ދުނިޔެ ނިމުމާއި އާޚިރަތުގެ ފެށުން (2)

Loading

Facebook
Twitter
WhatsApp

ޤިޔާމަތުގެ ކުދި ޢަލާމާތްތަކުގެ ތެރެއިން އަނެއް ޢަލާމާތަކީ، ޖާހިލުކަން ފެތުރިގެން ދިއުމާއި، ޢިލްމުވެރިކަން ފިލައި ދިއުމޭ ބުނެވޭ ބަހުގެ މާނައަކީ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ސާބިތުވާ ޢިލްމު ފިލައި ދިއުމެވެ. އެހެން ޢިބާރާތަކުން ނަމަ، ޝަރުޢީ ޢިލްމު ފިލައި ދިއުމެވެ. މިއާ ޚިލާފަށް ދުނިޔަވީ ޢިލްމު ދާނީ ކުރިއަށެވެ. ﷲ ރުއްސުންލެއްވި ޢަބްދުﷲ އިބްނު ޢަމްރު ބުނުއްޢާޞް ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާތީ ތިމަންކަމޭގެފާނު އެއްސެވީމެވެ.

”إِنَّ ﷲ لاِ يَقْبِضُ الْعِلْمِ اِنْتِزَاعًا يَنْتَزِ عُهُ مِنَ النَّاسِ وَلَكِنْ يَقْبِضُ الْعِلْمَ بِقَبْضِ الْعُلَمَاءِ حَتَّى إِذَا لَمْ يَتْرُكْ عَالِمًا اتَّخَذَ النَّاسُ رُؤُوسًا جُهَّالاً فَسُئِلُوا، فَأَفْتَوا بِغَيْرعِلْمٍ، فَضَلُّوا وَأَضَلُّوا“ (رواه مسلم)

މި ޙަދީޘްގެ މާނައަކީ، ހަމަކަށަވަރުން ﷲ، މީސްތަކުންގެ ކިބައިން ޢިލްމުވެރިކަން ނިގުޅުއްވައި ގެންދަވަނީއެއް ނޫނެވެ. އެހެނެއްކަމަކު ޢިލްމުވެރިކަން ގެންދަވަނީ ޢިލްމުވެރިންގެ މަރުހިއްޕެވުމުންނެވެ. މިމޭރުމުން ޢިލްމުވެރިން ނެތިދިއުމުން މީސްތަކުން ޖާހިލުވެރިންނަށް ތަބާވާނެއެވެ. ފަހެ އެބައިމީހުންނާ ސުވާލުކުރެވިއްޖެނަމަ ޢިލްމަކާ ނުލައި ފަތުވާދޭނެއެވެ. އަދި މަގު ފުރެދިގެން ތިބެ، މީސްތަކުން މަގުފުރައްދާނެއެވެ.

ދެންފަހެ، މަގުފުރެދުމާއި މަގުފުރެއްދުން ވާކަން ކަށަވަރީ އިސްލާމްދީނުގެ ޢިލްމާމެދު ޖާހިލުވުމުންނެވެ. އިސްލާމްދީނުގެ ޢިލްމު ނޭނގުމުންނެވެ. ޙަޤީޤަތުގައި ޢިލްމުވެރިންނަކީ ޢިލްމު އުނގެނި، އެ އުނގެނުނު ޢިލްމާއި އެއްގޮތަށް ޢަމަލުކުރާ މީހުންނެވެ. އަދި ހިދާޔަތުގެ ތެދުމަގަށް މަގުދައްކާ މީހުންނެވެ. ޢަމަލުކުރުމަކާ ނުލައި ޢިލްމަކީ ޢިލްމުވެރިޔާއަށް އެއްވެސް ފައިދާއެއް އޮތް އެއްޗެއް ނޫނެވެ. އިބްލީހަކީވެސް ޢިލްމުވެރިއެކެވެ. ނަަމަވެސް ޢަމަލުގެ މައިދާނުގައި ފަސްޖެހުމުންނާއި މާމޮޅުވެ ބޮޑާވެގަތުމުން، ކީރިތިވަންތަ ﷲ، އޭނާއަށް ލަޢުނަތް ލެއްވީއެވެ. އެއީ، ސަލާމްލެއްވި އާދަމްގެފާނަށް ސަޖިދަކުރުމަށް އެކަލާނގެ ކުރެއްވި އަމުރުފުޅަށް އޭނާ ނުކިޔަމަންތެރި ވުމުންނެވެ. މިވާހަކަ ކީރިތި ޤުރުއާނުގައި ވަރަށް ތަފްޞީލުކޮށް، އެކަލާނގެ ބަޔާންކޮށްދެއްވާފައިވެއެވެ.

ތަޤްވާވެރިކަމާނުލައި ޢިލްމުވެރިޔާއަށް އެއްވެސް މާތްކަމެއް ނުވާކަން ބަޔާންކުރައްވައި، ޅެންވެރިޔަކު ވިދާޅުވެފައި ވެއެވެ.

لَوْ كَانَ لِلْعِلْم مِنْ دُونِ التُّقَى فَضْلٌ

        لَكَانَ أَفْضَلُ خَلْقِ للهِ إبْلِيْسُ

މާނައަކީ، ތަޤްވާވެރިކަމާނުލައި ޢިލްމަށް މާތްކަމެއްވާނަމަ، ﷲގެ ޚަލްޤުތަކުންގެ ތެރެއިން އެންމެ މާތްވީހީ އިބްލީހެވެ.

ދެންފަހެ، ފަހުޒަމާނުގައި މާތްވެގެންވާ އިސްލާމްދީނުގެ ފަރްޟުތައްވެސް މީސްތަކުންނަށް އެނގިގެން ނުވާ މިންވަރަށް ޢިލްމުވެރިކަން ފިލައިގޮސް، ޖާހިލުކަން ފެތުރޭނެކަން ޝަރުޢީ ދަލީލުތަކުން ސާބިތުވެއެވެ.

عَنْ حُذَيْفَةَ ﷺ قَالَ: قَالَ رَسُول  للهِ ﷺ: ”يَدْرُسُ الإِسْلاَمُ كَمَا يَدْرُسُ وَشْيُ التَّوْبِ حَتَّى لاَيُدْرَى مَا صِيَامٌ، وَلاَ صَلاَةٌ، وَلاَ نُسُكٌ، وَلاَ صَدَقَةٌ، وَيُسْرَى عَلَى كِتَابِ للهِ فِي لَيْلَةٍ فَلاَ يَبْقَى فِي الأَرْضِ مِنْهُ ءَايَةٌ، وَتَبْقَى طَوَائِفُ مِنَ النَّاسِ: الشَّيْخُ الْكَبِيْرُ وَالْعَجُوزُ يَقُولُونَ أَدْرَكْنَا آباءَنَا عَلَى هَذِهِ الْكَلِمَةِ؛ يَقُولُونَ: “ لَا إِلَٰهَ إِلَّا ٱللَّٰهُ ”، فَنَحْنُ نَقُولُهَا، فَقَالَ لَهُ صِلَةُ مَا تُغْنِىْ عَنْهُمْ “ لَا إِلَٰهَ إِلَّا ٱللَّٰهُ “ وَهُمْ لاَ يَدْرُونَ مَا صَلاَةٌ، وَلاَ صِياَمٌ، وَلاَ نُسُكٌ، وَلاَ صَدَقَةٌ؟ فَأَعْرَضَ عَنْهُ حُذَيْفَةُ، ثُمَّ رَدَّهَا عَلَيْهِ ثَلاَثًا، كُلَّ ذَلِكَ يُعْرِضُ عَنْهُ حُذَيْفَةُ، ثُمَّ أَقْبَلَ عَلَيْهِ فِي الثَّالِثَةِ فَقَالَ: يَا صِلَةُ! تُنْجِيْهِمْ مِنَ النَّارِ ثَلاَثًا (سنن ابن ماجة: كتاب الفتن، باب ذهاب القرآن والعلم، والحاكم في المستدرك وقال: حديث صحيح على شرط مسلم ولم يخرجاه ووافقه الذهبي)

މިޙަދީޘްގެ މާނައަކީ، ﷲ ރުއްސުންލެއްވި ޙުޛައިފަތުގެފާނުގެ އަރިހުން ރިވާވެގެންވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ހެދުމުގެ ކުލަ (މަޑުމަޑުން ފިލަމުންގޮސް) ފިލައިގެން ދާފަދައިން އިސްލާމްދީން ފުހެވިގެން ދާނެއެވެ. ރޯދައަކީ ކޮބައިކަން، ޞަދަޤާތަކީ ކޮބައިކަން، ޙައްޖުގެ އަޅުކަމުގެ ކަންތައްތަކަކީ ކޮބައިކަން ނޭނގިއްޖައުމަށް ދާނދެނެވެ. އެއްރެއެއްގައި ﷲގެ ފޮތް، ކީރިތި ޤުރުއާން އަރުއްވައި ގަންނަވާނެއެވެ. ދެން މިބިމުގައި އެފޮތުގެ އެންމެ އާޔަތެއްވެސް ނޯންނާނެއެވެ. ދުވަސްވީ މުސްކުޅި ފިރިހެނުންނާއި މުސްކުޅި އަންހެނުން މީސްތަކުންގެ ތެރޭގައި އުޅޭނެއެވެ. އެމީހުން ބުނެއުޅޭނެއެވެ. އަހަރެމެންގެ ކާބަފައިން لَا إِلَٰهَ إِلَّا ٱللَّٰهُ މިކަލިމަ ކިޔައި އުޅޭތީ އަހަރެމެން ދުށީމެވެ. ވީމާ އަހުރެމެން އެކަލިމަ ކިޔަނީއެވެ. ﷲ ރުއްސުންލެއްވި ޙުޛައިފަތުގެފާނުގެ އަރިހުގައި ޞިއްލަތުގެފާނު ދެންނެވިއެވެ. لَا إِلَٰهَ إِلَّا ٱللَّٰهُ ކިޔުމުން އެމީހުންނަށް ފުދޭނީ ކޮންބޭނުމެއް ހެއްޔެވެ؟ ރޯދައަކީ ކޮބައިކަމާއި، ޞަދަޤާތަކީ ކޮބައިކަމާއި، ޙައްޖުގެ އަޅުކަމަކީ ކޮބައިކަން އެމީހުންނަށް ނޭނގި ތިބޭ ޙާލުގައެވެ. ދެން ޙުޛައިފަތުގެފާނު މޫނުފުޅު އަނބުރުއްވައިލެއްވިއެވެ. ތިންފަހަރު، ޞިލަތުގެފާނު މިވާހަކަ ދެންނެވުމުންވެސް ޙުޛައިފަތުގެފާނު ކޮންމެ ފަހަރަކުވެސް މޫނުފުޅު އަނބުރާލެއްވިއެވެ. ތިންވަނަ ފަހަރު ޞިލަތުގެފާނަށް ކުރިމަތިލައްވައި ވިދާޅުވިއެވެ. އޭ ޞިލަތުގެފާނެވެ! އެކަލިމަ އެމީހުން ނަރަކައިން ސަލާމަތްކުރާނެއެވެ. ތިންފަހަރު މިފަދައިން ވިދާޅުވިއެވެ.

އިބްނު ތައިމިއްޔާގެ މަޖްމޫޢުލް ފަތާވާ (3/199-198) ގައި އިބްނު ތައިމިއްޔާ ރަޙްމަތުﷲ ޢަލައިހި ވިދާޅުވެފައިވަނީ، ރޭގަނޑެއްގައި، މުޞްޙަފުތަކުންނާއި، ހިތްތަކުން ޤުރުއާން އަރުއްވައިގަންނަވާނޭ ކަމުގައެވެ. ވީމާ، (އެއަށްފަހު) މީސްތަކުންގެ ހިތްތަކުން އެޤުރުއާނުގެ އެއްމެ ކަލިމައެއްވެސް ނުވާނޭ ކަމުގައެވެ. އަދި މުޞްޙަފުތަކުގައިވެސް އެޤުރުއާނުގެ އެއްމެކަލިމައެއްވެސް ނުވާނޭ ކަމުގައެވެ. މިއެވެ.

ފަހެ މިއަށްވުރެވެސް މާބޮޑު ކަމެއް މެދުވެރިވާނެއެވެ. ﷲގެ ނަންފުޅު ކިޔާނޭ މީހަކުވެސް މިބިމުގައި ނެތިދާދުވަސް އަންނާނެއެެވެ. އެދުވަސް އަންނައިރު، މިބިމުގައި ތިބޭނީ ނުބައި ނުލަފާ ކާފިރުންނެވެ. ﷲ ރުއްސުންލެއްވި އަނަސުގެފާނު ވިދާޅުވިއެވެ. ހަމަކަށްވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

”لاَ تَقُوُ السَاعَةُ حَتَّى لاَ يُقَالَ فِي الأَرْضِ: ﷲ، ﷲ“ (صحيح مسلم: كتاب الإعيان، باب ذهاب الإعيان في آخر الزّمان مع شرح النوي)

މިޙަދީޘްގެ މާނައަކީ، ﷲ، މިކަލިމަފުޅު ކިޔާނޭ ބަޔަކު ބިމުގައި ނެތިއްޖައުމަށް ދާންދެން ޤިޔާމަތް ނުވާހުއްޓެވެ. (ޔަޢުނީ ބިމުގައި، ﷲގެ ނަންފުޅު ގަނެވޭހައި ހިނދަކު ޤިޔާމަތް ނުވާހުއްޓެވެ.) ވުމާއެކު، އެނގި ކަށަވަރުވަނީ އެޒަމާނެއް އަންނައިރަކު ކީރިތި ޤުރުއާން ބިމުގައި ނޯންނާނެކަމެވެ. އެކަލާނގެ އެޤުރުއާން އަރުއްވައިގަންނަވާނެކަމެވެ. ފަހެ، ކީރިތި ޤުރުއާން އަރުއްވައިގަންނަވާނޭކަމަށް ދަލީލު ލިބޭ ޞައްޙަ ޙަދީޘްތައް ޝަރަޙަ ކުރެއްވުމުގައި އިމާމުވެރި ބޭކަލުން ޙަދީޘް ޢިލްމުގެ އަޞްލު މަރޖިޢުތަކުގައި ބާބުތައް ކަނޑައަޅުއްވާފައިވެއެވެ. މިދެންނެވި އިމާމުވެރި ބޭކަލުންނަކީ ޝައްކެއްނެތް ގޮތުގައި ޞައްޙަ ޢަޤީދާގެ އަހުލުވެރި ބޭކަލުންނެވެ.

ދެންފަހެ، ޤިޔާމަތުގެ ޢަލާމާތްތަކުގެ ތެރޭގައި ހިމެނޭ މިފަދަ ވާހަކަތަކަކީ ދިވެހީންނަށް އާވާހަކަތަކެއް ނޫނެވެ. އަޅުގަނޑުމެންގެ ތެރޭގައި އުފެދުނު ދީނީ ޢިލްމުވެރިން އަޅުގަނޑުމެންނަށް އޮޅުން ފިލުވައިދެއްވާފައި ހުރި މަޢުލޫމާތު ތަކެކެވެ. އެބޭކަލުންގެ ލިޔުއްވުން ތަކުގައިވެސް މިވާހަކަތައް ހިމެނިގެން ވޭމެއެވެ. ޝައިޚުލް އިސްލާމް، ޢަބްދުﷲ ޖަލާލުއްދީން، (ރަޙްމަތުﷲ ޢަލައިހި) ޅެންބަހުން އެކުލަވާލައްވާފައިވާ ޤިޔާމަތުގެ ނާމާގެ އެއްވަނަ ބަޔަކީ ދިވެހިންގެ ތެރޭގައި މަޝްހޫރު ފޮތެކެވެ. މިފޮތުގައި، މިމަތިވެރި ޢިލްމުވެރިޔާ މިވާހަކަ ވިދާޅުވެފައިވަނީ މިފަދައިންނެވެ.

”ސުލޫކުގެ ރިޔާޟަށް ޚަރީފެއް އައިސްގެން،

ޢުލޫމުގެ ނަހަރުތައް އެކީގައި ހިނދޭނޭ.

        އެކީގައި ހިތާ އަދި ފޮތުން ފުހެވިގެންގޮސް،

        އެ ކީރިތިވި ޤުރުއާން އެކީ އުހުލި ދާނޭ.

ޝަހާދަތު ހަނދާންނެތި ޒަމާނުގެ މިއެންމެން،

ޖަހާލަތުގެ ބޯޖަންގަލީގައި ވެދާނޭ.

        ދިޔާނަތުގެ އައުދާނަކަށްގޮސް އޮބައިލާ،

        ޤިޔާމަތުގެ ނަންވެސް ހަނދާނުން ފިލާނޭ.

ދެންފަހެ، ކީރިތި ޤުރުއާން އުހުއްލެވުމުގެ މާނައަކީ، އިސްވެ ބަޔާންވެދިޔަ ފަދައިން، ހިތްތަކުންނާއި މުސްޙަފުތަކުން ފުހެވިގެން ދިއުމެވެ.

ފަހުޒަމާނުގައި ކީރިތި ޤުރުއާން އުފުއްލަވައި، ހިތްތަކުންނާއި މުޞްޙަފުތަކުން ފުހެވިގެންދާ ވާހަކައަކީ ޙަދީޘް ޢިލްމުގެ އަޞްލު ފޮތްފޮތުގައި ޢިލްމުވެރިން ބާބުތައް ކަނޑައަޅުއްވާފައިވާ މަޥްޟޫޢެކެވެ.

ﷲގެ އިސްމުފުޅު ކިޔާނޭ މީހަކު މިބިމުގައި ނުހުންނަ ޒަމާން އަންއިރު، ކީރިތި ޤުރުއާން އަރުއްވައިގަތުމަކީ އެޤުރުއާން ރައްކާތެރިކޮށްދެއްވުމަށް އަރަހުށި މާތްﷲ ކުރައްވާފައިވާ ވަޢުދުފުޅާ އެއްވެސް ޙާލެއްގައި ތަޢާރުޟުވާ ކަމެއްނޫނެވެ. އަދި ކިއެއްތަ! އެހިސާބުން އެވަޢުދުފުޅު ފުރިހަމަވީއެވެ. ކީރިތި ޤުރުއާނަށް ކާފިރުން އިހާނާތްތެރިކޮށް ހިތުމާއި، ބޭއިޙްތިރާމް ކުރުމުގެ ފުރުޞަތެއް އެކަލާނގެ އެބައިމީހުންނަކަށް ނުދެއްވާނެއެވެ. ސަލާމަތް ބުއްދި ޤަބޫލުކުރާ ގޮތަކީވެސް މިއީއެވެ.

ﷲގެ އިސްމުފުޅު މިބިމުގައި ކިޔާނެ މީހަކު ނުހުންނަ ޒަމާނަކީ ފަހުޒަމާނުގެ އެންމެ ފަހުޒަމާނެވެ. ޞައްޙަ ހަދީޘުން ސާބިތުވާ ގޮތުގައި، ޢީސާ ޢަލައިހިއްސަލާމް ފައިބައިވަޑައިގަންނަވައި، މިއުއްމަތުގެ ޝަރީޢަތް ޤާއިމުކުރައްވައި، އެންމެހައި މީސްތަކުން މިއުއްމަތުގެ ޝަރީޢަތަށް ތަބާވެ، އެއަށްފަހު އެކަލޭގެފާނު އަވަހާރަވުމުން މީސްތަކުން މަގުފުރެދެން ފަށާފާނެއެވެ. ދެން، މަގުފުރެދެމުންގޮސް ދުނިޔޭގައި ކާފިރުން ގިނަވެ މުއުމިނުން ނުހަނު މަދުވާނެއެވެ. ދެން އެދުވަސްވަރު، ދުނިޔޭގައި ތިބި މަދު މުއުމިނުންކޮޅުގެ ފުރާނަ އެކަލާނގެ ހިއްޕެވުމަށްފަހު ޝަރުޢީ ޢިލްމުގެ ކޯރުތައް ހިނދި، ޖާހިލުކަމުގެ އަނދިރިކަން މުޅި ދުނިޔެއަށް ފެތުރެން ފަށައިފާނެއެވެ. އެހައިރުން، ކީރިތިވަންތަﷲ، ކީރިތި ޤުރުއާން އަރުއްވައިގަންނަވާނެއެވެ. ﷲގެ ނަންފުޅު ކިޔާނެ މީހަކު މިބިމަކު އެހިނދަކު ނުހުންނާނެއެވެ. ޤިޔާމަތް ޤާއިމުވާހުށީ މިނުބައި މީހުންގެ މައްޗަށެވެ.

އިސްވެ އެދިޔައީ ޤިޔާމަތުގެ ޢަލާމާތްތަކުގެ ތެރެއިން ކުޑަމިންވަރެއްގެ ކުރު ޚުލާޞާއެކެވެ. ޤިޔާމަތުގެ ޢަލާމާތްތައް ނުހަނު ގިނައެވެ. މިޢަލާމާތްތަކުގެ ތެރެއިން އަނެއްކަމަކީ ޒިނޭކުރުން ޢާއްމުވެ، އެކަން ފެތުރިގެން ދިއުމެވެ. ޒިނޭކުރުމަކީ ޙަރާމް ކަމެކެވެ. ބޮޑު ފާފައެކެވެ. މިނުބައި ފާފައަށް އިންސާނާ އަރައިގަންނަނީ އޭނާގެ އަމިއްލަ އިޚްތިޔާރުންނެވެ. ކޮންމެއަކަސް ޒިނޭކުރުން ޢާންމުވުމާއެކު، ޒިނޭކުރުން ހުއްދަކުރާ ބަޔަކުވެސް އުފެދޭނެކަން ޞައްޙަ ޙަދީޘުން ސާބިތުވެއެވެ. އަދި ކިއެއްތަ! ﷲ ޙަރާމްކުރައްވާފައިވާ ކަންތައްތަކުގެ ތެރެއިން އެތައް ގިނަ ކަންތައްތައް ހުއްދަކުރާނޭ ބަޔަކު އުފެދޭނެކަންވެސް ޞައްޙަ ޙަދީޘުން ސާބިތުވެއެވެ.

ހަމަކަށަވަރުން ސަލާމާއި ޞަލަވާތްލެއްވި ނަބީކަލޭގެފާނު ޙަދީޘްކުރައްވާތީ އަބޫ މާލިކުލް އަޝްޢަރީ އެއްސެވިކަމަށް އެކަލޭގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ.

”لَيَكُونَنَّ مِنْ أُمَّتِيْ أَقْوَامٌ يَستَحِلُّونَ الْحِرَّ وَالْحَرِيْرَ وَالْخَمْرَ وَالْمَعَازِف ….. الحديث“ (ރަވާހުލް ބުޚާރީ)

މިޙަދީޘުގެ މާނައަކީ، ޒިނޭކުރުމާއި، ފަށުވި ފޭރާންލުމާއި، ބަނގުރާއާއި، މިއުޒިކް ޙަލާލުކުރާނޭ ބަޔަކު ތިމަންކަލޭގެފާނުގެ އުއްމަތުގައި އުފެދޭނެކަން ކަށަވަރެވެ.

ދެންފަހެ، ކީރިތިވަންތަ ﷲ ޙަރާމްކުރައްވާފައިވާ ކަމެއް ހުއްދަކުރުމަކީ އިސްލާމްދީނުން ބޭރުވާ ކަމެކެވެ. އިސްލާމްދީން ފާޅުވެގެން އައިދުވަސްވަރު ޙަރާމް ނުކުރައްވާ އެތައްގިނަ ކަންތައް ހިޖްރައަށްފަހު ކީރިތިވަންތަﷲ ޙަރާމްކުރެއްވިއެވެ. އެހެންކަމުން ޙަރާމް ޙަލާލު ބެލުމުގައި ބަލަންޖެހޭނީ އެކަމެއްގެ އެންމެ ފަހު ޙުކުމަށެވެ. އެހެންކަމުން މަސްއަލާއެއްގެ ޙުކުމް ހޯދުމުގައި ނާސިޙް މަންސޫޚް ފަދަ ޤަވާޢިދުތަކަށް ރިޢާޔަތްކުރަން ޖެހެއެެވެ. މިއީ މަތިވެރި ޢިލްމުވެރިންނަށް މެނުވީ ނުކުރެވޭނެ ކަންކަމެވެ.

ޤިޔާމަތުގެ ކުދި ޢަލާމާތްތައް ނުހަނު ގިނައެވެ. އޭގެތެރެއިން ބައެއް ޢަލާމާތް ދަންނަވައި މިލަނީ އިސްވެ އިޝާރާތްކުރެވުނު ޤިޔާމަތު ނާމާ އިންނެވެ.

ކިޔަން އަދި ވަކިން އޮތްތަ އެއްޗެއް ކިޔާނޭ،

ޤިޔާމަތް މިއެންމެން ކިޔަންވެސް ކިޔާނޭ.

        ހިޔަންޏަށް މިދާހުށި ފިލާބަޔަކު ނެއްޓަސް،

        މިޔަށް ބަޔަކު ހެޔޮވިސްނުމެއް ގެންގުޅޭނޭ.

ބަލާ މީހަކަށް ކައިރިވާކަން އެނގޭފަދަ،

ޢަލާމާތްތަކެއް ފުލުފުލުން ފާޅުވާނޭ.

        ފަލާޙުގެ މަގަށް އަލިއެޅުއްވެވި ނަބިއްޔާ،

        ޢަލާމާތްކަމަށް އެންމެ ފުރަތަމަ ގުނޭނޭ.

މިއަށްފަހު ހިނގާ އަންނަ ކަންތައް ކުރީކޮޅު،

މިޔަށް ކުދި ޢަލާމާތްތަކޭ ބުނެ އުޅޭނޭ.

        އިމާމުގެ ފަހަށް ފަހުޒަމާނުގެ އެ މަހްދީ،

        ދިމާވާކަމަށް ބޮޑު ޢަލާމާތް ކިޔާނޭ.

ޢަލާމާތްތަކެ ނަންކިޔޭ ކަމުގެ ތެރެއިން،

މަލާމާތްތަކާ އާޑަ ގިނަވުން ހިނގާނޭ.

        ކަޅާދޮން ދެޖިންސުގެތެރޭ ނެތި މަނާއެއް،

        އަޅާ ދަރިވި ސާހިބު ވިހަންވެސް ވިހާނޭ.

*      *      *      *      *      *   

ރަހުންނާ ޤުޟާތުންގެ ޢަދްލުގެ މަގާފޭ،

ފަހުން ޒުލްމު އަނިޔާ އެހާގިނަ ވެދާނޭ.

        ނިޔާ ކަނޑައަޅާ ޙާކިމުން ޙުކްމު މައްޗަށް،

        ކިޔާ ތިޔަ ނުބައި ހޫނު ރިޝްވަތު ހިފާނޭ.

*      *      *      *      *      *      

އިހަށް އުޅުނު މާތްމީހުނާ ޢާލިމުންނަށް،  

ކިހައްޑިޔަވި ބަސް ފަހުގެ މީހުން ކިޔާނޭ.

        މަދަދުވެރިވެ ހެޔޮ ޢާލިމުންނާ ޢުލޫމަށް،

        ޤަދަރުދީ އުޅޭ ބަޔަކަށްވެސް މަދުވެދާނޭ.

ވަޤީލެއް އެތްތޯ ތަނަކު ބަލަބަލައިގެން،

ފަޤީހުން ރަހުންނަށް ޚުޝާމަދުކުރާނޭ.

        ޢުލޫމާ ދިޔާނަތު ނުއަގުގައި އެވިއްކައި،

        ސުލޫކުގެ މަގާ އެއްފަރާތަށް ޖެހޭނެ.

ނަގާ ސަފަރުގާވީ ރިޔާތައް އެކީގައި،

މަގާރިވެތި ތަޤްވާގެ އޮޑި ފޭކުރާނޭ.

        މިބާވަތްވެގެން މަހުޖަނުން ތާޖިރުންވެސް،

        ރިބާކައިހަދާ މިނެކިރުން ލުއިކުރާނޭ.

ވިޔާފާރިޔާ އެންމެތަކުގައި މަސައްކަތް،

ޚިޔާނާތްތަކާ މަކަރު ޙީލަތް ހިނގާނޭ.

        ކިޔާ ހެޔޮތަކެއްޗާ ކުރާއަޅުކަމެއްގައި،

        ރިޔާ ސުމްޢަތާ ދޭތި ބައިވެރިކުރާނޭ (ރިޔާ: ކަންދެއްކުން)

ބަރިއްޔަތުގެ އަޚްލާޤު މާދަށް ދަށަށްގޮސް،

ދަރިން މާބަފައިންނަށް ނުބައިކޮށް ހިތާނޭ.

        ތިރިން އަމުރު މައްޗަށް ހިނގާނޭގޮތް ދިމާވެވި،

        ފިރިންނަށް އަނބިން ޙުކުމުގައި އިސްނަގާނޭ.

ސަފަރުވެސް ބަޔަށްބައި އެގޮތް މިގޮތުގައި ކޮށް،

ތަފަރުނުޖުވެގެން އަންހެނުންތައް އުޅޭނޭ. (ތަފަރުނުޖުވުން: ފަރަންޖީވުން)

        ބައެއް ހައްޤުތައް މިލްކުވާ ފިރިހެނުންނަށް،

        ބައެއް އަންހެނުން އެޔަށަ ދަޢުވާކުރާނޭ.

*      *      *      *      *      *   

ތަރާނާ ޢުލޫމުގެ ވެގޮސް ރޫޅި ކުނޑިކުނޑި،

ޚަރާމާ ޙަލާލާ އޮޅުން ކައިރިވާނޭ.

        ތިބޭ މަދުބަޔަކުވެސް މިދީނަށް ލަބައިބޯ،

        ތިބެންވީ ގޮތާމެދު ހިތާމަވެ ސިހޭނޭ.

މިހާތަނަކު ދުނިޔޭން މިދީނުގެ އެދިދަވެސް،

އިހާނެތިވެގެން ދިދަދަނޑިން ތިރިވެވޭނޭ.

        ކަމެއްވެރި ބިމެއްގައި މިވެސް މުސްލިމާނީ،

        ނަމެއްހުރި ގޮތެއްގައި އެވަގުތަކު ނުވާނޭ.

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ފަދައިން މިމާތް އިސްލާމްދީނުގެ ކަންތައް ފަހުޒަމާނުގައި ދަށަށް ދާނެއެވެ. ދެން އެއަށްފަހު އިސްލާމްދީން ކުރިއަރައި، މިދީނުގެ ދިދަ އާހަށް ހުފުލިގެން ދާހުށީ މަހްދީގެފާނަށް ބައިޢަތު ހިފުމަށްފަހު އެއިމާމުގެ ވެރިކަމުގެ ދަށުންނެވެ. އެއީ ހުރިހައި ގޮތަކުން ކަންތައްތައް ކުރިއަރައިގެންދާ ޒަމާނެކެެވެ. ޢަދްލުވެރިކަން ފެތުރި، މުސްލިމުންނަށް ނަޞްރުލިބި، މުއްސަނދިކަމާއި ތިޔާގިކަން ފެތުރިގެންދާނެ ޒަމާނެކެވެ.

ޤިޔާމަތުގެ ބޮޑެތި ޢަލާމާތްތައް ފާޅުވާން ފަށާނީ މަހްދީގެފާނުގެ ޒަމާނުގައެވެ. ޢީސާ ޢަލައިހިއްސަލާމް ފައިބައިވަޑައިގަންނަވާނީ މަހްދީގެފާނުގެ ޒަމާނުގައެވެ. މަހްދީގެފާނަކީ ފަހުޒަމާނުގައި އުފެދޭ ޢަދުލުވެރި އަމީރެކެވެ. ޢަދުލުވެރި ޙާކިމެކެވެ. ސުއްނަތް ޖަމާޢަތުގެ އީމާންކަމަކީ މިއީއެވެ. މިއީ މަހްދީގެފާނާ ބެހޭގޮތުން ޝިޔަޢީން ދައްކައި އުޅޭ ދޮގު ވާހަކަތާ ޚިލާފު ވާހަކައެކެވެ. (ނުނިމޭ)

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް