މެލޭޝިއާ ވަކީލުންގެ ޓީމަކުން އިސްރާއީލުން ކޮށްފައިވާ ހަނގުރާމަމަތީ ކުށްތަކުގެ ހެކި ހުށައަޅައިފި

Loading

January 3, 2024
profile
Facebook
Twitter
WhatsApp

ޣައްޒާއާއި ދެކޮޅަށް އިސްރާއީލުން ދިން ހަމަލާތަކުގައި އަރައިގަނެފައިވާ ހަނގުރާމަމަތީ ކުށްތައް ސާބިތުކުރުމަށްޓަކައި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ މެލޭޝިއާގެ ވަކީލުންގެ ގްރޫޕަކުން ބައިނަލްއަޤްވާމީ ކްރިމިނަލް ކޯޓު (އައިސީސީ) ގައި ހެކި ހުށައަޅައިފިއެވެ. 

މި ގްރޫޕުން އިސްރާއީލާއި ދެކޮޅަށް ހެކި ހުށައަޅާފައިވަނީ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުގައެވެ. އައިސީސީ ހިންގުމަށް އެކުލަވާލެވުނު މުއާހަދާ، ”ދަ ރޯމް ސްޓެޓިއުޓް“ގެ ދަށުން މައްސަލާގައި ބައިވެރިވާ ފަރާތްތަކުގެ އިތުރުން ތިންވަނަ ފަރާތަކަށްވެސް މައްސަލައާއި ގުޅޭ ހެކި ހުށައެޅުމުގެ ފުރުސަތު ލިއްބައިދެއެވެ.

މިގޮތުން، އިސްރާއީލުން ފަލަސްތީނު ހިޞާރުކޮށް ވެރިވެގަނެގެން އުޅޭ އުޅުމުގައާއި، އިރުމަތީ ޖާރުއްސަލާމް އަށް ވެރިވެގަނެގެން އުޅޭ އުޅުމުގައި ޖޫން 2014 އިއްސުރެ ފެށިގެން ހަނގުރާމަމަތީ ކުށަކަށް އަރައިގަނެފައިވޭތޯ ބެލުމަށް ހުޅުވާލެވުނު ތަހުގީގު ހުޅުވާލާފައިވަނީ މާރޗު 2021 ގައެވެ. 

ތަހުގީގު ހުޅުވާލެވުނު ފަހުން އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އެތައް ބައިވަރު ޖަމިއްޔާއަކުން މައްސަލައިގެ ހެކި ހުށައަޅާފައިވާއިރު، އިސްރާއީލުން ހިންގާ ޖަރީމާތަކަކީ ނަސްލުނައްތާލައި، ބަޔަކު ފުހެލުމަށް ކުރާ މަސައްކަތެއްކަމަށް ބުނެ އަޑުވެސް ވަނީ އުފުލާފައެވެ. 

”މައިއަޤްސާ“ އަކީ ”ފްރެންޑްސް އޮފް ޕަލަސްޓައިން“ ފަދަ އެންޖީއޯތަކާއި ގުޅިގެން ވަރަށް ގާތުން މަސައްކަތްކުރާ ޖަމިއްޔާއެކެވެ. 

”ގިނަ ގައުމުތަކުން މޮޅެތި ވާހަކަތައް ދައްކައި، ނާއިންސާފު ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމަށް ޖެހިލުންވެ ތިބި ދަނޑިވަޅެއްގައި، މެލޭޝިއާއާއި، ދެކުނު އެފްރިކާ ފަދަ ގައުމުތަކުން ބައިނަލްއަޤްވާމީ ޤާނޫނު ނަގަހައްޓާއި ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލުމުގައި މިސާލު ދައްކައިފި“، ދިވެހިރާއްޖޭގެ ފަރާތުން ފްރެންޑްސް އޮފް ޕަލަސްޓައިން ތަމްސީލުކުރައްވާ މުއާދް މުޙައްމަދު ޒަކީ ވިދާޅުވެއެވެ. 

މިގޮތުން، މެލޭޝިއާ ސަރުކާރުންވެސް ވަނީ ދެކުނު އެފްރިކާއިން ބައިނަލްއަޤްވާމީ ކޯޓު (އައިސީޖޭ) އަށް އިސްރާއީލާއި ދެކޮޅަށް ވެއްދި މައްސަލައަށް ތާއީދުކޮށްފައެވެ. އަދި މެލޭޝިއާއިން ވަނީ އިސްރާއީލުގެ އުޅަނދުތަކާއި، އެގައުމުގެ މަސްލަހަތު އޮންނަ އުޅަނދުތައް މެލޭޝިއާގެ ކަނޑުގެ ސަރަހައްދުތަކަށް ވަދެ، އެގައުމުގައި ބަނދަރުކުރުން މަނާވެސްކޮށްފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް