ރައީސް އޮފީހުގެ ތަރުޖަމާނަކަށް އައްޔަންކުރެއްވިތާ ތިން ހަފުތާ ނުވަނީސް މުޙައްމަދު ޝަހީބް އެ މަގާމުން ވަކިކުރައްވައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލުކުރައްވައިފިއެވެ.
ސަރުކާރުން އަދި މިކަން ރަސްމީކޮށް ހާމަނުކުރި ނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަ ގޮތުގައި ޝަހީބް މިހާރު ހިމަނާފައިވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.
މިދިޔަ މަހުގެ 13 ގައި ޝަހީބް ތަރުޖަމާނަކަށް އައްޔަން ކުރެއްވީ ސްޓޭޓް މިނިސްޓަރު ފެންވަރުގައެވެ.
ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގައި ބްރޯޑްކާސްޓިންގ ކޮމިޝަނުން މީޑިއާތައް ޖޫރިމަނާކުރިއިރު އެ ކޮމިޝަނުގެ ރައީސަކަށް ހުންނެވި ޝަހީބް ތަރުޖަމާނަކަށް އައްޔަން ކުރެއްވުމާއެކު ބައެއް ފަރާތްތަކުން ފާޑުކިޔުންތައް ވެސް އަމާޒުކުރިއެވެ. އަދި ތަރުޖަމާނު ކަމުގައި ހުންނަވައި ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި އަމަލުކުރައްވާ ގޮތުން ނޫސްވެރިންގެ ކަންބޮޑުވުންތައް ވެސް ވަނީ އިތުރުވެފައެވެ.