ރަޝިއާގެ 104 ވަނަ އެއަރ އެސޯލްޓް ޑިވިޜަނުން ޔޫކްރޭނުގެ ދެކުނުގައި އޮންނަ ނީޕްރޯ ކޯރުކައިރީގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ”ބޮޑެތި ބަލިތަކެއް“ ލިބިފައިވާކަމަށާއި، އެ ޑިވިޜަންގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެމީހުން ފެއިލްވެފައިވާކަމަށް އިނގިރޭސިވިލާތުގެ ދިފާޢީ ވުޒާރާއިން ރިޕޯޓުކޮށްފިއެވެ.
މީގެ ދެމަސްދުވަސް ކުރިން ޔޫކްރޭނުގެ ކަނޑުގެ ސިފައިންގެ 35 ވަނަ ބްރިގޭޑުން، އާޓިލަރީއާއި، ޑްރޯންތަކާއި، ރެޑިއޯ-ޖޭމިންގެ އެހީގައި ކްރިންކީގެ ސެޓްލަމަންޓުގައި ބްރިޖްހެޑެއް ގާއިމުކުރިއެވެ. މިއީ ރަޝިއާއިން ވެރިވެގަނެފައި އޮންނަ ކޯރުގެ ވާތްފަރާތުގައި ޔޫކްރޭނަށް ގާއިމުކުރެވުނު ބްރިޖްހެޑެކެވެ. އަދި މީގެ ސަބަބުން، ޔޫކްރޭނުގެ ދެކުނުގެ ސަރަހައްދު ހިޞާރުކޮށްފައިވާ ރަޝިއާގެ ކިބައިން މިންޖުވުމަށް މަގުފަހިވެދާނެކަމުގެ އުންމީދުތައް އެގައުމުގެ ރައްޔިތުންނަށް އާވެގެން ގޮސްވައިވާއިރު، މިއީ ރަޝިއާ ޔޫކްރެނު ހަނގުރާމައިގައި ޔޫކްރޭނަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ރަޝިއާގެ ކަނޑުގެ ސިފައިންނަށް ޔޫކްރޭނުސިފައިން އެސަރަހައްދުން ބޭރުނުކުރެވުނެވެ. ސެޕްޓެމްބަރު އަދި އޮކްޓޫބަރު މަހުގެތެރޭގައި ތަމްރީނުތަކެއް ހިންގުމަށްފަހު، ރަޝިއާއިން އެގައުމުގެ 104 ވަނަ ޑިވިޜަންގެ ވައިގެ ސިފައިން އެސަރަހައްދަށް ފޮނުވާފައިވަނީ މިސަބަބާއި ހުރެއެވެ. އެހެންނަމަވެސް، 2000 ސިފައިންގެ މި ޑިވިޜަނުން ބޮޑެތި ނާކާމިޔާބީތަކަކާއި ކުރިމަތިލާން ޖެހުނުކަމަށް އިންގިރޭސިވިލާތުގެ ދިފާޢީ ވުޒާރާއިންވަނީ ބުނެފައެވެ.
އެ ވުޒާރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ޑިވިޜަނަށް ވައިގެ ޒަރިއްޔާއިންނާއި، އާޓިލަރީގެ ގޮތުން އެކަށީގެންވާ ސަޕޯޓުލިބިފައިނުވާއިރު، ގިނަ ސިފައިނަކީ ހަނގުރާމައިގެ ތަޖުރިބާއެއް ނެތް ބައެކެވެ. ކްރިންކީއާއި ކައިރީގައި އޮންނަ ވަލުގެ ސަރަހައްދުގައި ޔޫކްރޭނުގެ ކަނޑުގެ ސިފައިންގެ ކިތައް ސިފައިން ހަރަކާތްތެރިވާކަން ސީދާ ބުނަން ނޭނގުނުނަމަވެސް، ރަޝިއާގެ މަސްދަރުތަކުން ލަފާކުރާގޮތުގައި މިއަދަދު އުޅެނީ 200 އާއި 300 އާއި ދެމެދުގައެވެ. މިގޮތުން، ކްރިންކީގެ ވައިގެ ސަރަހައްދަކީ ރަޝިއާގެ ޑްރޯންތަކަށް ”ޑެޑްޒޯން“ އެކެވެ.
ޔޫކްރޭނުގެ ޑްރޯންތަކަށް ”ފްރީ-ފަޔަރ ޒޯން“ އެކެވެ. ރަޝިއާގެ އުޅަނދުތަކާއި، އިންފަންޓްރީ އެސަރަހައްދަށް ވަނުމާއެކު ހަމަލާދީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނައްތާލައެވެ. މަދު ސިފައިންނާއެކުވެސް ޔޫކްރޭނުން ރަޝިއާގެ އަދަދުތަކަށް ދައްކަމުންގެންދާ ހިތްވަރަކީ ސިއްރެއް ނޫނެވެ. އަދި ޔޫކްރޭނު ސިފައިން ކްރިންކީ ހުފެހެއްޓުމުގެ މާނައަކީ، ދިފާޢީ ހަމަލާތަކުގެ މަތީގައި ދެމިތިބުމުގެ ބަދަކުގައި، އެގައުމުން އިސްނަގައި އެ ބްރިޖްހެޑުން ރަޝިއާއަށް ހަމަލާދޭންފެށުން ކަމުގައި ވެދާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.