ސަރުކާރަށް ނިސްބަތްވާ ފަރާތަކުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާކަން އެނގިއްޖެނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ރައީސް

Loading

Facebook
Twitter
WhatsApp

ޝަރުޢީ ދާއިރާއަށް ސަރުކާރަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވާކަން އެނގިއްޖެނަމަ ވަގުތުން ފިޔަވަޅު އަޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރު ފެށުމަށް މިއަދު ބޭއްވި ޖަލްސާގައި އެ މަނިކުފާނު އިއްވެވި ރިޔާސީ ބަޔާނުގައެވެ.

ރައީސް ވަނީ ދައުލަތް ހިންގުމުގެ ދެން އޮތް ދެ ބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހާ، ޝަރުޢީ ދާއިރާއަށް ސަރުކާރުން ފުރިހަމަ އެއްބާރުލުމާ އެހީތެރިކަން ދެމުން ގެންދާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

ހަމަ އެހެންމެ ޝަރުޢީ ދާއިރާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވައިކުރުމަށްފަހު، ޤައުމާ މުޚާޠަބުކޮށް ދެއްކި ވާހަކައިގާ، އެދުވަހުން ފެށިގެން، ސަރުކާރުން ޝަރީޢަތްތަކަށް ނުފޫޒު ފޯރުވުން ނިމުނީ ކަމުގައި ދެންނެވިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އެ މަނިކުފާނުގެ ސަރުކާރުން ހިފަހައްޓާނީ މި އުޞޫލު ކަމަށާއި ކުރިއަށް މިދަނީ ބަދަލުހިފުމުގެ ރޫޙު ނުގެންގުޅޭނެ ކަމަށްވީ ވަޢުދާއި އެއްގޮތަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ސިޔާސީގޮތުން މީހުން ހައްޔަރުކޮށް އަދަބު ދިނުމަކީ ނުކުރާނެ ކަމެއް ކަމަށާއި ޤައުމަށް ހަމަޖެހުން އަންނަން ޖެހޭ ކަމަށެވެ.

މިގޮތުން ޤާނޫނުގެ ވެރިކަން ކަށަވަރު ކުރާނެ ކަމަށާއި އަދުލުވެރިކަމާއި އިންސާފު ދައުލަތުގައި ޤާއިމު ކުރުމަށް ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބު އަދާކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ހަމައެއާއިއެކު، ޝަރުޢީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށާއި އެފަދަ ނުފޫޒެއް ސަރުކާރަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ފޯރުވާކަން އެނގިއްޖެނަމަ ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ހަމަ އެހެންމެ 17 ނޮވެމްބަރު 2023ގެ ފަހުން ޝަރުޢީ ދާއިރާ ހިނގަމުން އެ ދަނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތިކަން ރައީސް ވަނީ ވިދާޅުވެފައެވެ.

ޝަރުޢީ ދާއިރާގެ ކަންކަމަށް ސިޔާސީ ނުފޫޒު ވަންނާނެ ފުރުޞަތު ހަނިކުރުމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާގޮތަށް ޤާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލު ގެނައުމަށް ވަޢުދުވީ ފަދައިން، އެ ބަދަލު ގެނައުމަށް މަޖިލީހަށް ހުށަހަޅާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް