ސަރުކާރުގެ އެހީގައި ތެލެސީމިއާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިތުރު ދެ ކުއްޖަކު މިއަދު ރާއްޖެއިން ބޭރަށް ފުރައިފިއެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުގެ ދަށުން ސަރުކާރުގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފުރަތަމަ ކުއްޖާ ރާއްޖެއިން ބޭރަށް ފުރީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ.
އިތުރު ދެ ކުއްޖަކު މިއަދު ފުރާފައިވާކަން ހާމަކޮށް ހެލްތު މިނިސްޓްރީން މިއަދު ބުނީ އިތުރު ކުދިން އަންނަ ހަފްތާގައި ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށްޓަކައި މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.
“މިއާ އެކު ތެލެސީމިއާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށްޓަކައި އެޗްއެލްއޭ ޓެސްޓް ހަދާފައި ތިބި އިތުރު ކުދިންގެ ފައިނަލް އެސްސްމަންޓް ހެދުމަށް ރާއްޖެއިން ބޭރުގެ ފަންނީ ޓީމެއް ރާއްޖެ ވަޑައިގެން މިހާރު ވަނީ އެސްސްމަންޓް ހަދައި ހޮވިފައިވާ ކުދިން މި ފަރުވާއަށް ދިޔުމަށް ހަމަޖެހިފައި.“
މިނިސްޓްރީން ބުނީ ސަރުކާރުން މިހާރު ދަނީ އެޗްއެލްއޭ ހަދަން ބޭނުންވާ ކުދިންނަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ހަދަންޖެހޭ ޓެސްޓްތައް ރާއްޖޭގައި ތިބެގެން ހެދުމުގެ އިންތިޒާމު ހަމަޖައްސަމުން ކަމަށެވެ. އެގޮތުން ބޭރުގެ ޓީމެއް މި މި މަހު ރާއްޖެ ވަޑައިގެން އެ ޓެސްޓް ހެދޭނެ އިންތިޒާމު އަދި ސެޓްއަޕް ހަމަޖައްސައި އެޗްއެލްއޭ ހަދަން ބޮޑު ކޭމްޕެއް އަންނަ ފެބްރުއަރީމަހު ބޭއްވުމަށް މިހާރު ރާވާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މި ކޭމްޕްގައި އެޗްއެލްއޭ ހަދަން ނަގާ ސާމްޕަލްތައް ރާއްޖެއިން ބޭރަށް ފޮނުވައިގެން ޓެސްޓް ކުރެވޭނެ ކަމަށެވެ.
މި ސަރުކާރުން މިހާރު ވަނީ ތެލެސީމިއާ ކުދިންނަށް ފަސޭހައިން ބޭހާއި ކޮންސިއުމަބަލް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި, އެސްޓީއޯއާއެކު އެއްބަސްވުމެއް ހަަދައި ރަށުގައި ތިބެގެން ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސާފައެވެ.
މީގެ އިތުރުން މިހާރު ޕްރައިވެޓް ހެލްތުކެއާރ ނިޒާމުގެ ތެރެއިން ހަދަމުންދާ ތެލަސީމިއާ ކުދިންނަށް ބޭނުންވާ އެންމެ މުހިންމު އެއް ޓެސްޓް ކަމަށްވާ ”ޓީ 2 ސްޓާރ ޓެސްޓް“ ހެދުމަށް ބޭނުންވާ ވަސީލަތްތައް ސަރުކާރުގެ ހޮސްޕިޓަލުގައި ގާއިމުކުރެވި އަންނަ ފެބުރުއަރީ މަހު ފެށޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.