ޕީޖީއަށް ހަމަލާދިން ބަޔަކު ހޯދައި ތަހުގީގު އަވަސްކުރުމަށް ޕީޕީއެމް/ޕީއެންސީއިން ގޮވާލައިފި

Loading

Facebook
Twitter
WhatsApp

ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމަށް ހަމަލާދިން ބަޔަކު ހޯދައި ތަހުގީގު އަވަސްކުރުމަށް ޕީޕީއެމް/ޕީއެންސީއިން ގޮވާލައިފިއެވެ.

ސައިކަލެއްގައި ދިޔަ ދެ މީހަކު ޝަމީމަށް ހަމަލާދިނީ މިއަދުގެ ފަތިހުގެ ވަގުތެއްގައެވެ.

ޕީޕީއެމް/ޕީއެންސީއިން ނެރުނު ބަޔާނެއްގައި ބުނީ ޝަމީމަށް، މަގުމަތީން މިއަދު ދީފައިވާ ހަމަލާއާމެދު އެ ކޯލިޝަނުން ނުހަނު ކަންބޮޑުވާ ކަމަށާއި ދައުލަތުގެ ޒިންމާދާރު އިސް މަގާމެއްގައި ހުންނެވި ބޭފުޅަކަށް ދިން މި ހަމަލާ އެ ކޯލިޝަނުން ކުށްވެރިކުރަނީ އެންމެ ހަރުކަށި އިބާރާތުން ކަމަށެވެ.

“މި ޖަރީމާ ހިންގުމުގައި ބައިވެރިވި ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި، ދައުލަތުގެ ހުރިހާ ވަސީލަތަކާ، ގާބިލުކަމަކާ، އިޚްތިޔާރެއް ބޭނުންކުރުމަށާ، މިކަން ހިންގި ބަޔަކު ހޯދުމާ، ތަހުގީގުކުރުން ހަލުވިކުރުމަށް، ކަމާބެހޭ ހުރިހާ އިދާރާތަކަށް އިލްތިމާސްކުރަމެވެ.“

ޕީޕީއެމް/ޕީއެންސީއިން ބުނީ ރާއްޖޭގެ ދާޚިލީ އަމްނު ގެއްލުވައިލުމަށް، އަދި ދައުލަތުގެ ޒިންމާދާރު ޚިދުމަތްތެރީންގެ ވާޖިބާ މަސައްކަތްޕުޅުތަކަށް ހުރަސް އެޅުމަށް ހިންގޭ މިފަދަ އަމަލުތަކަކީ އަނިޔާވެރި ޓެރަރިސްޓް ހަރަކާތްތަކެއް ކަމަށެވެ.

“ކަން ހިނގާފައިވާގޮތާއިމެދު މިހައިތަނަށް މީޑިއާއިން ޢާއްމުކޮށްފައިވާ މަޢުލޫމާތުތަކުގެ އަލީގައި، މިއީ ދުރާލާ ރާވައި ފާރަލައިގެން ހިންގި ޢަމަލެއްކަމުގައި ވަރަށް ބޮޑަށް ބެލެވޭތީ، މިކަން ހިނގައިދިޔަގޮތުގެ އެންމެ ފުން ހަގީގަތްތަކާ ހަމަޔަށް ވާސިލުވުމަށް، ތަހުގީގުގައި މަސައްކަތްކުރުން މުހިންމުކަމުގައި މި ޕާޓީއިން ދެކެމެވެ. ސަރުކާރު ހިންގާ މައި ޕާޓީގެ ގޮތުގައި މި ކޯލިޝަން އޮތްހިނދު، ދިވެހި ރައްޔިތުންގެ ސަލާމަތާ ރައްކައުތެރިކަމަށް، އަދި ޒިންމާދާރު ބޮޑެތި މަޤާމުތަކުގައި ތިއްބެވި ކޮންމެ ޚިދުމަތްތެރިއެއްގެ ސަލާމަތަށް އިސްކަންދިނުމަށް ސަރުކާރުގެ އިސް މަސްއޫލުވެރީންނަށް ލަފާއަރުވައި، އެއްބާރުލުން ދިނުމުގައި މި ކޯލިޝަން އަބަދުވެސް ދެމިއޮންނާނަމެވެ. އަދި ގައުމުގެ މަސަލަސްކަމާ އަމްނު ކަށަވަރުކުރުމަށް އަބަދުވެސް މަގުފަހިކޮށްދޭނަމެވެ.“

ބަޔާނުގައި ބުނީ އެ ކޯލިޝަންގެ ލީޑަރ، ކޮންގްރެސް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ކޯލިޝަންގެ ލީޑަރޝިޕާ، ކޯލިޝަންގެ ހުރިހާ މެންބަރުންގެ ހެޔޮ ދުއާތަކާ، އިހުސާންތެރި ޝުއޫރުތައް ވަނީ ޝަމީމްއާ އެކު ކަމަށެވެ.

“އެމަނިކުފާނަށް އަވަސް ޝިފާއަކާ ދުޅަހެޔޮކަމަށް، އަދި ރައްކައުތެރިކަމާ ސަލާމަތަށް މި ކޯލިޝަނުން އެދި، ދުއާކުރަމެވެ. އަދި މަގާމުގެ މަސްއޫލިއްޔަތާ ގައުމީ ޒިންމާތައް އަދާކުރެއްވުމަށް، ރަސްމީ މަސައްކަތަށް ދާދި އަވަހަށް އަނެއްކާވެސް ނުކުމެވަޑައިގަންނަވާނޭ ކަމަށް އުންމީދުކުރަމެވެ.“

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް