ޤިޞާޞްގެ މައްސަލައިގައި ރައީސް  މައުމޫނަށްއަރުވާ ހުޅުވާލެވިފާވާ ސިޓީއެއް

Loading

Facebook
Twitter
WhatsApp

ޢިއްޒްތެރި ކުރީގެރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމަށް،

ވެދުން ސަލާމަށްފަހު ދަންނަވަމެވެ. 

މަނިކުފާނުގެ ދިގު ތިރީސް އަހަރު ދިވެހި ޤައުމަށް ކޮށްދެއްވި ޚިދުމަތްތަކަށް ދިވެއްސެއްގެ ޙައިސިއްޔަތުން ޝުކުރު ދަންނަވަމެވެ. މެލޭޝިއާ ސިންގައްޕޫރު ފަދަ މިސަރަޙައްދުގެ އެހެން ޤައުމުތަކުގެ ވެރިން ތިރީސް އަހަރު ވެރިކަން ކުރައްވައި، އެޤައުމުތައްވަނީ ތަރައްޤީ ކުރައްވާފައެވެ. އަދިއެ ޤައުމުތަކުގެ ރައްޔިތުންނަކީ މުއްސަނދި ފުދުންތެރި ބައެއްގެ ގޮތުގައި ހައްދަވައި ދެއްވާފައެވެ.

ޢާއިލާގެ ބޭފުޅުންކޮޅަކާއި، ގާތް ރަޙްމަތްތެރިން ކޮޅެއް މުއްސަނދި ކުރެއްވުން ފިޔަވައި އެހެން ކަމެއް މަނިކުފާނަކަށް ނުކުރެވުނެވެ. އެވާހަކަ އިތުރަށް ދައްކާކަށް ނެތީމެވެ. ރައީސް ނަޝީދުގެ ވެރިކަމަށްފަހު، މަނިކުފާނުގެ ތިރީސްއަހަރާއި، އޭގެފަހުން ރާއްޖޭގައި އުފެދުނު ކޮންމެ ސަރުކާރަކުން ބައިއަޅުއްވައިގެން މަނިކުފާނު ތިޔަހުންނެވީ ފާއިތުވީ ސާޅީސް ފަސްއަހަރު ރާއްޖޭގެ ވެރިކަމުގެ ފޮނިމީރުކަމުގެ ލައްޒަތު ބައްލަވައިގެންނެވެ. 

އެހެން ރައީސުން ކަންކަން ކުރާން އުޅޭގޮތަށް ފާޑުކިޔައި ބަސްވިދާޅުވުމަކީ މިހާރު މަނިކުފާނަށް އެކަށީގެންވާ ކަމެއް ނޫނެވެ. ސަބަބަކީ މަނިކުފާނު ދުނިޔޭގައި ހުންނެވިއަސް މަނިކުފާނަކީ މިހާރު މާޒީއެވެ. މަނިކުފާނަކީ ދިވެހި ތާރީޚުގެ ޞަފްޙާއެކެވެ.

ތެދެކެވެ. 1970 ގެ އަހަރުތަކުގައި މަނިކުފާނުވަރުގެ ޢިލްމުވެރިއަކު ރާއްޖޭގައި ނެތެވެ. ރައްޔިތުން މަނިކުފާނަށް ވެރިކަން ޙަވާލުކުރީވެސް އެހެންވެއެވެ. ރާ ބޯމީހާއާ، ރާ ވިއްކާ މީހާއާ އެއްވަރުވާނެ ވާހަކަ ވިދާޅުވެ، އޭރުގެ ރައީސް އިބްރާހީމް ނާސިރަށް ޕްރެޝަރު ކުރެއްވިއެވެ. އަދި އެކަމުގެ އަދަބުވެސް މަނިކުފާނަށް ލިބިލެއްވި ކަމަށް ރާއްޖޭގެ ތާރީޚުގައި އޮވެއެވެ.

ނާސިރަށްފަހު ރާއްޖޭގެ ވެރިކަން މަނިކުފާނާ ދިވެހި ރައްޔިތުން ޙަވާލުކުރެއްވީ މަނިކުފާނުގެ ބަސްފުޅު ރައްޔިތުން ޤަބޫލު ކޮށްގެންނެވެ. ދިވެހި ރައްޔިތުންގެ ހިތްތަކުގައި އިސްލާމް ދީނަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުންނެވެ. ތިރީސް އަހަރު ވެރިކަން ކުރެއްވިއެވެ. ރިސޯޓު ތަކުގައި އޫރުމަހާ ބަނގުރާ ވިއްކަމުންގެންދިޔައީ މަނިކުފާނުގެ ވަލިއްޔުލް އަމުރު ކަމުގައެވެ.

ރިސޯޓުގައި ބަނގުރާ ވިއްކަން ނާސިރު ދެއްވި ހުއްދަ، މަނިކުފާނަށް ވެރިކަން ލިބިވަޑައިގަތީމާ މަނާ ނުކުރައްވަމުއެވެ. އެއްދަރަޖަ އިތުރަށް މައްޗަށް ޖައްސާލައިވައި ބަނގުރަލުގެ ވިޔަފާރި މިރާއްޖޭގައި ފުޅާކުރެއްވީއެވެ. ސަފާރީތަކުގައިވެސް ބަނގުރާ ގެންގުޅެން ހުއްދަ ދެއްވީއެވެ. މަނިކުފާނު ފެއްޓެވި ފަސާދަ މިހާރު އެއޮތީ ރައްރަށުގެ ބަނދަރުން އެތެރެވެފައެވެ. ބަނދަރުގައި ސަފާރީ ބާއްވައިގެން ރަށްރަށުގެ ދިވެހިންނަށް (މަނާކަމެއް ނަމަވެސް) ބަނގުރާ ވިއްކާ ”މަޖަ“ ނަގަނީއެވެ. 

ކީރިތި ޤުރްއާނުގެ ނޫރު ސޫރަތުގެ 31 ވަނަ އާޔަތުގައި މާތްﷲ އަންގަވާފައިވާ އަމުރުފުޅަށް މަނިކުފާނު އިންކާރު ކުރެއްވިއެވެ. އަންހެނުން ބުރުގާ އެޅުމަކީ ކޮންމެހެން ކުރަންޖެހޭނޭ ކަމެއް ނޫންކަމަށް ވިދާޅުވެ، ބުރުގާ އަޅާމީހުންނަށް މަނިކުފާނުގެ ސަރުކާރުގައި ފުރައްސާރަ ކުރެވުނެވެ. ސުންނަތުގެ ޝީޢާރު ފާޅުކޮށް، ސުންނަތައް ތަބާވުމުގެ ބޭނުމުގައި ތުނބުޅިބެހެއްޓި ފިރިހެނުން ޖަލައްލައި، ތުނބުޅި ބާލައި މޫނުގައި ޗިލީ ސޯސް ހޭކީވެސް މަނިކުފާނުގެ ވެރިކަމުގައި ޖަލުގައެވެ. އެވާހަކަވެސް ދިވެހި ތާރީޚުގައި ލިޔެވިފައި އޮވެއެވެ. މިއުޒިކާ ލަވަޔާ ދެޖިންސު ގައިގޯޅިވެގެން ނަށާފާޙިޝު ނެށުންތައްވެސް މަނިކުފާނުގެ ވެރިކަމުގައި ޕްރޮމޯޓު ކުރެވުނެވެ. 

އިސްލާމްދީނާ ދެކޮޅަށް މިހުރިހާ ކަމެއްހެން މަނިކުފާނުގެ ވެރިކަމުގައި ކުރެއްވީމާވެސް ޔޫރަޕް މީހުން މަނިކުފާނު ސިފަކުރަނީ ހަރުކަށި އިސްލާމިސްޓެއްގެ ގޮތުގައެވެ. ޔަހޫދީންނާއި ނަޞާރާއިންގެ މިއްލަތަށް ތަބާވެއްޖައުމަށް ދާނދެން މަނިކުފާނަކަށް އެމީހުން ނުރުހޭނެއެވެ.

މާތް ﷲ ގެ ބަސްފުޅަކީ ޙައްޤު ތެދެވެ. ﷲ ވަޙީކުރެއްވިއެވެ.  وَلَن تَرْضَىٰ عَنكَالْيَهُودُ وَلَا النَّصَارَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمْ ۗ –  ”އަދި يهودى ންވެސް نصارىއިންވެސް އެއުރެންގެ دين  އަށް ކަލޭގެފާނު تبع ވެވަޑައިގެންފުމަށް ދާނދެން ކަލޭގެފާނަކާ ނުރުހޭނެތެވެ.“ (ސޫރަތުލް ބަޤަރާ: 120)

އިސްލާމްދީނުގެ ޙައްދުތަކަށް މަނިކުފާނު އިންކާރު ކުރައްވާކަން ހުރިހާ ދިވެހި ރައްޔިތުންނަށްވެސް އެނގެއެވެ. ރާއްޖޭގެ ޕަބްލިކް ޓީވީގައި އެވާހަކަ މަނިކުފާނު ވަނީ ދައްކަވާފައެވެ. އަދި މަނިކުފާނު ވެރިކަން ކުރެއްވުމަށް މާތްﷲ ދެއްވިމުޙުލަތުގެ ދިގު 30 އަހަރުގައި އެކަމެއް ނުކުރެއްވީމުއެވެ.

އިސްލާމްދީނުގައި ޙުކުމްތައް ބާވާލައްވާފައި ވަނީ މީލާދީން 7 ވަނަ ޤަރުނުގައި އުޅުނު ޢަރަބިންނަށް އެކަންޏެއް ނޫނެވެ. މަނިކުފާނުވެސް ވިދާޅުވާ ފަދައިން އިސްލާމްދީނަކީ ހުރިހާ ޒަމާނަކަށް އަދި ހުރިހާ މަކާނަކަށް ފެތޭ ދީނެކެވެ. އެހެންކަމުން އެދީނުގެ ޝަރީޢަތަކީ ޤިޔާމަތްވާންދެން ދެމިއޮންނާނެ ޝަރީޢަތެކެވެ. 

ވިމާ، ކީރިތި ޤުރްއާނުގެ ޙުކުމް ފުޅުތަކަށް އިންކާރު ނުކުރައްވާށެވެ. މިޤައުމުގައި ކުށްކުރުން ހައްދުން ނައްޓައިގެން ދިއުމުގައި މަނިކުފާނުގެ ޒިންމާ ކުޑައެއް ނޫނެވެ. އެއީ މާތްﷲ ގެ ޙައްދުތައް އެއްކިބާކޮށް، އެއަށްވުރެ މާމޮޅު ޤާނޫނުތަކެއް މަނިކުފާނު ހެއްދެވުމުގެ ނަތީޖާއެވެ. 

އިސްލާމްދީނުގައި ﷲ ބާވާލައްވާފައިވާ ޙައްދުތަކަކީ ކުށްކުރުން މުޖްތަމަޢުން ފުހެލުމަށް ކަނޑައަޅުއްވާފައިވާ އަދަބުތަކަކެވެ. އެހެން ނަމަވެސް މަނިކުފާނުގެ ޤާނޫނުތަކުގެ ސަބަބުން ކުށްކުރުން އިތުރުވެގެން ދިޔައެވެ. ރާއްޖޭގައި މީހުން މެރުން ފަދަ ބޮޑެތިކުށްތައް މިހާބޮޑަށް ޢާއްމުވެފައިވާ ޒަމާނެއް ރާއްޖޭގެ ތާރީޚުންވެސް ފެންނާކަށް ނެތެވެ. 

ޤިޞާޞްގެ ޙުކުމް ތަންފީޒުކުރުމާ މަނިކުފާނު ދެކޮޅު ހައްދަވަމުން ތިޔަގެންދަވަނީ ކާކު ރުއްސަން ތޯއެވެ. ރާއްޖޭގައި އަދިވެސް މަނިކުފާނު ހިތްޕުޅު ހަމަޖެހޭ ވަރަށް މީހުން ނުމަރަނީތޯއެވެ. ކިތަންމެ ވަރަކަށް ﷲގެ ޙައްދުތަކާ ދެކޮޅަށް އެވާހަކަ ދައްކަވައި ޓްވީޓްކޮށް ހެއްދެވިއަސް މަނިކުފާނަށް ދީފައިވާ ”ހަރުކަށި އިސްލާމިސްޓް“ ގެ ލަޤަބު ޔޫރަޕް މީހުން ނުނަގާނެއެވެ. އެމީހުން ލިޔާ ލިޔުންތަކުގައި މިހާރުވެސް މަނިކުފާނު ސިފަކުރަނީ އަޒްހަރުން ކިވައިގެން އައިސްހުރި ހަރުކަށި އިސްލާމިސްޓެއްގެ ގޮތުގައެވެ. 

