮށް އެހެން ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ގަބޫލުކުރުވުމަށް މަސައްކަތްކުރައްވަން ތައްޔާރުވަމުންދާކަން އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޑޭވިޑް ކެމަރޫން ހާމަކުރެއްވުމާ ގުޅިގެން މެދުވެރިވެފައިވާ ހާލަތެކެވެ.
ފަލަސްތީނުގެ ދައުލަތް އެކުލެވިގެންވާނެ ގޮތާއި ތަންތަނާ ބެހޭ ގޮތުން ކުރަންޖެހިފައިވާ ކަންތައްތަކައިގެން ކުރިއަށްދާން އަހަރެމެން މިފަށައިގަންނަނީ ކަމަށްވެސް ޚާރިޖީ ވަޒީރު ކެމަރޫންވަނީ ހާމަކުރައްވާފައެވެ.
ބޮޑުވަޒީރު ނަތަންޔާހޫގެ ފަރާތުން އެއްބާރުލުން ނުލިބޭނެކަމާއި ގޮތްދޫނުކޮށް ހިފާއްޓާނެކަން އަހަރެމެންނަށް އެނގެއެވެ. މިހާރު ވެސް އެދަނީ ފަލަސްތީނުގެ ދައުލަތެއް އުފެދުނަ ނުދޭން މަސައްކަތް ކުރަމުން ކަމަށާއި ޣައްޒާއާއި ޖޯޑަންގެ ހުޅަނގު ސަރަހައްދު ނުދޭނެކަމަށް ބުނެ ވާހަކަ ދައްކަމުންނެވެ. މިހާލަތުގައި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމާ ގުޅިގެން ކުރިއަށް ދާނީ ކިހެނެއް ހެއްޔެވެ؟
އެކްސިއޯސްއިން ދެކޭގޮތުގައި ފުރަތަމަ ފިޔަވަޅަކީ މެދުއިރުމަތީގައި ފެތުރިގެންމިދާ ހަމަނުޖެހުންތަކަށް ދާއިމީ ސުލްހަވެރި ނިމުމެއް ގެނައުމަށްޓަކައި އެމެރިކާއިން ކުރަމުންގެންދާ މަސައްކަތުގައި އިސްރާއީލުން ދެކިފާނެގޮތަކާމެދު ފިކުރުކުރުމަކާ ނުލައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފަންކުރުވައި އެމެރިކާއިން އެ ދައުލަތް ގަބޫލުކުރަން ޖެހޭނެއެވެ. ހަމައެއާއެކު ޣައްޒާއާއި ހުޅަނގު އައްސޭރި ހިމެނޭގޮތުގައި އަލަށް އުފަންކުރެވޭ ފަލަސްތީނުގެ ދައުލަތަކީ އިސްރާއީލަށް ނުރައްކާތެރި ދައުލަތަކަށްވެސް ވެގެން ނުވާނެއެވެ.
އިސްރާއީލުގެ މަޝްހޫރު ހާރެޒް ނޫހުގެ އެޑިޓަރުގެ ވިސްނުން ހުރިގޮތަކީ އިސްރާއީލުން ފަލަސްތީނުގެ ދައުލަތަށް ނޫނެކޭ ބުނެވޭނެ ޖާގައެއް ނުލިބޭނެއެވެ. އިނގިރޭސި ވިލާތުން ފަލަސްތީނުގެ ދައުލަތެއް އުފަންކުރުވަން މަސައްކަތް ފެށުމުން ނަތަންޔާހޫއާއި އިސްރާއީލުގެ ވެރިން ނޫނެކޭ ބުނެ ފައިވިއްދައިގެންތިބި ތިބުމަށް ނިމުމެއް ގެންނަން އެބަ ޖެހެއެވެ. އެހެންނޫނީ ދެން ފެންނާނީ ނަތަންޔާހޫ އިދިކޮޅަށް ބިނާކުރި ސިޔާސީ ހުރަސްފާރު އޭނާގެ ބޮލަށް ވެއްޓޭތަނެވެ. ފަލަސްތީނުގެ ދައުލަތެއް އުފަންކުރުވުން އޮކްޓޯބަރ 7 ގެ ހަމަލާއަށްފަހު ލަސްކުރެވެން ނެތްކަންވެސް ހާމަވެގެން ހިނގައްޖެއެވެ.
އެކްސިއޯސްގެ ވިސްނުމަށް ބަލާއިރު އެމެރިކާއިން ކުރަމުންގެންދާ މަސައްކަތުގައި ގޮފިތަކެއް އުފެދިދާނެއެވެ. އެންމެ ފުރަތަމަ އަލަށް އުފަންކުރެވޭ ފަލަސްތީނުގެ ދައުލަތަށް ޔުނައިޓެޑް ނޭޝަންސްގެ ފުރިހަމަ މެމްބަރުކަން ދިނުން ހިމެނެއެވެ. އޭގެ ސަބަބުން ގިނަ ގައުމުތަކަކުން ފަލަސްތީނުގެ ދައުލަތް ގަބޫލުކުރުމަށް މަގު ފަހިވެގެންދާނެއެވެ.
ދަ ވޯޝިންގޓަން ފްރީ ބީކަނުން ހާމަކޮށްފައިވާގޮތުގައި އެމެރިކާގެ ވިސްނުމާ އެއްގޮތަށް ކުރިޔަށްދިއުމުގައި ދީންވެރިޔަހޫދީންގެ އިއުތިރާޒްކުރުމާ ކުރިމަތިލާންޖެހޭނެއެވެ. ރިޕަބްލިކަން ސެނޭޓަރ ޓޮމް އެމަރ ބުނެފައިވާގޮތުގައި މެދުއިރުމަތީގައިތިބި އެމެރިކާއަށް އެންމެ ވަފާތެރި ބަޔަކީ ދީންވެރި ޔަހޫދީންނެވެ. އެމީހުން ދެކޭނީ އެމީހުންނަށް ބޫޓުގެ ދަށްފަރާތް ދެއްކީ ކަމަށެވެ. ސެނޭޓަރ ޓޮމް ކޮޓްންގެ ވިސްނުމުގައި ދީންވެރި ޔަހޫދީން ދެކޭނީ ފަލަސްތީނުގެ ދައުލަތަކީ އަބަދުވެސް އިސްރާއީލަށް އޮތް ނުރައްކަލެއް ކަމަށެވެ.
ދަ ޓައިމްސް އޮފް އިސްރާއީލުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފަލަސްތީނުގެ ދައުލަތެއް އުފަންކުރުވައި އެ ދައުލަތް އެހެން ގައުމުތަކުން ވެސް ބަލައިގަތުމަށް އެމެރިކާއިން ކުރަން ގަސްދުކުރާ މަސައްކަތުން އިސްރާއީލުން ރުޅިއައުން އިތުރު ވެގެންދާނެއެވެ. އެހެންނަމަވެސް ދެ ދައުލަތުގެ ސިޔާސަތަކީ އެމެރިކާއިން އަބަދުވެސް ބޭނުންވާ ގޮތެވެ.
ވައިޓްހައުސްގެ ތަރުޖަމާނު މަޓް މިލަރ ހާމަކުރައްވާފައިވާ ގޮތުގައި އެމެރިކާގެ ސިޔާސީ ނިންމުންވެސް އޮތީ އިސްރާއީލާއި ފަލަސްތީނުގެ ދެ ދައުލަތް އުފެއްދުމަށެވެ. އެ ނިންމުމަށް އެއްވެސް އުނިއިތުރެއް ނާދެއެވެ. ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފަންކުރުވުން ނޫން އެހެންގޮތެއް އެމެރިކާގެ ސިޔާސަތުގައި ނެތެވެ. ފެނިގެންދާނެ ހަމައެކަނި ބަދަލަކީ އެ ސިޔާސަތު ތަންފީޒުކުރެވިގެންދިއުމެވެ.
2 Responses
ނަހަދާނެ އެއްތެދު. ތިއީ ގައުމުތައް ފަނާކުރާ އެމެރިކާނު؟ އިޒްރޭލަށް ބޭނުންވި ގޮތަށް ފަލަސްޠީނުގެ ގާޒާ ކާލަން ނުލިބި މުޅި ދުނިޔެއަށް ބެޒާރުވީމާ މާރަނގަޅު ވެގަނެގެން އެމެރިކާގެ ޒިޔަތު ބުނެދޭނީ ކަމެއްނެތް. މެދުއިރުމަތީގެ ހަލާކަކީވެސް ތި އެމެރިކާ. އެމެރިކާގެ ޙަރަމް ދަރި ޔަހޫދީ އިޒްރޭލް އެވެ
ފަލަސަތީނުގެ ދައުލަތެއް އުފެދުމާ ހަމަޔަށް ތިޔަބައިމީހުންގެ ނިޔަތާމެދު ހަމަލޮލަކުން ނުބެލޭނެއެވެ. އަންނަ އަހަރު އިންތިޚާބުގައި އެހެންމީހަކު ރައީސް ކަމަށް އަތުވެއްޖެނަމަ އަނެއްކާވެސް މުޅިން އާފެށުމަކުން ފަށަންވީއެވެ. މިއީ މިހާތަނަށް ވަމުންއައި ގޮތެވެ.