ދާދިފަހުން ހަމާސްއިން މިނިވަން ކުރި ރަޙީނުންގެ ތެރޭގައިހިމެނޭ އިސްރާއީލުގެ ޓެރަރިސްޓް ކުލީސިފައިންގެ މީހަކު އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް އާއި އަދި ހަނގުރާމައާއިބެހޭ ކެބިނެޓްގެ ވަޒީރު ބެނީ ގާންޒް އާއި ބައްދަލު ކޮށް ހަމާސްގެ ޓަނެލް ތަކަކީ ބޮޑުވެގެންވާ ނުރައްކާތެރިކަން އެކުލެވޭ ތަނެއް ކަމަށާއި އެތަނަށް ވަންނަން މަސައްކަތް ނުކުރުމަށް ދަންނަވައިފިއެވެ.
އެމީހުންނަށް މެދުވެރިވި ކަންތައްތަކާއި އެތަންތާނގެ ބިރުވެރިކަން ރަނގަޅަށް ތަސައްވުރު ކުރެވި ސިކުނޑިގޮވާވަރަށް ބިރުގެންފައި ތިބެން މިޖެހެނީ މިހާރު މިނިވަންވެފައި ތިބިނަމަވެސް އެބިރުވެރިކަމުގެ ތެރެއިން ކަމަށް އޭނާ އެބޭފުޅުންނަށް ދެންނެވިއެވެ.
އޭނާ ކިޔައިދިނެވެ! ޙަމާސްގެ ރަހީނުންގެ ގޮތުގައި ތިބެންޖެހުނު ކޮންމެދުވަހެއްގެ ބިރުވެރިކަމަކީ މުޅިން އާ ތަޖްރިބާއެކެވެ. އެމީހުންގެ ވިސްނުމަށް އަންނަ ކޮންމެ ކަމެއް ކުރާނެކަން ޔަގީނެވެ. އެމީހުންނަށް ނުރައްކަލެއް މެދުވެރިވެއްޖެނަމަ އަހަރެމެންނާދޭތެރޭ “ ހަނިބަލް ޑައިރެކްޓިވް “ އާއި އެއްގޮތަށް އަމަލު ކުރާނެކަން އަބަދާއަބަދު އަހަރެމެންނަށް ހަނދާންކޮށްދެމުން ގެންދެއެވެ.
(ކިއުންތެރިންގެ ތެރެއިން ހަނިބަލް ޑައިރެކްޓިވަކީ ކޮބައިކަން އެނގިވަޑައި ނުގަންނަވާ ބޭފުޅުން ތިއްބަވާފާނެތީ ވަރަށް ކުރު ޚުލާސާއެއް މިތަނުގައި ލިއެލާން ގަސްދުކުރަމެވެ. ހަނިބަލް ޑައިރެކްޓިވް އަކީ ޔަހޫދީ ސިފައިންގެ އުފެއްދުމެކެވެ.
އެމީހުންނަށް ރައްކާތެރިކަން ކަށަވަރު ނުކުރެވިދާނެ ހަނގުރާމައިގެ ހާލަތުތަކުގައި އިދިކޮޅު ބާރުތަކުގެ އަތްދަށުވުމުގެ ބަދަލުގައި އަމިއްލަ ލަޝްކަރުތައް ނައްތާލުމަށް ބޭނުންކުރާ ރަމްޒެކެވެ.)
މިރަމްޒު އަމާޒުކުރެވެނީ ކުރީޒަމާނުގައި މެޑިޓެރޭނިއަން ކަނޑުގެ ސަރަޙައްދުގައި ދިރިއުޅެމުން ގެންދިޔަ ކަރްތަޖީނިއަން ނަސްލުގެ މިލިޓްރީ ޖެނެރަލް ހަނިބަލް އަށެވެ.
ބުނެވޭ ގޮތުގައި ރޯމަނުންގެ އަތްދަށުވުމުގެ ބަދަލުގައި އޭނާ ގަސްދު ކުރީ އަމިއްލައަށް މަރުވުމަށެވެ. ކަރްތަޖީނިއަނުންނަކީ ކަންޢާނީ ދަރިކޮޅަށް ނިސްބަތްކުރެވޭ ބައެއްކަމަށާއި ކަންޢާނީންގެ ދީނުގެ އަހުލުވެރި ބައެއްކަމުގައި ބައެއް މުއައްރިޚުން ފާހަގަކޮށްފައިވެއެވެ. އެ ނަސްލުގެ މީހުންނަކީ މިހާރުގެ ޓިއުނީޝިއާއަށް ނިސްބަތްކުރެވޭ ބައެކެވެ.
އެ ސިފައިންގެމީހާ އިތުރަށް އެބޭފުޅުންނަށް ދަންނަވާފައިވަނީ އެއްދުވަހު އިސްރާއީލު ސިފައިންގެ ޙަމަލާތައް އަހަރެމެން ހައްޔަރުކޮށްފައިތިބި ޢިމާރާތާއި ވަރަށް ކައިރިއަށް އައުމުން ފުރާނަ ސަލާމަތް ކުރުމަށްޓަކައި އަހަރެމެން ޓަނެލްގެ ތެރެއަށް ގެންގޮސްދިނުން އެދި އާދޭސްކުރަން ޖެހުނުކަށެވެ.
އަހަރެމެންގެ އާދޭހަށް އެމީހުން ޖަވާބު ދީ ޓަނެލެއްގެ ތެރެއަށް ގެންދިޔައެވެ.އެކަމަކު އެޓަނެލް ތަކަކީ ބޮޑުވެގެންވާ ބިރުވެރިތަނެއް ކަމުގައި ހަނދާންކޮށްދީފައެވެ. އެތަނުގެތެރެއިން އެއްވެސްމީހަކު ސަލާމަތުން އެނބުރިއައުމަށް އުންމީދު ނުކުރަންވެސް އިންޒާރު ދީފައެވެ. ކަލޭމެން ތަޢާރުފް ކުރި ހަނިބަލް ޑައިރެކްޓިވް ކަލޭމެންގެ މައްޗަށް ކަލޭމެންގެ ސިފައިން ނޭންގިތިބެ ތަންފީޒުކުރާނެ ކަމުގެ އިންޒާރު ދީފައެވެ.
މިހާތަނަށް ހޯދިފައިވާ މަޢުލޫމާތާއި އަދި ޙަމާސްގެ ލީޑަރޝިޕުންވެސް އެއްބަސްވެފައިވާ ގޮތުގައި ގައްޒާގެ ބިމުގެ އަޑީގައި 300 މޭލުގެ ދިގު ޓަނެލް އެއް އީރާނުގެ މަދަދު ލިބެމުންދާ ހަމާސް ޖަމާޢަތުން އިން ވަނީ ބިނާ ކޮށްފައެވެ.