އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންގެންދާ ގަތުލު އާންމުގެ މައްސަލަ ދުނިޔޭގެ ޖިނާއީ އަދުލުގެ ކޯޓަށް ދެކުނު އެފްރިކާއިން ހުކުރު ދުވަހު ހުށައަޅައިފިއެވެ.
ދެކުނު އެފްރިކާގެ ޑިޕާރޓްމެންޓް އޮފް އިންޓަރނޭޝަނަލް ރިލޭޝަންސްއިން މިކަން ވަނީ ކަށަވަރު ކޮށްދީފައެވެ. އެ ޑިޕާރޓްމެންޓުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ފަލަސްތީނުގައި އިސްރާއީލު ސިފައިން ހިންގަމުންގެންދާ ޖަރީމާތަކާއި ގަތުލު އާންމު ހުއްޓުވަން އިސްރާއީލު ސަރުކާރުން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެއެވެ.
ދެކުނު އެފްރިކާގެ ހުށައެޅުމުގައި ބުނެފައިވަނީ ޖެނޮސައިޑް ކޮންވެންޝަނަކީ ޖަރުމަނުން އިސްރާއީލުންގެ މައްޗަށް ހިންގަމުން ގެންދިޔަ އަނިޔާވެރި ހޮލޯކާސްޓަށް ބިނާކޮށް ފާސްކުރެވުނު ގަރާރެއް ކަމުގައި ވީ ހިނދު މިއަދު އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް ހަމަ އެ ޖަރީމާ ހިންގުމަކީ އިންސާނިއްޔަތު ބަލާގަންނާނެ ކަމެއް ނޫން ކަމަށެވެ.
އަދި އިސްރާއީލުން ފަލަސްތީނު ރައްޔިތުންގެ މައްޗަށް ހިންގަމުން ގެންދާ ގަތުލު އާންމަކީ 1948 ވަނަ އަހަރުގެ ޖެނޮސައިޑް ކޮންވެންޝަނާ ޚިލާފަށް އެގައުމުން ހިންގަމުން ގެންދާ ޖަރީމާއެއް ކަމަށް ކަނޑައަޅައި ދެއްވުމަށާއި އަދި ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތައް ހުއްޓާލުމަށް ވަގުތީ އަމުރެއް ހަމަމިހާރު ނެރެދިނުމަށެވެ.
ދެކުނު އެފްރިކާއިން ހުށައެޅި މައްސަލައިގެ އަޑުއެހުން ބާއްވާނެ ދުވަހެއް އަދި ކަނޑައެއް ނާޅައެވެ. ދެކުނު އެފަރިކާގެ ހުށައެޅުމާއިމެދު އިސްރާއީލުގެ ޚާރިޖިއްޔާއިން ބުނެފައިވަނީ އެއީ އެއްވެސް ޙަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށައަޅާފައިވާ ހުށައެޅުމެއް ނޫންކަމަށެވެ.
އިސްރާއީލަކީ ބައިނަލް އަގްވާމީ ޖިނާއީ އަދުލުގެ ކޯޓު ބަލާގަންނަ ގައުމެއް ނޫނެވެ. އެހެންވީމާ އެކޯޓުން ކުރާ ޙުކުމް އިސްރާއީލުން ތަންފީޒުކުރުންވެސް ލާޒިމެއް ނުކުރާނެއެވެ.
ބައިނަލް އަގްވާމީ ޖިނާއީ އަދުލުގެ ކޯޓަކީ ޔުނައިޓެޑް ނޭޝަންސްގެ އެންމެ މަތީ ޝަރުއީ ކޯޓެވެ. އެހެންނަމަވެސް އެކޯޓުގެ ޙުކުމް ތަންފީޒުކުރުމުގެ ބާރު އެކޯޓަކަށް ލިބިގެނެއް ނުވެއެވެ. ރަޝިޔާއާއި ޔޫކްރެއިނުން ކުރަމުން ގެންދާ ހަނގުރާމަ ވަގުތުން ހުއްޓާލަން ރަޝިޔާގެ މައަޗަށް އެކޯޓުން 2022 ވަނައަހަރު ކުރި ޙުކުމްވެސް ވެގެންދިޔައީ ދިވެހިންގެ ބަހުންނަމަ ޖަމަލުގެ ފޮޑިއަކަށެވެ.
އިސްރާއީލާއި ފަލަސްތީނުގެ ހަނގުރާމަ ފެށުނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުފަލަސްތީނުގެ ހަމާސްގެ މުޖާހިދުން ކުއްލިއަކަށް އިސްރާއީލުގެ ތެރެއަށް ވަދެގަތުމާއި ގުޅިގެން ހިނގާދިޔަ ކްރޮސް ބޯޑަރ ޙަމަލާތަކުގައި އިސްރާއީލުގެ 1200 މީހުން މަރުވެ 240 މީހުން ރަހީނުކުރުމާ ގުޅިގެންނެވެ.
އިސްރާއީލުން ރައްދުގައި ދެމުން ގެންދާ ޙަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 21000 ރައްޔިތުން ވަނީ ޝަހީދު ވެފައެވެ. އޭގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
އިސްރާއީލުން ބުނަމުން ގެންދަނީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ ގެއްލުމާއި އަދި އަސާސީ ބޭނުންތައް ފުއްދޭނެ ގޮތެއްނެތި ޙާލުގައި ޖެހުމުގެ ޒިންމާ އުފުލަން ޖެހޭނީ ޙަމާސް އިން ކަމަށެވެ.
އިސްރާއީލުން ބުނަނީ އާންމުންނަށް ގެއްލުމެއް ނުވާނެ ހުރިހާ މިންތަކެއް އަހަރެމެން މިގެންދަނީ ތަންފީޒް ކުރަމުންނެވެ. އިސްރާއީލުގެ މި ވާހަކަތައް މުޅި ދުނިޔެ މިހާރު ދޮގުކުރެއެވެ.
ފަލަސްތީނުގެ ދައުލަތަކީ އަދި މިހާތަނަށް ޖިނާއީ އަދުލުގެ ކޯޓުގެ ކުރިމަތީގައި “ އޮބްޒާވަރ ސްޓޭޓެއް “ ކަމަށާއި އެހެންކަމުން ދެކުނު އެފްރިކާއިން އެ ކޯޓަށް ހުށައެޅި މައްސަލައަކީ އެކޯޓުން ބަލާގަނެވޭނެ މައްސަލައެއް ކަމަށް ވަނީ ނިންމާފައެވެ.
ފަލަސްތީނަކީ އިސްރާއީލުން ގަދަބާރުން ފޭރިގެންފައިވާ ބިމެއްކަމަށާއި އެބިމުގައި އިސްރާއީލުން ހިންގަމުން ގެންދާ ގަތުލު އާންމު ވަގުތުން ހުއްޓުވާދިނުމަށް ފަލަސްތީނުގެ ޚާރިޖިއްޔާއިންވެސް އެ ކޯޓުގައި ވަނީ އެދިފައެވެ.
ދެކުނު އެފްރިކާއަކީ އިސްރާއީލުން ފަލަސްތީނުގެ ބިމުގައި ފައި ހަރުކޮށްގެން ތިބޭ ތިބުމަށާއި އަދި ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އަބަދުމެ ހިންގަމުންގެންދާ އުދުވާނާއި ގަތުލު އާންމު ޢަމަލާއި ބަހުން އެންމެ ހަރުކަށިކަމާއި އެކު ކުށްވެރިކުރަމުން ގެންދާ ގައުމެވެ.
ދާދި މިދާކަށްދުވަހު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ބާރު އެޅުމާއިއެކު އެ ގައުމުގައި ހުރި އިސްރާއީލުގެ އެމްބަސީ ބަންދުކޮށް ސިޔާސީ ބޭފުޅުން ވަގުތުން ދެކުނު އެފްރިކާއިންވަނީ ފޮނުވާލައިފައެވެ.
ދެކުނު އެފްރިކާއަކީ ފަލަސްތީނުގެ ބިމުގައި އެގައުމުގެ މިނިވަން ދައުލަތެއް އުފަންކުރުވަންޖެހޭ ކަމަށް ބައިނަލް އަގްވާމީ ފޯރަމްތަކުގައި އެންމެ ހަރު އަޑުން ވަކާލާތު ކުރަމުން ގެންދާ ގައުމެވެ.
ދެކުނު އެފްރިކާއިން ތަޖްރިބާކުރުވި ނަސްލީ އިމްތިޔާޒު ދުނިޔޭގެ އެހެން އެއްވެސް ބަޔަކުގެ މައްޗަށް ހިންގުމަކީ ދެކުނު އެފަރިކާއިން ދުވަހަކުވެސް ރުހިގެން ތިބޭނެ ކަމެއް ނޫންކަން އެގައުމުން ގެންދަނީ ބައިނަލް އަގްވާމީ ދުނިޔެއަށް ގޮވާލަމުންނެވެ. އެއީ އެގައުމުގެ މިނިވަންކަމުގެ ބާނީ ނެލްސަން މަންޑޭލާ ނިންމަވާފައިވާ ނިންމުމެއް ކަމުގައެވެ.
One Response
އަހަރެމެންގެ އިސްލާމީގައުމުތަކުން މިވަރުވެސް ކޮށްލަން ނުކެރުނު.