އީރާނުން މަދަދު ލިބޭ މުޖާހިދުން އިރާގުގައި ހުންނަ އަލް އަސަދު އެއަރބޭސްއަށް ހޮނިހިރު ދުވަހުގެރޭ ދިން ޙަމަލާގައި ގިނައަދަދެއްގެ އެމެރިކާ ސިފައިން ޒަޚަމް ވެއްޖެކަމަށް ޕެންޓަގަނުން ހާމަކޮށްފިއެވެ.
އިރު އޮއްސި 6.30 ހާއިރު ދިން ބެލަސްޓިކް މިސައިލާއި ރޮކެޓްގެ އެތައް ޙަމަލާހުޅަނގު އިރާގުން ފޮނުވާފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ސޯޝަލް މީޑިއާގައި ހާމަކޮށްފައި ވެއެވެ.
އަލް އަސަދު އެއަރބޭސްގެ އެއަރ ޑިފެންސުގެ ނިޒާމުން އޭގެތެރެއިން ގިނަ ޙަމަލާތަކެއް ހުއްޓުވި ކަމަށާއި އެކަމަކުވެސް ބައެއް ޙަމަލާތައް ނުހުއްޓުވިފާ ނުވާކަމަށެވެ.
އެ ޙަމަލާއާއި ގުޅިގެން ގިނަ އަދަދެއްގެ އެމެރިކާ ސިފައިންނަށް ސިކުނޑިއަށް ގެއްލުން ވެފައިވާކަން ދޭހަކޮށްދޭ ޒަޚަމްތަކެއް ލިބިފައިވާ ކަމަށްވެސް ސެންޓްކޮމްގެ ބަޔާނުގައި ބުނެފައިވެއެވެ. އިތުރު އެއްވެސް ތަފްސީލެއް ހާމކޮށްފައެއް ނުވެއެވެ.
އޮކްޓޯބަރ 7 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން މިއީ ދެވަނަ ހަމަލާއެވެ.
އަދި އެ ދުވަހުން ފެށިގެން އެމެރިކާގެ އަމާޒުތަކަށް ދެވުނު މިއީ ޖުމުލަ 144 ވަނަ ޙަމަލާކަމަށްވެސް ބުނެފާވެއެވެ. އަދި މިއީ އެ ދުވަސްތަކުގެ ތެރޭގައި ދެވުނު އެންމެ ބާރުގަދަ ޙަމަލާވެސް މެއެވެ.
މީގެ ކުރިން ނޮވެމްބަރ 20 ވަނަ ދުވަހު ބެލިސްޓިކް މިސްއިލް ބޭނުން ކޮށްގެން އަލް އަސަދު އެއަރބޭސް އަށް ދިން ޙަމަލާގައި 8 މީހުން ޒަޚަމްވެ އެއަރބޭސް އަށް ބައެއް ކުދިކުދި ގެއްލުން ލިބުނެވެ. ރައްދުގައި އެމެރިކާއިން ދިން ޙަމަލާގައި އީރާނުގެ މަދަދުލިބޭ އެސަރަޙައްދުގެ މުޖާހިދުންގެ ގިނަބަޔަކު ޝަހީދު ކޮށްލެވުނެވެ.
މީގެ ދެދުވަހެއް ކުރިން އީރާނުން އިރާގުގެ އިރްބިލްގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ކައިރީގައި އިސްރާއީލުގެ ޖާސޫސުން އިރާނާ ދެކޮޅު ރޭވުންތައް ރާވާ ކަމުގެ ހެކިތައް ލިބިފައި ހުރުމާއި އެކު އެތަނަށް ދިން ޙަމަލާގައި ކުރުދީންގެ ފަސްމީހަކާއި އަދި އޭގެތެރޭގައި ކުރުދީންގެ ވަރަށް ބޮޑު މުއްސަންޖަކުވެސް މަރުވެފައިވެއެވެ.
އަކަމާ އިރާގު ސަރކުރާރުން ވަނީ ވަރަށްބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އަދި އިރާގުގެ ޚާރިޖީ ވަޒީރު ފުއާދު ހުސައިން ވިދާޅުވެފައި ވަނީ އިރްބިލްގައި މޮސާދުގެ އެއްވެސް ޙަރަކާތެއް ނުހިނގާ ކަމަށާއި އީރާނުގެ ޙަމަލާއަކީ ބައިނަލް އަގްވާމީ ގާނޫނުތަކާ ޚިލާފަށް ދީފައިވާ ހަމަލާއެއް ކަމަށެވެ. އަދި އީރާނުން ސިދާ އިސްރާއީލަށް ޙަމަލާ ނުދެވޭތީ އިރާގަށް ރުޅިގަނޑު ބާލަނީކަމަށެވެ.
އެ ޙަމަލާގައި މަރުވި މުއްސަންޖަކީ ޕެޝްރޯ ޑިޒާނީ ކަމަށާއި އޭނާއަކީ އުތުރު އިރާގުގެ ކުރުދިސްތާނުގެ ބޮޑުވަޒީރު މަންސޫރު ބަރްޒާނީ އާއިލާގެ ވަރަށް ގާތް މީހެއް ކަމަށާއި އަދި ކުރުދިސްތާނުގެ އެތައް ކުންފުންޏެއްގެ ވެރި މަލްޓި މިލިއަނަރެއްކަމަށެވެ.
މިއަދުގެ ބައެއް މީޑިއާތަކުގެ ފަލަ ޝުރުޚީއަކަށް ފެނިފައިއޮތީ އިރާގުގެ އޮފިޝަލް އެ ވިދާޅުވި މިލިއަނަރ ޕެޝްރޯ ޑިޒާނީއަކީ އިރާގުގައި ހުންނަ މޮސާދުގެ އެންމެ އިސްމީހާކަން ފަޅާއަރަފި ކަމަށެވެ. ޑިޒާނީއާއި މޮސާދު އަދި އިސްރާއީލުގެ އިސްބޭފުޅުން އެކުގައިތިބި ގިނަ ވީޑިއޯތަކަކާއި ފޮޓޯތަކެއްވެސް މީޑިއާއިން ވަނީ ހާމަކޮށް ފައެވެ.
މިހާރު ކުރެވެމުންދާ ގައްޒާ ހަނގުރާމައާއި ގުޅިގެން އެމެރިކާއާއި އީރާނުގެ ނުރުހުން ދަނީ އިތުރަށް ގޯސްވަމުންނެވެ. އަދި މެދުއިރިމަތީގައި އެމެރިކާގެ އަމާޒުތަކަށް ދެމުންގެންދާ ޙަލަމާތަކާއި އަދި ރެޑް ސީގައި ދަތުރުކުރާ ބޯޓުފަހަރަށް ދޭ ޙަމަލާތަކުގެ ފޫޅުކަނޑަނީވެސް އީރާނަށެވެ.
އީރާނުން ގެންދަނީ އިއުތިރާޒު ކުރަމުންނެވެ. އެހެންނަމަވެސް އިރާގާއި ސީރިޔާގައި ހުރި އެމެރިކާގެ އަމާޒުތަކަށް އީރާނުން ޙަމަލާ ދީފައިވާ ކަމަށް އީރާނުން ބުނެފައިވެއެވެ. އިރާގުގެ އިރްބީލްގައި އެމެރިކާގެ ކޮންސިއުލޭޓް ޢިމާރާތް ކުރަމުންދާ ސަރަޙައްދު ކައިރިޔަށް އީރާނުން ދިން ޙަމަލާ އެމެރިކާ އާއި އިރާގުން ވަނީ ކުށްވެރި ކޮށްފައެވެ.
ޕެންޓަގަނުން ބުނެފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައި އީރާނުން ޔަމަނަށް ފޮނުވި ގިނަ ހަތިޔާރުތަކެއް ކަނޑުމަތިން އަތުލާގެންފައި ވާކަމަށެވެ.
ޚަބަރުތައް ބުނާގޮތުން އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމް އިތުރަށް ހަރުދަނާ ކުރުމުގެ ބޭނުމުގައި އީރާނުން ޖައްވުގެ ތެރެއަށް ސެޓެލަޓެއް އުދުއްސާލައިފިއެވެ. ހުޅަނގުގެ ގައުމުތަކުން ގެންދަނީ މިކަމަށްވެސް ގަދަޔަށް ނުރުހުން ފާޅުކުރަމުންނެވެ.
އީރާނުގެ މި ސެޓެލައިޓް ސުރައްޔާ އާއި އުދުއްސަން ބޭނުންކުރި އީރާނުގެ އަމިއްލަ އުފެއްދުމެއް ކަމުގައިވާ ތްރީ ސްޓޭޖް ގާއިމް -100 މަރުކާގެ ރޮކެޓާއެކު ދުނިޔޭގެ ސަތަހައިން 750 ކިލޯމީޓަރު މަތީގައެވެ. މުއާސަލާތާ ބެހޭ ވަޒީރު ޢީސާ ޒަރެޕޫރު ވިދާޅުވެފައިވާ ގޮތުގައި އެ ސެޓެލައިޓުގައި 50 ކިލޯގްރާމު ބަރުދަން އުފުލޭނެއެވެ.
އެމެރިކާއިން ބުނެފައިވަނީ އީރާނުގެ ބެލިސްޓިކް މިސައިލް ޕްރްގްރާމަކީ ބައިނަލް އަގްވާމީ ގާނޫނުތަކާ ޚިލާފަށް ކުރަމުންގެންދާ ކަމެއް ކަމަށާއި އެ ޕްރޮގްރާމް ވަގުތުން ހުއްޓާލަން ޖެހޭނެ ކަމަށެވެ.
އެކަމަކު ޔުނައިޓެޑް ނޭޝަނުން އެކަމަށް ކޮށްފައިވާ އަމުރު އޮތީ މިދިޔަ އޮކްޓޯބަރު މަހު ނިމިފައެވެ. މީގެ ކުރިން އީރާނުގެ ރައީސަކަށް ހުންނެވީ މަޑުމައިތިރި މިޒާޖުގެ ހަސަން ރޫހާނީ އެމެރިކާ ރުޅިއަތުވެދާނެތީ ބައެއް ކަންކަމުގައި ފަހަތުފަޔަށް ބުރަވެ ވަޑައިގެންނެވެ.
އޭގެބަދަލުގައި މިހާރުގެ ރައީސް އިބްރާހީމް ރައީސީ ފެންނަނީ ކަންކަމުގައި ސިހުންކުޑަ އަދި ބޭނުންފުޅުވާ ގޮތަކަށް ކަންތައްތަކައިގެން ކުރިޔަށް ވަޑައިގަންނަވަން ކެރިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައެވެ.
One Response
އީރާނާ އެއްކޮޅަށް ގަލްފުގެ އެއްވެސް ގައުމަކުން ބައިވެރި ނުވެގެން މިއުޅެނީ ކީއްވެގެން ބާވައެވެ. އަދި އޭގެ އިތުރުން މަޒުހަބީ ތަފާތު އުފައިގެންވެސް މި ބަލަނީ ނަފްރަތުގެ ގިނި އެންދޭ ތޯއެވެ.