ތަރައްޤީގެ ވިސްނުންތައް އުފަންވާން ވާނީ ރައްޔިތުންގެ ސިކުނޑިތަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ އާ އަހަރުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ހިޠާބުގައެވެ.
އެގޮތުން ރައީސް މުޢިއްޒުގެ ހިޠާބުގައި ވިދާޅުވީ ތަރައްޤީ ފެށިގެން އަންނަން ވާނީ ތިރިން މައްޗަށް ކަމަށެވެ.
ހަމަ އެހެންމެ ތަރައްޤީގެ ވިސްނުން އުފަންވާން ވާނީ ރައްޔިތުންގެ ސިކުނޑިތަކުގައި ކަމަށް ވިދާޅުވެ ރައްޔިތުން އެކަމުގެ މަސްއޫލިއްޔަތު ހަވާލުކުރާ ވެރިން މާތްﷲ އަށް ބިރުވެތިވެ، ތެދުވެރިކަމާއި ވަފާތެރިކަމާއެކު ޒިންމާތައް ފުރިހަމައަށް އަދާކުރުމަކީ ވާޖިބެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ޤައުމެއް ތަރައްޤީ ވުމުގައިވެސް ރައްޔިތުންނާއި ވެރީންގެ ބަދަހި ގުޅުމާއި ވެރީން ރައްޔިތުންނަށް ރަހުމުހުރި ބަޔަކަށްވުމާއި ވައުދަށް ކަމޭހިތާ ރައްޔިތުން ވެރީންނަށް ކިޔަމަންވެ އެއްބާރުލުން ދިނުން ހިމެނޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ޤައުމެއްގެ ތަރައްޤީގެ ބިންގަލަކީ އަދި ކުރިބޯއްޓަކީ ވެސް މިއީ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ފާއިތުވި އަހަރަކީ ދިވެހީން މުހިންމު ނިންމުންތަކެއް ނިންމި އަހަރެއް ކަން ފާހަގަކޮށް ރައީސް މުޢިއްޒު ވިދާޅުވީ ދިވެހީންގެ މި ނިންމުންތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި އާ ސަރުކާރެއް ހޮވައި، އެ ސަރުކާރާ އެ އަމާނާތް ހަވާލުކޮށްފައިވާ ކަމަށެވެ. މިގޮތުން އާ އަހަރަށް ދިވެހީން ދެކޭ ހުވަފެންތައް ބިނާވެފައި ވަނީ މި އުންމީދުތަކާއި ތަޞައްވުރުތަކުގެ މައްޗަށް ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ނިމިދިޔަ ހަފުތާތަކާއި މި އަހަރުގެ ފުރަތަމަ ހަފުތާތަކަކީ ތަރައްޤީގެ ވަރަށް ޚާއްސަ މޫސުމެއް ކަމަށާއި މިއީ ސަރުކާރުގެ 14 ހަފުތާގެ ވައުދުތައް ފުއްދަމުންދާ ދުވަސްތައް ކަމަށާއި ތަރައްޤީއަށް ވިސްނުންތެރިކަމާއި ހަމަޖެހުމުގެ އިތުރުން ތެދުވެރިކަމާއި އިހުލާސްތެރިކަން ބޭނުންވާ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ތަރައްޤީއަށްޓަކައި ވިސްނުންތެރިކަމާއި ހަމަޖެހުން ބޭނުންވާ ކަމަށާއި ތެދުވެރިކަމާއި އިޚްލާޞްތެރިކަން ބޭނުންވާ ކަމަށާއި އާ އަހަރަކީ ތިމާގެ އަމިއްލަ ނަފުސު ތެދުވެރިކަމުގެ މައްޗަށް ބިނާކުރާ އަހަރަކަށް ހެދުމަށް ރައީސް މުޢިއްޒު ވަނީ ގޮވާލައްވާފައެވެ.