ޗައިނާގެ ސާވޭ އުޅަނދުން ރާއްޖޭގެ އެއްވެސް ސާވޭއެއް ނުކުރާނެ: ފޮރިން މިނިސްޓްރީ

Loading

January 23, 2024
sandhaanu news
Facebook
Twitter
WhatsApp

ލަންކާގެ ހަމްބަންޓޯޓާ ބަނދަރަށް ކައިރި ކުރަން އުޅުމުން އިންޑިއާ އިން ދެކޮޅު ހެދުމުން ސްރީ ލަންކާ ސަރަހައްދަށް ނުވެއްދި ޗައިނާގެ ސާވޭ އުޅަނދު ”ޝިއަންގް ޔަންގް ހޮންގް 3“ ރާއްޖޭގައި ބަނދަރު ކުރިޔަސް އެ އުޅަނދު ބޭނުންކޮށްގެން ރާއްޖޭގައި އެއްވެސް ސާވޭއެއް ނުކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ. 

ފޮރިން މިނިސްޓްރީން މިހެން ބުނެފައި ވަނީ މި އުޅަނދު ރާއްޖެއާ ދިމާލަށް ދަތުރުކުރަމުން އަންނަ ކަމަށް އިންޑިއާގެ އަސްކަރީ ބައެއް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުކޮށް އިންޑިއާއިން ކަންބޮޑުވުން ފާޅުކޮށްފައި ވާތީއެވެ. 

މިކަމަށް އިޝާރާތްކޮށް ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އުޅަނދު ރާއްޖޭގައި ބަނދަރުކުރުމުގެ ކްލިއަރެންސް ދޭނީ އެ އުޅަނދަށް ބޭނުންވާ ބައެއް އަސާސީ ތަކެތި ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ޗައިނާގެ ސަރުކާރުން ދިވެހި ސަރުކާރުގައި އެދިފައި ވާތީ ކަމަށެވެ. އަދި އެ އުޅަނދު ބޭނުންކޮށްގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އެއްވެސް ސާވޭއެއް ކުރިއަށް ނުގެންދާނެ ކަމަށްވެސް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ. 

ފޮރިން މިނިސްޓްރީން ބުނީ ރާއްޖެ އަކީ އަބަދުވެސް އެކުވެރި ޤައުމުތަކުގެ އުޅަނދުތަކަށް މަރުހަބާ ކިޔާ ޤައުމެއް ކަމަށާއި ސުލްހަވެރި ބޭނުމަކަށް ރާއްޖޭގައި ބަނދަރުކުރާ މަދަނީ އަދި އަސްކަރީ އުޅަނދުތަކަށް ވެސް ރާއްޖެއިން ޚިދުމަތް ދޭ ކަމަށެވެ. 

މީގެ އިތުރުން މިކަމުގެ ސަބަބުން ވަރުގަދަ ވަނީ ރާއްޖެ އާއި އެހެން ގައުމުތަކުގެ ދެމެދުގައި އޮންނަ ހާރިޖީ ގުޅުން އެކަނި ނޫން ކަމަށާއި އެހެން ގައުމުތަކުގެ މީހުންނަށް މަރުހަބާ ކިޔުމުގައި ދިވެހިން އަބަދުވެސް ދައްކަމުން އަންނަ ނަމޫނާ ސަގާފަތް މިކަމުން ފެންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ. 

ހަމަ އެހެންމެ ރާއްޖެ ކުރިއަށް ދާނީ ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކާއި މިފަދަ ހުރިހާ މައްސަލަތަކެއްގައި ކަމާ ބެހޭ ބައިނަލްއަގުވާމީ ކަނޑުގެ ޤާނޫނުތަކުގެ ހަމަތައް ހިފަހައްޓައިގެން ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ. 

Loading

2 Responses

  1. އިންޑިޔާއިން މިސަރަހައްދުގެ ކަނޑާ އެއްގަމުގެ ޗާޓް ކުރަހާ ބޭނުންހާ ސާރވޭއެއް ކުރުމުން އެކަން އިންޑިޔާއަށް އޯކޭ. އެކަމަކު އެހެންބަޔަކު ސާވޭ ކޮށްގެން ނުވޭ. އަދި އެޗާޓުވެސް އިންޑިއާ ބޭނުންވަނީ ބޮޑުއަގުގަ ރާއްޖެއަށް ވިއްކަން. ހަދަ މޭކަރައޭދޯ ގެރިމޯދީ.

  2. ސާވޭ ކުރިއަސްވެސް، އެއީ އިންޑިޔާ އާއި ބެހޭކަމެއް ނޫން! އިންޑިޔާގެ ސާވޭ ބޯޓު ރާއްޖެއައިސް ހުރިހައި ގަނޑެއް ގަތްއިރު ބެހުނުމީހަކު އުޅުނުތަ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް