ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ)އިން ފުލުހުންނަށް 3000 (ތިންހާސް) ސޭފްޓީ ގޮގްލްސް ހަދިޔާކޮށްފިއެވެ.
ފުލުހުންނަށް ހަދިޔާކުރި މި 3000 ސޭފްޓީ ގޮގްލްސްއަކީ ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް، ޕީ.ޕީ.އީއާއެކު ބޭނުންކުރެވިދާނެ ގޮގްލްސްތަކެއްކަމަށާއި މިތަކެއްޗާއެކު ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެން ދާނެކަމަށް އެކުންފުނިން މިއަދު ކުރި ޓުވިޓޭއްގައި ވިދާޅުވެފައިވެއެވެ.
އެސް.ޓީ.އޯގެ ފަރާތުން މި ސޭފްޓީ ގޮގްލްސްތައް ފުލުހުންނަށް ހަދިޔާކޮށްދެއްވީ އެކުންފުނީގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރެވެ. އަދި ފުލުހުންގެ ފަރާތުން މިތަކެއްޗާ ޙަވާލުވެވަޑައިގަތީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ.
ކޯވިޑް-19އާ ދެކޮޅަށް ފުލުހުންގެ މުއައްސަސާއިން ކުރަމުންދާ މަސައްކަތްތަކުގައި ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން އެސް.ޓީ.އޯއިން ވަނީ މިދިޔަ އޯގަސްޓްމަހު ފުލުހުންގެ ލެބޯޓްރީއަށް ކޯވިޑް-19އަށް ޓެސްޓްކުރުމަށް ބޭނުންކުރާނެ ޕީ.ސީ.އާރް މެޝިނެއްވެސް ހަދިޔާކޮށްފައެވެ.