ދުނިޔޭގެ އިގްތިސާދުގައި އެމެރިކާ ޑޮލަރުން އަދާކުރަމުން ގެންދާ ދައުރު މައިތިރި ކުރުމުގެ ވާހަކަ ތަކަކީ މީގެ ދެތިން އަހަރުއްސުރެން ދުނިޔޭގެ އިގްތިސާދީ މައިދާނުގައި އެންމެ ހޫނުގަދަ ބަހުސް ކަމުގައޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.
ދުނިޔޭގެ އިގްތިސާދުގައި އެމެރިކާ ޑޮލަރުން ހިފާއްޓާފައިވާ މަގާމު ދަށްކުރުމަށް ނުވަތަ އެމެރިކާ ޑޮލަރުގެ ބޭނުން ނައްތާލުމަށްޓަކައި ތަފާތު ގައުމުތަކުން ގެންދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.
ބްރިކްސްގެ ގައުމުތަކުން މިކަމުގައި ވަރަށް ޚާއްސަ ދައުރެއް ކުޅޭނެ ކަމަށް ބެލެވޭތާވެސް ދުވަސްތަކެއް ވެއްޖެއެވެ. އަދި އެ މަސައްކަތް މިހާރުވެސް ކުރިއަށް ގެންދަމުންދާތަން ފެނެއެވެ.
އެންމެ ފަހުން ލިބެމުންދާ ޚަބަރުތަކުގައި ބުނެފައިވަނީ އެމެރިކާ ޑޮލަރުގެ ބާރު ކަނޑުވާލަން ޗައިނާއާއި ސަޢޫދީ އެރޭބިޔާ ގުޅިގެން މަސައްކަތް ކުރަން ފަށައިފިކަމަށެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިން ރިޔާޒަށް ވަޑައިގެންނެވި ޚާއްސަ މަތިންދާބޯޓު ސަޢޫދީ އެރޭބިޔާގެ ވައިގެ ބަނދަރަށް ޖެއްސުމުގައި ސަޢޫދީގެ ޖެޓްތަކުން ސަޢޫދީގެ ދިދަ ރަމްޒުކޮށްދޭ ފެއްސާއި ހުދު ކުލައިގެ ދުންތަކުން ޖައްވުތެރޭގައި މަރުޙަބާ ދަންނަވަމުން ގެންދިޔަ ކަމަށާއި ސަޢޫދީ ވައިގެބަނދަރުން ޝާހީ ގަނޑުވަރަށް ވަޑައިގެންނެވީ އަރަބި އަހުގެމަތީގައި ތިބި ޚާއްސަ ޝާހީ ގާރޑުންގެ އެސްކޯޓުގައި ކަމަށް ނޫސްމީޑިއާ ތަކުގައި ރިޕޯރޓް ކޮށްފައި ވެއެވެ.
މީގެ އެއްއަހަރު ކުރިން ރައީސް ޝީ ޖިންޕިން ކުރެއްވި މިދަތުރުފުޅުގައި ލިބިވަޑައިގެންނެވި އާދަޔާޚިލާފް ހޫން މަރްޙަބާ ދައްކުވައިދިނީ އެހާތަނަށް މެދުއިރުމަތީގައި އޮތް އެމެރިކާގެ އެންމެ ގާތް އެކުވެރި ރަޙްމަތްތެރިޔާގެ ދެމެދަށް ވަދެގަތުމަށް ޗައިނާއަށް ލިބިދީފައިވާ ދައުވަތުގެ އާރާއި ބާރެވެ.
ރައީސް ޝީ ޖިންޕިންގެ އަޒުމަކީ ދުނިޔޭގެ ބާޒާރުގައި އެމެރިކާ ޑޮލަރުގެ ނުފޫޒު ކުޑަ ކޮށްލުމެވެ. މި މަގްސަދުގައި ކުރެވިދާނެ ކަންތަކަށް ބަލާއިރު އެންމެ ބޮޑު ޙިއްސާއެއް އަދާ ކުރެވޭނީ ހަކަތައިގެ މާރކެޓުން ކަމުގައި އެމަނިކުފާނު ދެކިވަޑައިގަންނަވާތީ ސައޫދީ އެރޭބިޔާއިން ޗައިނާއަށް އެތެރެކުރާ ހަކަތައިގެ އަގު ޗައިނާގެ ފައިސާ ޔުއާނުން އަދާކުރުމަކީ އެމަނިފާނު އެންމެ ފުރަތަމަ އަޅުއްވަން ބޭނުންވާ ފިޔަވަޅެވެ.
މިކަމުގައި މިހާތަނަށް ކުރެވުނު މަޝްވަރާތަކުން ކުރިއެރުންތަކެއްވެސް ޗައިނާއިން ވަނީ ހޯދާފައެވެ. ޗައިނާއާއި ސަޢޫދީ އެރޭބިޔާއިން މިހާރު ވަނީ 5.5 ބިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވެޕް އެއްބަސްވުމެއް ގާއިމް ކޮށްފައެވެ.
މިއެއްބަސވުމުގެ ދަށުން ދެ ގައުމުން ކުރާ ވިޔަފާރީގައި އެއްބަސްވެވޭ އެކްސްޗޭންޖް ރޭޓެއްގައި ދެ ގައުމުގެ ފައިސާ ބޭނުން ކުރެވޭނެއެވެ.
އެހެންނަމަވެސް 5.5 ބިލިއަން އެމެރިކާ ޑްލަރުގެ ކަރަންސީ ސްވެޕް އަކީ ސަޢޫދީ އާއި ޗައިނާގެ ވިޔަފާރީގެ ވަރަށްކުޑަ ޙިއްސާއެކެވެ.
އެހެނަނަމަވެސް މި އެއްބަސް ވުމުގެ ދަށުން ކުރެވޭ ވިޔަފާރިއަށް “ ދަތިކުރުމުގެ ފިޔަވަޅު “ އެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ. ތަޖްރިބާކާރު އިކޮނޮމިސްޓުން ދެކޭގޮތުގައި މީގައި ފާހަގަކުރަން ޖެހެނީ ސަޢޫދީ އެރޭބިޔާއިން މިއެއްބަސްވުމަށް ރުހި ގަބޫލު ވެފައިވުމެވެ.
އަދި ރަޝިޔާއާއި ޗައިނާއާ ދެމެދުވެސް މިހާރު މިފަދަ އެއްބަސްވުމަކަށް އަމަލުކުރެވެމުން ދާކަން ފާހަގަ ކުރަންޖެހެއެވެ. ރަޝިޔާއަކީ ޗައިނާއަށް އެންމެ ގިނައިން ތެޔޮ އެކްސްޕޯރޓް ކުރާ ގައުމެވެ.
ޗައިނާއަކީ އެންމެ ގިނައިން ސަޢޫދީ އެރޭބިޔާއިން ހަކަތަ އެތެރެ ކުރަމުން ގެންދާ ގައުމެވެ. އެހެންނަމަވެސް 1974 ވަނައަހަރުން ފެށިގެން އޭގެ އަގު އަދާކުރަން ޖެހިފައި އޮތީ އެމެރިކާ ޑޮލަރުންނެވެ.
ބައެއް އިގްތިސާދީ ތަޖްރިބާކާރުން ދެކޭ ގޮތުގައި އެމެރިކާ ޑޮލަރުގެ ބާރު ކަނޑުވާލަން ޗައިނާއިން ކުރާ މަސައްކަތް ކާމިޔާބުވުމުގެ ފުރުސަތު ވަރަށް ކުޑައެވެ.
ސްވިފްޓްގެ ޑޭޓާ ތަކަށްބަލާއިރު ދުނިޔޭގެ ބާޒާރުގައި ކުރެވޭ ވިޔަފާރީގެ %50 ޙިއްސާކުރަނީ އެމެރިކާ ޑޮލަރެވެ. ޗައިނާގެ ޔުއާންގެ ނިސްބަތަކީ ހަމައެކަނި %4 އެވެ. އެހެންނަމަވެސް ފަހަކަށްއައިސް ޔުއާނުން ކުރެވޭ މުޢާމަލާތުގެ ޙިއްސާ އުފުލިގެންދަނީ ބޮލުގާއޮތް ތާކިހާ ވެއްޓޭވަރުގެ އުސްމިނެއްގައެވެ.
މިދިޔަ ތިން އަހަރުގެތެރޭގައި ދުނިޔޭގެ ބާޒާރުގައި ޗައިނާގެ ފައިސާ ބޭނުން ކުރެވެމުންދާ މިންވަރު ހަތަރުގުނަ އިތުރު ވެއްޖެއެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ދުނިޔޭގެ ބާޒާރުގައި ދެވަނަ ދަރަޖައިގާއޮތް ޔޫރޯ މިހާރު ވަނީ ތިންވަނައަށް ވެއްޓާލައި އެ މަގާމު ޔުއާނުން ކަށަވަރު ކޮށްފިއެވެ.އޭޝިޔާހައުސްގެ ސީނިއަރ ރިސާރޗް އެޑްވައިޒަރ ފިލިސް ޕާޕާޑެވިޑްގަބޫލުކުރައްވާ ގޮތުގައި މިހާތަނަށް ޔޫއާނުން ހޯދާފައިވާ ކާމިޔާބު މާބޮޑަށް ފާހަގަ ނުކުރެވުނު ނަމަވެސް ފާހަގަ ކުރެވޭ ކުރިއެރުން ތަކެއް ވަނީ ހޯދާފައެވެ.
ފެއިބާރގް ޔުނިވަރސިޓިގެ އިންޓަރނޭޝަނަލް ރިލޭޝަންގެ ޗެއަރމަންވެސް އެއްބަސް ވެފައިވާގޮތުގައި މިހާރު މިދާގޮތަށް ކަންތައްތައް ދާނަމަ ކުރިއަށްއޮތް ވިއްސަކަށް އަހަރުދުވަހުގެ ތެރޭގައި ބައިނަލް އަގްވާމީ ބާޒާރުގައި އެމެރިކާޑޮލަރު ފަހަތަށް ޖައްސާފައި ޔުއާނުން ކުރި ހޯދުމަކީ ދުރުކަމެއް ނޫނެވެ.
އޭޝިޔާ ޕޮލިސީ އިންސްޓިޓިއުޓުގެ މުޙައްލިލު ކްރިސްޓޮފަރ ވައްސަލޯ ބުނެފައިވާގޮތުގައި ޔޫކްރެއިން ހަނގުރާމަ ފެށުމާއެކު ޗައިނާގެ ބެލުން އަމާޒު ކުރެވިފައިއޮތީ އެމެރިކާއިން ރަޝިޔާއާ ދޭތެރޭ އަޅާފާނެ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށެވެ.
އެ ޙާލަތުގައި ރަޝިޔާއަށް ޑޮލަރުގެ ދަތިކަން ދިމާނެކަމަށް ބެލެވޭތީ ޔުއާން ބޭނުންކުރާގޮތަށް ޗައިނާގެ މާކެޓް ރަޝިޔާއަށް ހުޅުވާލުމަކީ އެމެރިކާޑޮލަރުގެ ބޭނުން ކުޑަކުރުމުގެ ގޮތުން އެޅުނު އެންމެ މުހިންމު އެއް ފިޔަވަޅެވެ.
ހަނގުރާމަ ކުރިއަށް ދިއުމާއެކު 2022 އަހަރު ފެށުނު ތަނާހެން ސަޢޫދީ އެރޭބިޔާއިންވެސް އެމެރިކާއާއި ޗައިނާއާއި ދޭތެރޭ ގެންގުޅެފައިވަނީ ބޮޑުމަރުތޭލުގެ ސިޔާސަތެކެވެ.
މާބޮޑަށް އުދނގޫ ކުރާނަމަ މަރުތޭލުން ބޮލުގައި ޖަހާފާނެ ކަމުގެ ބިރުދެއްކުމުގެ ސިޔާސަތެކެވެ. އެންމެ ފަހުން މިފެންނަނީ ސަޢޫދީ އެރޭބިޔާއިންވެސް ޗައިނާގެ ކޮޅަށް ބުރަވެފައި ވާތަނެވެ.
މިހާރު ފެންނަ މަންޒަރު ތަކަށް ބަލާއިރު ރަޝިޔާއާއި ޗައިނާއިން މަސައްކަތްކުރަމުން ގެންދާތަން ފެންނަނީ ބްރިކްސްގެ ޕްލެޓްފޯމް ބޭނުން ކޮށްގެންވެސް ޑޮލަރުގެ ބޭނުން ކުޑަކުރަން މަސައްކަތް ކުރަމުން ގެންދާ ތަނެވެ.
އިންޑިއާއިންވެސް އެމެރިކާ ޑޮލަރުގެ ބަދަލުގައި ރުޕީސްއިން އަގު އަދާކުރާ ގޮތަށް ހަކަތައިގެ ބާޒާރަށް ވަނުމަށް ވަނީ ބޭނުންވެފައެވެ. އެހެންނަމަވެސް ރުޕީސް ބޭނުންކުރުމުގައި އަދިވެސް ކޮންމެވެސް ވަރެއްގެ ހުރަސްތަކެއް އޮތީ ކުރިމަތިވެފައެވެ.
One Response
ބޮޑެތިކަންތައް ކާމިޔާބު ކުރެވޭނީ ގިނަ ދުވަހު ގަދައަޅާ މަސައްކަތް ކޮށްގެންނެވެ.