އެމެރިކާގެ ޓަވަރ-22 ގެ ބޮޑު ސިއްރު ފަޅާއެރުން

Loading

Facebook
Twitter
WhatsApp

ދަ ޓެލިގްރާފުން ޚަބަރުދީފައިވާ ގޮތުގައި އެމެރިކާގެ 350 ސިފައިންގެ ލަޝްކަރެއް ދިރިއުޅެމުން ގެންދަނީ އިރާގާއި ސީރިޔާއާއި އަދި ޖޯރޑަން އުތުރު ގުޅޭ ސަރަހައްދުގައި 15,000 މީހުން ދިރިއުޅެމުންގެންދާ ރެފިއުޖީ ކޭމްޕެއްގެ ކައިރީގައެވެ. އެމެރިކާއިން ބުނަމުންގެންދަނީ އެ ސަރަހައްދުގައި އެމެރިކާ ސިފައިންގެ ލަޝްކަރެއް އޮތުމުގެ ބޭނުމަކީ ރެފިއުޖީ ކޭމްޕުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ރައްކާތެރިކަމާއި ހިމާޔަތް ފޯރުކޮށްދިނުމަށެވެ.

އެމެރިކާގެ ސިއްރު ތަކުގެ މަރުކަޒުކަމުގައި ބެލެވޭ ޓަވަރ-22 އަކީ އެއީ އެވެ. އެމެރިކާއިން ބުނެފައިވާގޮތުގައި ޓަވަރ-22 އަކީ އެގައުމަށް ވަރަށް މުހިންމު ތަނެކެވެ. ތެދެކެވެ ! ތިން ގައުމަށް އެއް މަރުކަޒަކުން ފާރަލެވޭ ގޮތް ވުމަށްވުރެން ބޮޑު ފައިދާއެއް އޮންނާނެ ހެއްޔެވެ.

މިހާރު އެނގިފައިވާ މައުލޫމާތުތަކަށް ބަލާއިރު ޓަވަރ-22 ގައި ތިބި އެމެރިކާ ސިފައިންނަކީ ޚާއްސަ ތަމްރީނުތަކެއް ލިބިފައި ތިބި ވައިގެ ސިފައިންގެ އިންޖިނޭރުންނާއި ސެކިއުރިޓީއާއި ލޮޖިސްޓިކަށް ޚާއްސަ ބައެކެވެ. އެހެންނަމަވެސް އެމީހުން އަތުގައި ހުރީ ކިހާގިނަ އަދި ކޮންބާވަތެއްގެ ހަތިޔާރުކަމެއް ނޭނގެއެވެ.

ބުނެވިދިޔަ ތިން ގައުމުގެ އާންމު ރައްޔިތުންނަކަށް ޓަވަރ-22 އަކީ ކޮން މަގުސަދެއްގައި ނުވަތަ ކޮންކަމެއް ކުރާ ތަނެއް ކަމެއް ނޭގެއެވެ. އެކަންތައް އޮޅުންފިލުވުމަކީ އެ ގައުމުތަކުގެ ވެރިން ބޭނުންވާ ކަމެއް ނޫނޭ ވެސް ހީވާކަހަލައެވެ. އެމީހުންގެ ވެރިކަން ދެމިއޮވެއްޖެނަމަ އެހެންކަމަކާ މާބޮޑު ފިކުރެއް ކުރާ ހެން ހިއެއް ނުވެއެވެ. ސީރިޔާގެ ދެކުނުގައި އަލްތަންފު ގެ ނަމުން އެނގިފައިވާ އެމެރިކާގެ ފައުޖުގެ ބޭނުމަކީ އިސްލާމިކް ސްޓޭޓާ ދެކޮޅަށް އެ ގައުމުތަކަށް އެހީތެރިވުމަށާއި ޖޯރޑަންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުން ކަމުގައި ބުނެއެވެ.

އެހެންނަމަވެސް މައުލޫމާތު އެނގޭ ފަރާތްތަކުން ހާމަކޮށްފައިވާގޮތުގައި މިދިޔަ އާދީއްތަ ދުވަހު އެތަނަށް ދިން ޑްރޯން ހަމަލާގައި އެމެރިކާ ސިފައިން ތިންމީހަކު މަރުވުމާ ގުޅިގެން އުފެދުނު ޒުވާބުތަކާ ހަމަޔަށް ވެސް ޖޯރޑަން  ސަރުކާރަށް ޓަވަރ-22 އެއްގެ އެއްވެސް މައުލޫމާތެއް އެނގޭ ކަމަކަށް ނުވެއެވެ. އަދި އެ ސަރަހައްދުގެ އެހެން ގައުމުތަކަށް ވެސް ޓަވަރ-22 އިން ކުރަމުންގެންދާ ކަންތައް އެނގޭ ކަމަކަށް ނުވެއެވެ. ދެނެގަންނަން ބޭނުންވެސް ނުވާކަހަލައެވެ.

މުޅި މަންޒަރު ބަދަލުވެގެންދިޔައީ މިދިޔަ އާދީއްތަދުވަހުގެ ޑްރޯން ހަމަލާގައި އެމެރިކާގެ ސިފައިންގެ ތިން މީހުން މަރުވުމާގުޅިގެންނެވެ. ޖޯރޑަންއިން އެ މައްސަލާގައި ތުހުމަތުގެ އިނގިލި ދިއްކުރަނީ ސީރިޔާއާއި އިރާގުގައި ހަރަކާތްތެރި ވަމުންގެންދާ ޖިހާދީ ޖަމާއަތްތަކަށެވެ. އަދި އެ ޖަރީމާ ހިންގުމަށްފަހު ޖޯރޑަންގެ މައްޗަށް ފޫޅު ކަނޑަނީ ކަމަށެވެ.

އާދީއްތަދުވަހުގެ ހަމަލާގައި ގިނަ އަދަދެއްގެ އެމެރިކާ ސިފައިން ވެސް ވަނީ ޒަޚަމްވެފައެވެ.   

އަލްތަންފުގެ ނަންދެވިފައިވާ އެމެރިކާގެ ފައުޖުން ގެންދަނީ ޓަވަރ-22 ގެ އިތުރުން ދެކުނު ސީރިޔާގައި ހަރަކާތްތެރިވަމުން ގެންދާ ޖިހާދީ ޖަމާއަތްތަކާއި ތެހެރާނާ ދެމެދު ހިނގާ މުއާމަލާތުތަކަށް ވެސް ފާރަލެވޭ ގޮތަށް ސީރިޔާގެ ދެކުނުގެ ބޮޑެތި މަގުތަކުގައި ސިފައިންގެ ކުދިކުދި ފައުޖުތައް ބޭނުންކޮށްގެން ވެސް ހަރަކާތްތެރި ވަމުންކަން އެނގިފައިވެއެވެ.

ފަހަކަށްއައިސް ޓަވަރ-22 އަށް ދެވެމުންދާ ހަމަލާތަކުގައި އެމެރިކާ ސިފައިންނަށް ލިބޭ ގެއްލުން އިތުރުވެގެން ދިއުމާ ގުޅިގެން ސީރިޔާއާއި އިރާގުގައި ހަރަކާތްތެރި ވަމުންގެންދާ ޖިހާދީ ޖަމާއަތްތަކަށް ރައްދު ހަމަލާ ދިނުމަށް ރައީސް ބައިޑަންގެ ސަރުކާރަށް ކުރިމަތި ކުރަމުން ގެންދާ ފިއްތުންތައް އިތުރުވެ މިހާލަތުގައި ވެސް އެ ސަހަރައްދުގައި އެމެރިކާގެ ސިފައިން ތިބެން ޖެހޭތޯ ސަރުކާރަށް ކުރަމުންގެންދާ ސުވާލުތައްވެސް ދަނީ ގިނަވަމުންނެވެ.

ސީރިޔާ ސަރަހައްދުގައި ހަރަކާތްތެރިވަމުންގެންދާ އެމެރިކާގެ ސިފައިން އަނބުރާގެނައުމަށް ބާރު އަޅަމުން މިދިޔަ ޑިސެމްބަރ މަހުގެ ތެރޭގައި ސެނޭޓަރ ރޭންޑް ޕައުލް ވަރަށް މަސައްކަތްކުރިކަމަށް ވެއެވެ. ސެނޭޓަރ ޕައުލްގެ ޒުވާބުގައި ބުނެފައިވަނީ ބޮޑެތި ގެއްލުންތަކާ ކުރިމަތިވަމުންދާއިރު ވެސް އެއްވެސް މުހިންމު ބޭނުމެއްނެތި ސީރިޔާގައި އެމެރިކާ 900 ސިފައިން ތިބެންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ. ސިފައިން އެތަނުގައި ތިބުމަކުން އެމެރިކާއަށް ލިބޭ އެއްވެސް ފައިދާއެއް ނެތެވެ. އަދި އެ ސަރަހައްދުގައި ސިފައިން ތިބުމަށް ކޮންގްރެސްގެ ރުހުން ވެސް ދީފައެއް ނުވެއެވެ. އެކަމަކު އެންމެފަހުން ސެނޭޓަރ ރޭންޑް ޕައުލް އާއި އެހެން 12 މެމްބަރުން ކުރި މަސައްކަތްވެސް ވަނީ ފުލުން ދުއްވާލައިފައެވެ.