މަނިކުފާނުގެ ޢިލްމުވެރިކަމާއި، ސިޔާސީ ތަޖުރިބާއަށް އިންތިހާއަށް  އިޙްތިރާމްކުރަމުން ދަންނަވަމެވެ. ފޮތްތަކަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެކެވެ. ފޮތްތަކަށް އީމާންވުމުގެ ލިސްޓް ފެށެނީ ކީރިތި ޤުރްއާނަށް އީމާންވުމާއި ހަމައިންނެވެ. ޤުރްއާނަށް އީމާންވުމަކީ ޤުރްއާނުގައި މާތްﷲ އަންގަވާފައިވާ ހުރިހާ ކަމަކަށް އީމާންވުމެވެ. ތިމާރުހޭ ކަންކަން ބަލައިގަނެ، ނުރުހޭ ކަންކަން ދޫކޮށްލުމަކީ އަހުލު ކިތާބީން ޢަމަލުކުރި ގޮތެވެ. 

އެގޮތުން މާތްﷲ ގެ ޝަރީޢަތަށް އެމީހުން ކާފިރުވިއެވެ. މުސްލިމުންގެ މައްޗަށް މާތްﷲ ޝަރްޢުކުރައްވައި އަމުރުކުރައްވާފައިވާ ކަންކަމާ ދެކޮޅުހަދައި، ތިމާގެ މޮޅުކަން ދައްކާން އުޅުމަކީ އެމީހެއްގެ އިސްލާމްކަމާއިމެދުގައި އެހެންމީހުން ސުވާލު އުފައްދާނޭކަމެކެވެ. 

މާތް ﷲ ގެ ޙިކުމަތްވަންތަ ކަމަށްވުރެ ކުރީގެ ރައީސް މައުމޫނު ޙިކުމަތްތެރިއެއް ނުވާނެއެވެ. އެހެންވީމާ ﷲ ގެ ޙުކުމް ފުޅާއިމެދު ދެކޮޅުވެރިވެ، މާބޮޑު ބުއްދިވެރިއަކަށް ވެގެން ތިމަންނާއަށް ފެންނަނީ އެހެންނޭ، މިހެންނޭ ވިދާޅުނުވާށެވެ. 

ބުއްދިވެރިންނާ މުޚާތަބުކުރައްވައި މާތް ﷲ ވަޙީކުރައްވައި އަންގަވަނީ މިހެންނެވެ.  وَلَكُمْ فِي الْقِصَاصِ حَيَاةٌ يَا أُولِي الْأَلْبَابِ لَعَلَّكُمْ  تَتَّقُونَ – ”އަދި قصاص ހިފުމުގައި ތިޔަބައިމީހުންނަށް (ވަރަށްބޮޑު) ދިރުމެއްވެއެވެ. އޭ ބުއްދީގެ أهل ވެރިންނޭވެ! (އެއީ) ތިޔަބައިމީހުން تقوى ވެރިވުމަށްޓަކައެވެ.“ (ސޫރަތުލް ބަޤަރާ: 179). މީހުން މަރާމީހުން މެރުމަކީ އެކަމުގައި ދިރުމެއް ވާކަމެއްކަމަށް މާތްﷲ އަންގަވަނީ، އެޙުކުމް ތަންފީޒުކުރުމުން އިތުރު އެހެންމީހުން މަރާން އޭނާއާއި އެނާގެ ބައިވެރީން މުޖުތަމަޢުގައި ނުތިބުމަށްޓަކައެވެ.

އެފަދަ މީހަކަށް ދެވަނަ ފުރުޞަތެއް ނުދިނުމަށެވެ. އެއީ މުޅި މުޖުތަމަޢުގެ ދިފާޢުގައި ދައުލަތުން ކުރާންޖެހޭ ކަމެކެވެ. މާތްﷲގެ އަމުރުފުޅާއި ޚިލާފަށް މަނިކުފާނު މިނިވަން ކުރެއްވި ނޮވެމްބަރ ޢުދުވާނުގެ ގާތިލުން، ކުލީ ސިފައިންނާއި ބަޑިތައްހިފައިންގެން ދެންވެސް ނާންނެކަން އެނގެނީ ކާކަށްހެއްޔެވެ. 

