ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އިތުރު ކުށުގެ ޢަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޖިނާއީ ދެ ދަޢުވާއެއް، އެ ޖަމްޢިއްޔާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ހުށަހަޅައިފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ ބައްސާމް އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެ އެފްއޭއެމްގެ ކަންކަމަށް ބޭނުންކުރަން ފީފާގެ ފަރާތުން ދެމުންދިޔަ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށެވެ.
އެގޮތުން އޭނާގެ މައްޗަށް ވަނީ ހިޔާނާތުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާކުރުމަށް ފޮނުވާފަ އެވެ.
ޕީޖީ އޮފީހުން ބުނީ އެފްއޭއެމްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައި އޮތް އެކައުންޓަކަށް ފީފާގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާއިން ބައްސާމްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކަށް 10،000 ޑޮލަރު ޖަމާކުރުމަށް ބޭންކަށް ހުށަހެޅި ލިޔުންތަކުގައި 10،004 ޑޮލަރުގެ ޓްރާންސްފާކުރުމަށް ލިޔެ އޮގަސްޓް 26، 2018 ގައި ބޭންކަށް ލިޔުން ހުށަހެޅި ކަމަށެވެ. އަދި ބޭންކް ޗާޖަސްގެ ގޮތުގައި ފަސް ޑޮލަރު އުނިކުރުމަށްފަހު 9،999 ޑޮލަރު ބައްސާމްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ހާމަކުރެއެވެ.
ޕީޖީ އޮފީހުން ބުނީ އެ ފައިސާ ޖަމާކުރި ބޭނުމެއްގެ ގޮތުގައި ބޭންކްއަށް ހުށަހެޅި ލިޔުންތަކުގައި ސޭލްސް އޮފް ޑޮލާސް ލިޔެފައިވީ ނަމަވެސް 9،999 ޑޮލަރަށްވާ ދިވެހި ފައިސާ އެއްވެސް އިރަކު އެފްއޭއެމްގެ އެކައުންޓަށް ވަދެފައިވާކަން އެނގެން ނެތް ކަމަށާއި ބައްސާމް އެފްއޭއެމްއަށް ޖަމާކޮށްފައިވާކަންވެސް އެނގެން ނެތް ކަމަށެވެ.
މިގޮތުން މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ހަމަ އެހެންމެ އެފްއޭއެމްއަށް ފީފާއިން ދިން ފައިސާ ބައްސާމްގެ އެކައުންޓަށް ޖަމާކުރި 9،999 ޑޮލަރުގެ ތެރެއިން 1،910 ޑޮލަރު އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށް ބައްސާމްގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ހާމަކުރެއެވެ.
ޕީޖީ އޮފީހުން ބުނީ ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފްލެޓަށް ކުލި ދެއްކުމަށް 2،000 ޑޮލަރު ބޭނުންކޮށްފައިވާ ކަމަށާއި އެފްއޭއެމް އިން ބައްސާމްގެ އެކައުންޓަށް ޖަމާކުރި ފައިސާ އެކި އަދަދުތަކުން އެކި މީހުންނަށް ފޮނުވާ އެފްއޭއެމްއާ ގުޅުމެއް ނެތް ކަންކަމަށް އެ ފައިސާ ހަރަދުކޮށް އެ ފައިސާ ބައްސާމްގެ އަމިއްލަ ބޭނުންތަކަށް ކޮށްފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ މި ކުށް ސާބިތުވެއްޖެނަމަ އަންނަ އަސާސީ އަދަބަކީ 100,000 ރުފިޔާއާއި އެއް މިލިއަން ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ.
މީގެ އިތުރުން ޕީޖީ އޮފީހުން ބުނީ މި މައްސަލައަކީ އަދިވެސް ތަޙްޤީޤު ކުރިއަށްދާ މައްސަލައެއް ކަމަށާއި ތަޙްޤީޤުގައި ކަންކަން ފުރޮޅެމުންދާ ވަރަކަށް އިތުރު މުޢާމަލާތްތަކާމެދު ފެންނަން ހުރި ނުރަނގަޅު ކަންތައްތަކުގެ މައްޗަށް އަޅާނެ ޤާނޫނީ ފިޔަވަޅުތައް އެ އޮފީހުން ނިންމަމުން ގެންދާނެ ކަމަށެވެ.