ސީރިޔާގެ ދާޚިލީ ހަނގުރާމައިގެ ކުރީކޮޅު އެ ސަރަހައްދު އޮތީ އިސްލާމިކް ސްޓޭޓުގެ ބާރުގެ ދަށުގައެވެ. ނަމަވެސް ފަހުން އީރާނުން މަދަދު ލިބޭ ކަމަށްބުނާ ޖިހާދީ ޖަމާއަތްތަކުގެ އެއްބާރުލުމާއެކު އެމެރިކާ ސިފައިންވަނީ އެ ސަރަހައްދުން އިސްލާމިކް ސްޓޭޓުގެ ހަނގުރާމަވެރިން ބަލިކޮށް އެ ސަރަހައްދު އަމާން ކޮށްފައެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ޓަވަރ-22 އަކީ ސިއްރު މައުލޫމާތު އެއްކުރުމުގެ ވަސީލަތެކެވެ. އެފަދަ ވަސީލަތެއް ގާއިމް ކުރެވިފައިނެތްނަމަ އީރާނުން މެޑިޓެރޭނިއަން ކަނޑަށް އެއްވެސް ހުރަހެއްނެތި ވާސިލު ވެވޭނެއެވެ.

2019 ވަނައަހަރު އިސްލާމިކް ސްޓޭޓް ބަލިކޮށް ސުންނާފައި ކޮށްލުމަށްފަހު އެމެރިކާގެ ސިފައިން ގެންދަނީ ދެކުނު ސީރިޔާގައި އީރާނުގެ ބާރުގަދަކޮށްފާނެކަމަށްބުނެ ޖޯރޑްންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ނަމުގައި އެމީހުން ބޭނުންވާ ސިޔާސަތު ތަކެއް ތަންފީޒު ކުރަމުންނެވެ. އެމެރިކާ ސިފައިން އެ ސަރަހައްދުގައި ބަނޑަހަޖަހައިގެން ތިބެނީ އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިން އަލުން އެނބުރި އަތުވެދާނެތީކަމުގެ ހުވަފެން ދައްކައިގެންނެވެ. މިހާރު އެ ޖަމާއަތުގެ 10,000 ވުރެ ގިނަ ހަނގުރާމަވެރިން ސީރިޔާގެ ޖަލުތަކުގައި ބަންދުކޮށްފާ ތިބިއިރު އެމީހުންގެ އަނބިދަރިންނާއި އިތުރު އެތައްބަޔަކު ދިރިއުޅެމުންގެންދަނީ ރެފިއުޖީ ކޭމްޕް ތަކުގައެވެ. އޭގެއިތުރުން ތުރުކީއާ ވަކިން ވަކި ދައުލަތެއްގެ ބޭނުމުގައި ހަނގުރާކުރަމުންގެންދާ ކުރުދީ ހަނގުރާމަވެރިންނަށް ގޮތް ކިޔައިދިނުމަކީވެސް އެމެރިކާ ސިފައިންގެ މެންޑޭޓްގައި ހިމެނޭ ކަމެކެވެ.

އެމެރިކާގެ ސިފައިންނަށާއި މިލިޓްރީ ވަސީލަތްތަކަށް ދޭތެރެ ދޭތެރެއިން ހަމަލާދެމުންގެންދާ އިރާގާއި ސީރިޔާގެ ޖިހާދީ ޖަމާއަތްތަކަށާއި އަލްގާއިދާ ޖަމާއަތުގެ މުޖާހިދުންނަށްވެސް ކުރުދީ ހަނގުރާމަވެރިން ގެންދަނީ އެމެރިކާގެ ސިފައިންނަށް އެއްބާރުލުން ދިނުމުގެ ގޮތުން ހަމަލާދެމުންނެވެ. އަދި ކުރުދީ ހަނގުރާމަވެރިން ގެންދަނީ އެމެރިކާ ސިފައިންގެ އެދުމުގެ މަތިން އީރާނުން ހިޒްބު ފަދަ ޖަމާއަތްތަކަށް އެހީ ފޯރުކޮށްދިނުމަށް ވެސް ހުރަސްތަކެއް މެދުވެރިކުރަމުންނެވެ.

މެދުއިރުމަތީގެ ގައުމަކަށް އެމެރިކާ ސިފައިންގެ އެހީތައް އެކި ސިފަސިފައިގާ އެންމެގިނައިން ލިބޭ ގައުމަކީ ޖޯރޑަން އެވެ. ޖޯރޑަންގެ ސިފައިންނަށް ބޭނުންވާ ގިނަ މާލީ އެހީތަކެއް ފޯރުކޮށް ދިނުމާއި އަދި ސިފައިން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައްވެސް ދެމެހެއްޓެނިވި ގޮތެއްގައި އެމެރިކާ ސިފައިން ގެންދަނީ ހިންގަމުންނެވެ.

2011 ވަނައަހަރު ސީރިޔާގެ ދާޚިލީ ހަނގުރާމަ ފެށުމާއެކު ސީރިޔާއާއި އިރާގުގެ މުޖާހިދުންގެ ނުރައްކަލުން ޖޯރޑްން ސަލާމަތްކުރުމުގެ ނަމުގައި ފާރަލުމުގެ ވަރަށް އަގުބޮޑު ޒަމާނީ ވަސީލަތެއް އެމެރިކާއިން ވަނީ ޖޯރޑަންގައި ގާއިމުކޮށްދީފައެވެ.

ޓަވަރ-22 އަށް ދިން ހަމަލާއާއިގުޅިގެން ސީރިޔާގައި ތިބި އެމެރިކާގެ 900 ސިފައިނަ ބޭލުމާ ދޭތެރޭ ވޮޝިންގޓަނުގައި މަޝްވަރާ ކުރެވެމުންދާކަމަށް ފަތުރަމުންގެންދާ ޚަބަރުތައް ވައިޓްހައުސްގެ ނޭޝަނަލް ސެކިއުރިޓީ އޮފިޝަލުން ދޮގުކުރެއެވެ. އެހެންނަމަވެސް އިރާގުގައިތިބި އެމެރިކާގެ 2500 ސިފައިން އެ ގައުމުން ބޭލުމާ ބެހޭގޮތުން ވާހަކަ ދެކެވެމުންދާކަމަށް ބުނެފައިވެއެވެ.

އަރަބި ގައުމުތަކުގެ ވެރިންނާއި އަދި އެމެރިކާއަށް ވެސް ތަސައްވުރު ނުކުރެވޭ ހަގީގަތަކީ މެދުއިރުމަތީގެ ބަދަލުވަމުންދާ ހާލަތެވެ. މިއަދު ވެސް އެމެރިކާއިން ދެކެނީ އަރަބިންނަކީ ބޮޑު ޖުއްބާލައިގެން ކަޅުސައި ހަދައިގެން ގުޑުގުޑާ ދަމަން ތިބޭ ބައެއްކަމަށެވެ. އަރަބި ގައުމުތަކުގެ މުއްސަނދި ވެރިންނަށް މުޚާތަބުކޮށް މިހާރުވެސް މިހެން ބުނެވިދާނެއެވެ. އެކަމަކު އުފެދިގެން އަންނަ ޖީލުތަކަކީ 1960 ގެ އަހަރުތަކާ އެއްފަދަ ޖީލުތަކެއް ނޫނެވެ. މިނިވަންކަމާއި އިސްތިގުލާލަކީ ތަބަކަކަށް ލައިފައި ހަދިޔާ ކުރާނެ އެއްޗެއްކަމަށް މިއަދުގެ ޖީލުތަކުން ގަބޫލެއް ނުކުރެއެވެ. އެއީ ބުރަމަސައްކަތުން އަރަބިންގެ ބަހުރުވައިން ބުނާނަމަ ޖިހާދުކޮށްގެންވިޔަސް އަތުލައިގަންނަން ޖެހޭ އެއްޗެކެވެ.

Loading

2 Responses

  1. ލިއުން ނިންމާލަމުން ބުނެފައި އެވަނީ ވަރަށްބޮޑު ތެދެކެވެ. އެކަމަކު ސަރުކާރުތަކުން އެއްބާރުލުން ނުލިބޭތީ ޒުވާންޖީލުތަކަށް ކާމިޔާބީއާއި ހަމަޔަށް ވާސިލުވެވޭނެ މަގު އޮންނަނީ ބަންދުވެފައެވެ. ޒުވާން ޖީލުތަކަށް މަގު އަމާންކޮށްދީފިނަމަ މުސްކުޅި ވިރާސީ ވެރިކަން ދެމިއެއް ނޯންނާނެއެވެ. ޚާއްސަކޮށް އަރަބި ގައުމުތަކުގެ ވެރިން ދެކޭ ގޮތުގައި އެ ގައުމުތަކަކީ އެމީހުންގެ މިލްކެކެވެ.

  2. ތިޔަކިޔާ ދިމުގުރާތީައށްވުރެ ޢަރަބި ގަތަރު ބަހްރައިން، އެމިރޭޓްސް، އޮމާން ފަދަ ޤައުމުތަކުގެ ރައްޔިތުން އުޅެނީ މާ ފާގަތި އަމާން ކަމުގައި.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް