ޚިޔާނާތުގެ 42 ދައުވާއެއް އުފުލާފައިވާ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އަންމަޓީ) ގެ ޕާސްޕޯޓު ދޫކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ދެމެހެއްޓުމުން މި މައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓާ ޖެެނެރަލްގެ އޮފީހުން ނިންމައިފިއެވެ.
އަންމަޓީގެ މައްޗަށް ޚިޔާނާތުގެ 42 ދައުވާއެއް އުފުލާފައިވަނީ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުން ހައުސިން މަޝްރޫއުއް ހިންގުމަށްކަމަށް ބުނެ އެތައް ބައެއްގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާާ ނަގައި ޚިޔާނަތްތެރިވި މައްސަލައިގައެވެ.
އަންމަޓީގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރު ބާތިލުކޮށްދިނުމަށް އެދި އޭނާގެ ފަރާތުން ހުށަހެޅުމުން އެ ކޯޓުން ވަނީ އަންމަޓީގެ ޕާސްޕޯޓު ވަގުތީ ގޮތުން ދޫކޮށްލަން އަމުރެއް ނެރެފައެވެ.
ކްރިމިނަލް ކޯޓުން ބުނީ އަންމަޓީ ހުށަހެޅި މެޑިކަލް ޑޮކިއުމަންޓްސްތަކަށް ބަލާއިރު އޭނާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާދީފައިވާ ކަމަށާއި މިފަދަ އޮޕަރޭޝަނަކީ އޭގެ ޒާތުގައި ސީރިއަސް އޮޕަރޭޝަންތަކެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އޭނާގެ އާއިލާ ދިރިއުޅެނީ ސްރީލަންކާގައި ކަމަށް ބުނެފައިވާތީއާއި އޭނާއަށް އާއިލާ ކައިރީގައި ހުރެގެން ފަރުވާ ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެދިފައިވާ ކަމަށާއި އޭނާގެ އޭނާގެ ފަރާތުން ކޯޓަށާއި ޝަރީއަތަށް މިހާތަނަށް އެއްބާރުލުންދީފައިވާކަން ފާހަގަވާތީ ޕާސްޕޯޓު ވަގުތީ ގޮތުން ދޫކޮށްލަން ނިންމީ ކަމަށެވެ.
ދައުލަތުން މި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން ވަނީ ދަށު ކޯޓުގެ ނިންމުން ދަމަހައްޓައިފައެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ނިންމުމާމެދު ހިތްހަމަ ނުޖެހޭތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އިސްތިއުނާފުކުރުމަށް މިއަދުގެ ވަގުތެއްގައި ހުށަހެޅޭނެ ކަމަށެވެ.
އަންމަޓީގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމާފައި އޮތީ 06 ޑިސެންބަރު 2023 އިން ފެށިގެން 25 ޑިސެންބަރު 2023 އާ ހަމައަށެވެ. އެހެންކަމުން މި މައްސަލަ ހައިކޯޓުން ނިންމިއިރު އަމުރުގެ މުއްދަތު ހަމަވެފައިވާ ކަމަށް ޕީޖީއިން ބުންޏެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމާފައިވަނިކޮށް އަންމަޓީގެ ޕާސްޕޯޓް އަމުރު މުރާޖައާކުރުމުގެ އަޑުއެހުމެއް މިއަދު 13:00 ގައި ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާކަން ފާހަގަކޮށް ޕީޖީއިން ބުނީ މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން އަމުރު މުރާޖައާކުރުމުގެ އަޑުއެހުން ކުރިއަށް ނުގެންދިއުމަށް ކްރިމިނަލް ކޯޓުގައި އެދިފައިވާ ކަމަށެވެ.