އެބައިމީހުން ކޮށްލި 19 ދިވެހިންގެ ލޭގެ އަގަކީ ކޮބައިތޯއެވެ. ދިވެހިންގެ ލޭގެ އަގެއް މަނިކުފާނުގެ ކުރިމައްޗަކު ނެތެވެ. 

ޚާލިޤްވަންތަ މާތްﷲ ވަކި ގޮތަކަށް ޢަމަލުކުރާން އެންގެވީމާ އެކަމާއި ގުޅޭގޮތުން ޚިޔާލުފާޅުކޮށް ގޮތްކިޔާން އަޅުގަނޑުމެން އިންސާނުންމީ ކޮން ބައެއް ހެއްޔެވެ.އެއީމުސްލިމުންނަށް ހުއްދަވެގެންވާ ކަމެއްނޫނެވެ. މާތް ﷲ ޤުރްއާނުގައި އަންގަވަނީ މިފަދައިންނެވެ.  وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ  وَرَسُولُهُأَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ۗ  وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّضَلَالًا مُّبِينًا. – ”އަދި اللَّه އާއި، އެކަލާނގެ رسول އާ ކަމަކަށް ނިޔާކުރައްވައިފިހިނދު، مؤمن ފިރިހެނަކަށްވެސް، އަދި مؤمن އަންހެނަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް اختيار އެއް ނެތެވެ. އަދި މާތްاللَّه އަށާއި، އެކަލާނގެ رسول އާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ.“ (ސޫރަތުލް އަޙްޒާބު: 36).

ޢިއްޒްތެރި ކުރީގެރައީސް މައުމޫނެވެ. މަނިކުފާނުގެ ވެރިކަމުގައި ﷲ ގެ ޙުކުމްފުޅު ތަންފީޒު ކުރުމާއި ދެކޮޅު ހައްދަވައި އެކަމެއް ނުކުރެއްވީމެއް ނޫންތޯއެވެ. މިޤައުމުގައި އެހެން މީހަކުވެސް އެކަން ކުރިޔަ ނުދޭން ކަމަރު ބަންނަވައިގެން މަނިކުފާނު ތިޔައުޅުއްވަނީ ފަހެ ކާކު ރުއްސާންތޯއެވެ. 

ތިޔަގެންގުޅުއްވާ ޢަލްމާނީ ވިސްނުންފުޅު ދޫކޮށް މުސްކުޅިފުޅުވި ދުވަހު ދީނުގައި ހިފަހައްޓަވައިގެން މަޑުން ހުންނެވުން ކީއްތޯއެވެ. މަނިކުފާނު ތިޔަހުންނެވީ އެތައް ދިވެހިންނެއްގެ ލޭ މިބިންމައްޗަށް އޮހޮރި ޤާތިލުންވެސް  މިނިވަންކޮށް މުޖުތަމަޢަށް ދޫކޮށްލާފައެވެ.

މަނިކުފާނުގެ އަރިހުގައި މުސްލިމް ދިވެއްސެއްގެ ލޭގެއަގެއް ނެތަސް، މާތްﷲ ގެ ޙަޟުރަތުގައި މުސްލިމުންގެ ލެއަކީ އަގުބޮޑު އެއްޗެކެވެ. 

ކަޢުބަތުﷲ ގެފުޅަށް އިޝަރާތް ކުރައްވާ ރަސޫލާ (ޞ) ޙަދީޘްފުޅުކުރެއްވި ކަމަށް އިބްނުމާޖާ ރިވާކުރައްވާފައިއެވެ. ”…. ތިމަން ކަލޭގެފާނުގެ ނަފްސު އެފަރާތެއް ބާރުގެ ދަށުގައިވާ ފަރާތް ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން މިގެފުޅުގެ ޙުރުމަތަށްވުރެ، މުއުމިނެއްގެ މުދަލާއި، ލޭގެ ޙުރުމަތްތެރިކަން މާތް ﷲ ގެ ޙަޟުރަތުގައި ބޮޑުވެގެންވެއެވެ.“ ހަނދުމަފުޅު ކުރައްވާށެވެ. މަރުވިމީހުންގެ ޙައްޤު،އެމީހުންގެ ޤާތިލުންގެ ކިބައިންނާއި، މަނިކުފާނުގެ ކިބައިން ނެގޭނޭ ދުވަހެއް އަންނާނެއެވެ.

ޤިޞާޞް ތަންފީޒުކުރުމަކީ އިސްލާމީޤައުމެއްގެ ވެރިއެއްގެ މައްޗަށް މާތްﷲ ފަރުޟު ކުރައްވާފައި އޮތް ފަރުޟެކެވެ. ރޯދަހިފުންވެސް ފަރުޟު ކުރެއްވި ފަދައިންނެވެ. މާތް ﷲ ޤުރްއާނުގައި އެންގެވީ މިހެންނެވެ. يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُالْقِصَاصُ  فِي الْقَتْلَى ۖ – ”އޭ إيمان ވެއްޖެ މީސްތަކުންނޭވެ! قتل ކުރެވޭ މީހުންނާމެދު قصاص ހިފުން ތިޔަބައިމީހުންގެ މައްޗަށް فرضކުރައްވައިފިއެވެ.“ (ސޫރަތުލް ބަޤަރާ: 178)

ޤިޞާޞް ފަރުޟުކުރެއްވި ވާހަކަ އޮތީ ރޯދައިގެ ފަރުޟު ބަޔާންކުރާ އާޔަތުގެއެންމެ 4 އާޔަތުގެ ކުރީގައެވެ. އެއް ސޫރަތެއްގެ ޖެހިޖެހިގެން އޮތް ދެ ޞަފްޙާއެއްގައެވެ. ދެއާޔަތްވެސް ފެށެނީ އެއް ޢިބާރާތަކުންނެވެ. މާތް ﷲ ވަޙީކުރައްވަނީ:  يَاأَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا  كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْتَتَّقُونَ – ”އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ  ކުރީގެ މީހުންގެމައްޗަށް فرض ކުރެއްވި ފަދައިން  ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرضކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ.“ (ސުރަތުލް ބަޤަރާ: 183)، މިފަދައިންނެވެ. ދެއާޔަތް ނިމެނީވެސް އެއް ޢިބާރާތަކުންނެވެ. ”އެއީ ތަޤުވާވެރި ވުމަށްޓަކައެވެ.“ މިހާސާފުކަމެއްގައި އިތުރު ބަޙުޘަކަށް ފުރުޞަތު އެބައޮތް ތޯއެވެ. 

ރަމަޟާން މަހަށް ހަނދުބަލާއިރަށް، އެމަސް އިޙުޔާނުކުރެއްވިގެން،ޖަލްސާތަކަށް މީހުން ނައިސްގެން މަނިކުފާނު އުޅުއްވާއިރު ހީވަނީ އެހެން ކަމެއްހެންނެވެ. ރަމަޟާންމަސް އިޙްޔާކުރުމަކީ ރަނގަޅު ކަމަކެވެ. ހަމަ މިގޮތަށް، މާތްﷲ ޝަރުޢު ކުރައްވާފައިވާ އެހެންކަންވެސް އިޙްޔާ ކުރައްވާން ނޫޅުއްވަނީ ކީއްވެތޯއެވެ. 

ޤުރްއާނުގެ އެއްބަޔަށް އީމާންވެ، އެއްބަޔަށް ކާފިރުވުމަކީ މުސްލިމަކު ކޮށްގެންވާނޭ ކަމެއް ނޫނެވެ. މަނިކުފާނު އުޅުއްވާނެ ގޮތަކަށް އުޅުއްވާށެވެ. އިސްލާމްދީނާއި މާތްﷲ ގެ ޝަރީޢަތް، އެބަހީ، ޤުރްއާނާއި ސުންނަތް ދިވެހިރައްޔިތުންނަށް ދޫކޮށްލައްވާށެވެ.

އިޙްތިރާމާއި ވެދުން ދަންނަވަމެވެ.

9 ޖަނަވަރީ 2024. 

އިކްރާމް ޢަބުދުއްސައްތާރު

Loading

23 Responses

    1. މި ލިޔުމުގައި (ސިޓީގައި) ކީރިތި ޤުރްއާނުގެ ބައެއް އާޔަތްތަކުގެ ބައެއް ކަލިމަތައް ނުބައިކޮށް ލިޔެވިފައި އެބަހުރި. އޭގެ ތެރޭގައި، ސޫރަތުލްބަޤަރާގެ 120 ވަނަ އާޔަތުގައި ލިޔެފައިވާ ”عنكاليهود“ (މީގެ ރަނގަޅު ގޮތަކީ ”عنك اليهود“)، ސޫރަތުލްއަޙްޒާބުގެ 36 ވަނަ އާޔަތުގައި ލިޔެފައިވާ ”ورسولهامرا“ (މީގެ ރަނގަޅު ގޮތަކީ ”ورسوله امرا“)، އަދި އެ އާޔަތުގައި ލިޔެފައިވާ ”فقد ضلضلالا“ (މީގެ ރަނގަޅު ގޮތަކީ ”فقد ضل ضلالا“)، ސޫރަތުލްބަޤަރާގެ 183 ވަނަ އާޔަތުގައި ލިޔެފައިވާ ”لعلكمتتقون“ (މީގެ ރަނގަޅު ގޮތަކީ ”لعلكم تتقون“). އަދި މީގެ އިތުރަށް ތާނައިން ލިޔެފައިވާ ބައެއް ލަފުޒުތަކާއި ބައެއް ސުކުންތައްވެސް ނުބައިކޮށް ލިޔެވިފައި އެބަހުރި. އެގޮތުން، ސިޓީގެ ފެށުމުގައި ”ޢިއްޒަތްތެރި“ ގެ ބަދަލުގައި ”ޢިއްޒްތެރި“، ”ރަށްރަށުގެ“ ބަދަލުގައި ”ރައްރަށުގެ“، ”މަޖާ“ ގެ ބަދަލުގައި ”މަޖަ“، ”ޝިޢާރު“ ގެ ބަދަލުގައި ”ޝީޢާރު“، ”ސުންނަތަށް“ ގެ ބަދަލުގައި ”ސުންނަތައް“، ”ޖަލަށްލައި“ ގެ ބަދަލުގައި ”ޖަލައްލައި“، ”މުހުލަތު“ ގެ ބަދަލުގައި ”މުޙުލަތު“، ”ވީމާ“ ގެ ބަދަލުގައި ”ވިމާ“، ”އޭނާ“ ގެ ބަދަލުގައި ”އެނާ“، ”ހިފައިގެން“ ގެ ބަދަލުގައި ”ހިފައިންގެން“، ”އެބައިމީހުން ޝަހީދުކޮށްލި 19 ދިވެހިން“ ގެ ބަދަލުގައި ”އެބައިމީހުން ކޮށްލި 19 ދިވެހިން“، ”ސޫރަތުލް“ ގެ ބަދަލުގައި ”ސުރަތުލް“، އަދި ދިވެހިން ޢާންމުކޮށް ކިޔައިއުޅޭ ”ސިންގަޕޫރު“ ގެ ބަދަލުގައި ”ސިންގައްޕޫރު“ ލިޔެފައި އެބަހުރި.

    2. ޝުކުރިއްޔާ! ދިވެހި މައްމައިން ތިފަދަ
      ކުދިންވިހާ ތަރުބިއްޔަތުކޮށް ދޭތީ އެމައިންނަށް ނިހާޔަތަށް ޝުކުރުދަންނަވަން! މަރުޙަބާ! اكرام
      عبدالستار

  1. މައުމޫން ދަންޖައްސައި މަރަން ހުކުމް ކުރުމަށް ސަރުކާރާ ކަމާބެހޭ މުއައްސަސާތަކަށް ގޮވައިލަން ތީ ފައްކާ ޔަހޫދީއެއް.

  2. ނަސީބު ދެރަކަމުން އަޅުގަނޑަށް ދީނުގެ ހުކުމްތައް ދަސްވެފައެއް ނެތެވެ. އެކަމަކު ހުކުރު ޚުތުބާގައި ވައްކަންކުރާ މީހުންނާ ދޭތެރޭ ކަންތައް ކުރަން އޮންނަ ގޮތުގެ ވާހަކަ ވަރަށް ގިނަފަހަރު އަޑުއިވެއެވެ. މަރަށް މަރު ހިފާ ވާހަަކަ ދައްކަވާއިރު ވައްކަން ކުރާ މީހުންނަށް ހަދަންޖެހޭ ގޮތުގެ ވާހަކަ ނުދައްކަވަނީ ކީއްވެގެން ބާވައޭ ހިތަށް އަރަނީއެވެ. ވައްކަން ކުރުމުގެ އަދަބު ނުދިނަސް ވަރިހަމަ ގޮތެއް އޮންނާނީ ބާވައެވެ. ދީނުގެ ހުކުމް ތަކުގެ ވާހަކަ ދައްކަވާއިރު މިކަން އޮންނަ ގޮތެއް ވެސް އޮޅުންފިލުވައި ދެއްވަ ބައްލަވާށެވެ.

  3. ހަމައެކަނި މަރައް މަރު ހިފުންތޯ އިސްލާމީ ޝަރީއަތުގަ އޮއްނަނީ ވާރިސުން މާފް ދިނީމަ ދޫކޮށް ލުމަކީވެސް އިސްލާމީ ޝަތީއަތުގެ ތެރޭން ހިމެނޭކަށްމެއް އޭނާ ޖަލައް ލާ ހައްޔަރު ކޮއްގެން ނުގެންގުޅެވޭނެ ވައްކަން ކުރާ މީހާ ޒިނޭ ކުރާ މީހާ އެއްޖިންސުން ގުޅުން ހިންގާ މީހާ ފަސާދަ ކުރާ މީހާ މީ އިސްލާމީ ޝަރީއަތުގަ ނެތްކަންތައްތޯ ވަކި ބަޔަކު މަރާ ލުމަށް އިސްލާމީ ޝަރީއަތޭ ނުކިޔާ އެއީވެސް ވަލުއީ ޤާނޫނޭ ކިޔާ

  4. މައުމޫނު ވިދާލުވާ އެއްޗެއްސާފްނުކޮށް ފަހުގެ ނަޖިދުވަށްހާބީން ތެޅިގަންނަނީ އެކަމެއްރޯނުފިލާތީ. މައުމޫނު އެވިދާޅުވަނީ މިރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރާކަށް ނުފެނެއޭ ސަބަބުތަކެއް އޮތީމަތާ މަރުގެ ހުކުމް ތަންފީޒު ކުރަންޖެހޭ ގޮތް ވަރަށްސާފޭ
    މަރުގެ ހުކުމް ތަންފީޒު ކުރަން ނުޖެހޭނެއެކޭ މައުމޫނު ވިދާޅެއްނުވޭ ވަރަށް ވަރަށް ސާފް އިނގޭތޯ

  5. ވަރަށް މޮޅު ސިޓީއެއް ލިޔެވިއްޖެ ކަމަށް ހީކުރައްވާނެތޯއްޗެކެވެ. އެކަމަކު ތީ އެއްވެސް ޙަޤީޤަތެއް ހޮތް ވާހަކައެއްނޫން. ތިބާއަށް ހުރި މަޢުލޫމާތެއްގެ މަދުކަމާއެވެ.

  6. ބަގަރާ ގެ 178 ގައި ގިސޯސް ގެ ބައެއް މާފު ކުރެވުނު މިހާގެ ވާހަކަވެސް އެބަ އޮތެއްނޫންތޯއެވެ. ދިރާސީ ނަޒަރަކުން ތަފްސީލީ ގޮތެއްގައި އެކަމަށް އަލިއަޅުވައިނުލެއްވީ ކީއްވެތޯއެވެ.

  7. ލިއުން ފުރިހަމަވީގޮތެއް ނޭގުނު. މައުމޫނަށް ހުޅުވާލާފާއޮތް ސިޓީއެއްގައި މައުމޫނު ދެއްކެވި ވާހަކައިން ތަންތަންކޮޅުގެނެސް ލިއުނު މީހާ ބޭނުންވި ވަރަށް މައުލޫމާތު ހާމަކުރީމާ ލިއުން ފުރިހަމަ ވީ ގޮތެއް ނޭގުނު. ދިވެހިމީހާގެ ކޮމެންޓުގައި ހުރި ވާހަކަތައްވެސް ލިއުންތެރިޔާ އޮޅުން ފިލުވާދެއްވިނަމަ ތަންކޮޅެއް ފުރިހަމަ ވީސް

  8. އައްޝައިޚް ހުސައިން ޢަބްދުއްރަޙުމާނު އާއި އައްޝައިޚް މުހައްމަދު އިބްރާހީމް އަކީ މައުމޫނުގެ ލާއިންސާނީ ނުހައްގު އަނިޔާ ވަރަށްބޮޑަށް ލިބުނު ދެ ޢިލްމުވެރިން އެކަމަކު ރާއްޖޭގެ މިއަދު ރައީސް އާއި މެޑަމްއަކީ އެ ޢާލިމުންގެ ދަރިން

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް