ގައުމުވަންތަކަމުގެ ފިކުރަކީ އޭގެ ނުރައްކާ ބޮޑު ފިކުރެއް

Loading

December 12, 2023
profile
Facebook
Twitter
WhatsApp

އިސްލާމީ ސާދާ ދިރިއުޅުމެއްގެ މައްޗަށް ދިރިއުޅޭ ރައްޔިތެއް ތިބި ގައުމެއްގައި ”ނޭޝަނަލިޒަމް“ ނުވަތަ ގައުމުވަންތަކަމުގެ ފިކުރު އާލާކޮށް ޕްރޮމޯޓުކުރުމަކީ އެންމެ ރަނގަޅު ކަމެއް ހެއްޔެވެ؟

ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ހައިސިއްޔަތުން، ދިވެހިރާއްޖޭ ރައްޔިތުންނަކީ އެމީހުންގެ ހިތްހެޔޮކަމާއި، ކެތްތެރިކަމާއި މެހެމާންދާރީއަށްޓަކައި ފަޚުރުވެރިވާ ބައެކެވެ. މިއީ ގައުމީވަންތަކަމުގެ ފިކުރާއި ދިމާ އިދިކޮޅު ސިފަތަކެކެވެ. 

ގައުމުވަންތަކަން ކުރިއަރުވައިގެން މިހާތަނަށް ދިގުމުއްދަތެއްގައ މަންފާކުރި އެއްވެސް މުސްލިމް ގައުމެއް އެބައޮތް ހެއްޔެވެ؟ 1967 ވަނަ އަހަރު މިޞްރާއި، ޖޯޑަނާއި، ސީރިއާ، ހިމެނޭގޮތަށް މުސްލިމު އަރަބި ގައުމުތަކުން ގައުމުވަންތަކަމުގެ ބެނާގެ ދަށުގައި އިސްރާއީލާއި ދެކޮޅަށް އެއްބައިވެ ހަނގުރާމަކުރުމަށް ނުކުތެވެ. މި ތިން ގައުމުގެ އަސްކަރީ ބާރުތައް އެއްކޮށްލައިގެން ކިތައް ހަނގުރާމަވެރީން ތިބޭނެކަން ހިތަށް ގެންނާށެވެ. އެހެންނަމަވެސް، އިސްރާއީލުން އަރަބި ގައުމުތައް ބަލިކުރީ އެންމެ 6 ދުވަހުގެ ތެރޭގައެވެ.

 އިނގިރޭސިވިލާތުން ތުރުކީގައި އޮތް އެންމެ ފަހު އޮޓޮމަން ވެރިކަން ބަލިކުރުމަށްފަހު، އެންމެ ފުރަތަމަކުރި ކަމަކީ ތުރުކީގެ ގައުމުވަންތަކަން އާލާކޮށް ފެތުރުމެވެ. އިސްލާމްދީން ނައްތާލެވޭނީ މިގޮތުންކަން އެމީހުންނަށް އެނގެއެވެ. އަދި ހުރިހާ ގައުމެއްގެ އެންމެހާ މުސްލިމުންނަކީ އެއްބައެއްކަމަށް އިސްލާމްދީނާއި ޤުރްޢާނުން ދަސްކޮށްދޭކަމަށާއި، އެއީ ނުރައްކަލެއްކަމަށް މީހުންނަށް ވިސްނައިދެނީ ގައުމުވަންތަކަމުގެ ފިކުރުގެ ތެރެއިންނެވެ. 

އެއްހަށިގަނޑެއް ފަދައިން އެއް ތަނެއްގައި އުޅޭ މުސްލިމަކަށް ލިބޭ އަނިޔާއަކީ އެހެން ގައުމަކު ހުންނަ މުސްލިމަކަށްވެސް ވޭނަކަށްވުމަކީ ގައުމުވަންތަކަމަށް ތަބަޢަވާ ބަޔަކަށް ހަޖަމުވާވަރުގެ މިސާލަކަށް ނުވިއެވެ. ތުރުކީގެ ސްކޫލުތަކަށް ގައުމުވަންތަކަމުގެ ތައުލީމު ތައާރަފުކޮށް، އިސްލާމީ ފޮތްތައް މަނާކުރިއެވެ. އަދި އަރަބި ބަހުން އޮންނަ ޤުރްއާން މުސްޙަފް ދޫކޮށްލައި، ތުރުކީ ބަހުން އޮންނަ ތަރުޖަމާ އޭގެ ބަދަލުގައި ބޭނުންކުރަން ފެށިއެވެ. މީގެއިތުރުން، އަރަބި ބަހުން ގޮވާތީ މިސްކިތްތަކުގައި ބަންގިގޮވުން ހުއްޓާލައި، ސަރުކާރުގެ މުވައްސަސާތަކުގައްޔާއި، ތައުލީމު ހާސިލްކުރާ މަރުކަޒުތަކުގެ ތެރޭގައި ޙިޖާބު އެޅުންވެސް މަނާކުރިއެވެ. 

ގައުމުވަންތަކަމުގެ ރޫޙަކީ ލޮލަށް ނުފެންނަ ހުޅުގަނޑެއްފަދަ އެއްޗެކެވެ. އިސްލާމްދީނުގައި އެއްވެސް ޖާގައެއް ނުވާ ސެކިއުލާ ވިސްނުމުގެ ތެރެއިން އުފަންވާ ފިކުރެކެވެ. އެހުޅުގަނޑު ރޯވުމަށްފަހު، އެރޯކުރި މީހުންނަށްވެސް އޭގެ މިސްރާބު ބަދަލެއް ނުކުރެވޭނެއެވެ. މުޖުތަމަޢުގެ އެކި ހިސާބުތަކުގެ މީހުން މީގެ ފައިދާ ނަގާނެއެވެ. އަދި ގައުމުވަންތަކަމުގެ ރޫހު އާލާވެފައިވާ ކޮންމެ ގައުމަކީ އެހެން ގައުމުތަކާއި ދޭތެރޭގައި ހަރުކަށިވާނެ ގައުމެއްކަމީ ޝައްކެއްއޮތް ކަމެއް ނޫނެވެ. މިގޮތުން، އެގައުމަށް ދިމާވާ ކޮންމެ ސިޔާސީ އަދި އިޤްތިޞާދީ އުނދަގުލަކާއި މައްސަލައަކީ ކޮންމެވެސް އެހެން ބައެއްގެ ސަބަބުން ދިމާވާކަމެއްކަމަށް ނިންމައި، ގުޅުމެއްވެސް ނެތްބައެއްގެ ބޯމަތީގައި އެކަން އަޅުވާނެއެވެ. 

ފާއިތުވެދިޔަ ވިއްސަކަށް އަހަރުދުވަހުގެ ތެރޭގައި ޔޫރަޕުން މިފެންނަނީ މިމަންޒަރެވެ. އެގޮތުން، އިރުމަތީ ޔޫރަޕުގެ ބައެއް ގައުމުތަކުގެ ރައްޔިތުން ވޯޓުލައި ގައުމުވަންތަކަން ކުރިއަރުވާ ވެރީން އައްޔަނުކުރުމާއެކު، ޔޫރަޕަށް ދަތުރުކުރާ ބިދޭސީން، އަދި ހާއްސަކޮށް މުސްލިމުން އެގައުމަށް އަންނަނީ ޔޫރަޕުމީހުންގެ ގައުމުވަންތަކަން ސުންނާފަތިކޮށްލުމުގެ މަޤްޞަދުގައިކަމަށް އެމީހުންނަށް ވިސްނައިދިނެވެ. މިޚިޔާލުގެ ސަބަބުން ޔޫރަޕުގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވި ކުދި، އިދިކޮޅު ސިޔާސީ ޕާޓީތަކަށް އެމީހުންގެ އުކުޅުތައް މިފިކުރަށް ބައްޓަންކޮށް، އޭގެކުރިން ދުވަހަކުވެސް ކާމިޔާބު ނުކުރެވޭ އިންތިހާބުތައް ކާމިޔާބުކުރަން ފެށުނެވެ. އެމީހުންގެ ގައުމުވަންތަކަން ހަލާކުކުރަނީ ބިދޭސީންކަމަށް މި ޕާޓީތަކުން ގަބޫލުނުކުރި ނަމަވެސް، ”ބްރެއިންވޮޝް“ ކޮށްފައިތިބި ރައްޔިތުންނަށް ތަކުރާރުކޮށް މިކަން ވިސްނައިދީގެން ނޫނީ އެމީހުން ވެރިކަމަށް އަންނަން ބޭނުންވާ ވޯޓު ނުލިބޭނެކަން އެޕާޓީތަކަށް ރަނގަޅަށް އެނގެއެވެ.

އެންމެ ފަހުން މިމަޅީގައި ޖެހިފައިވަނީ ނެދަލެންޑްސް އެވެ. އިސްލާމްދީނާއި މުޅިން ދެކޮޅު ޕާޓީއެއް އެގައުމުގެ ވެރިކަމަށް އައިސްފައިއެވަނީ މިފަދަ ވާހަކަތައް ދައްކައިގެންނެވެ. 

ތުރުކީގައި މިއަހަރު ކުރިއަށްދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި، މިހާރު ވެރިކަންކުރައްވާ ރައީސް ރަޖަބު ޠައްޔިބް އުރުދުޣާންގެ ޕާޓީއަށް ވެރިކަން ނުގެއްލުނީ ހަމަކިރިޔާއެވެ. އުރުދުޣާނާއި ވާދަކުރި ޕާޓީއިން އެއިރު ބުނަމުން ގެންދިޔަ އެއްވާހަކައަކީ، އޭނާއަކީ އިސްލާމިސްޓެއްކަމަށާއި، ބިދޭސީ މުސްލިމުން ތުރުކީއަށް ހިޖުރަކުރުމަށް އުރުދުޣާން ބާރުއަޅުއްވާކަމަށެވެ. މުސްލިމް ޢިލްމުވެރީންނާއި މުސްލިމް ބްރަދަހުޑް ހަރަކާތާއި އެކިގޮތްގޮތުން ގުޅުން އޮންނަ ސިޔާސީ ބައެއް ލީޑަރުންނަށް ތުރުކީގެ ރަށްޔިތުކަން ދިނުމުން އެމީހުން ގެންދިޔައީ އުރުދުޣާނަށް ފާޑުކިޔަމުންނެވެ. އަދި ފަލަސްޠީނުގެ މުޖާހިދީންގެ ގުރޫޕެއްކަމަށްވާ ހަމާސްއަށް ތާއީދުކުރައްވާ، މުޖާހިދީން ފުރިހަމަ ރައްކާތެރިކަމާއެކު އެގައުމުގައި ތިބުމުގެ ހުއްދަދިނުމުންވެސް އެޕާޓީގެ ނުރުހުން އަމާޒުވިއެވެ. 

ގައުމުވަންތަކަމުގެ ރޫހުގެ ސަބަބުން ތުރުކީއިން އިސްލާމްދީން ގާތްގަނޑަކަށްހެން ނެތިގެން ދިޔައިރު، އުރުދުޣާންގެ ވެރިކަމުގައި އޭނާ އަންނަނީ އޮޓޮމަން އިސްލާމީ ތަޢުލީމުގެ ތެރެއިން ދީނީ ޢިލްމު އަނބުރައި ގެންނަމުންނެވެ. އެގޮތުން، ޒުވާނުންނަށް ހާއްސަ އިސްލާމީ މަރުކަޒުތަކާއި، މިސްކިތްތައް އޭނާ ބިނާއެބަ ކުރެއެވެ. އުރުދުޣާންގެ އަބަދުގެވެސް ލަނޑުދަނޑިއަކީ އޮޓޮމަންވެރިކަމުގައި ތުރުކީ ރައްޔިތުންގެ އިސްލާމީވަންތަ ސިފަތަކަށް ގައުމު ރުޖޫޢަކުރުމެވެ. އޭނާ ބުނާގޮތުގައި، 600 އަހަރުގެ ދިގު މުއްދަތަކަށް، މާތްރަސްކަލާނގެ ވާގިފުޅާއެކު، ދުނިޔޭގެ ދެބައިކުޅަ އެއްބައިގެ ވެރިކަން ތުރުކީއިން ކުރީ މިގޮތުގެ މަތީންނެވެ. 

އޮޓޮމަން ވެރިކަން ނިމުމަކަށް އައިތާ ގަރުނެއްވެފައިވާއިރު، މިއަދާ ހަމައަށްވެސް ތުރުކީގައި ދީނުގެ ފިކުރާއި ގައުމުވަންތަކަމުގެ ފިކުރުގެ ހަނގުރާމައެއް ކުރިއަށް އެބަދެއެވެ. ގައުމުވަންތަކަން އިސްލާމްދީނަށްވުރެ ކުރިއަށް ނެރުމުގެ ނުރައްކާ މިކަމުން ހާމަވެއެވެ. މުސްލިމުންގެ ގޮތުގައި ތިބެ، އިސްލާމްދީނަށްވުރެ މައްޗަށް އެއްވެސް އެއްޗެއް ނެގުމުގެ ހުއްދަ ނޯންނައިރު، ކުޑައިރުއްސުރެ ދަރީންނަށް ދީނުގެ ލޯބި އުނގަންނައިދީ، މާތްރަސްކަލާނގެއާއި އެކުދިންނާއި އޮންނަ ގުޅުން ވަރުގަދަކޮށް މުސްލިމްވަންތަކަމާމެދު ފަޚުރުވެރިވުމަށް ދަސްކޮށްދޭން ޖެހެއެވެ. އިސްލާމީ ރިވެތި އަޚްލާގުގެ ތެރެއިން ކެތްތެރިކަމާއި، ނަފްސުގެ އިތުބާރު އެކުދީންގެ ގައިގާ އަށަގަންނަވަން ޖެހެއެވެ. މީގެއިތުރުން، ދީން އުނގަންނަވައިދެއްވާ މުދައްރިސުންނަށް ކުޑަކުދީންގެ ސައިކޮލޮޖީ އުނގަންނައިދީ ތަމްރީނުކުރުމަކީ، ދިގު މުއްދަތުގައި އެމީހުން ކިޔަވައިދޭ ކުދީންނަށް އެންމެ މަންފާކުރަނިވި ގޮތަކަށް ކިޔަވައިދިނުމުގެ މަގުތަނަވަސް ވާނޭ ކަމެއްވެސް މެއެވެ. ޢިލްމު ހުރިނަމަވެސް، ޒުވާނުންނާއި، އޭގެ ކުރިންއައި ޖީލުތަކާއި ގުޅުމެއް ނެތެވެ. 

ވީމާ، ބީރަށްޓެހި ފިކުރެއް ކުރިއެރުވުމަށް ވަގުތާއި ފައިސާ ހޭދަކުރުމުގެ ބަދަލުގައި، އެތަކެތި ހޭދަކުރަންވީ އެބައެއްގެ ގައުމުގެ އިސްލާމީ ކުރިމަގު އުޖާލާކުރުމަށްޓަކައެވެ. އެނޫންގޮތަކަށް، އަހަރެމެންގެ ދަރީންގެ ގައިގާ ހަގީގީ އިސްލާމީ އަޚްލާޤް އަށަގެންނެވި ހެޔޮ އަމަލުމަތީގައި ބޮޑުވުމަކީ ނާދިރުކަމެކެވެ. ދިވެއްސަކަށް ވީތީ ފަޚުރުވެރިވުމަކީ އެއްވެސް ހާލެއްގައި މައްސަލައެއްނޫނެވެ. އަހަރެމެންގެ ގައުމާއި، މިގައުމުގެ ރައްޔިތުންނާއި މެދު ފަޚުރުވެރިވަމެވެ. ސައްތަ އިންސައްތަ މުސްލިމް ގައުމަކަށް ދިވެހިރާއްޖެވުމަކީ އަހަރެމެން އިންތިހާއަށް ފަޚުރުވެރިވާ ކަމެކެވެ. އަދި މުސްލިމުންނަށްވީތީ ބޭރުގެ މުސްލިމްނޫން ބާރުތަކުގެ އަސްކަރިއްޔާއާއި، ސިފައިން މިގައުމުގައި ތިބުމަކީ ގަބޫލުކުރެވޭނެކަމެއް ނޫނެވެ. އެއީ، މުސްލިމް ގައުމަކުން ދިވެހީންގެ ފައިދާ ނަގައި، ގައުމަށް ވެރިވެގަންނަން މަސައްކަތް ނުކުރާނެކަން އަހަރެމެންނަށް އެނގޭތީއެވެ.

އަހަރެމެން ފަޚުރުވެރިވާކަމަކީ، ދިވެހީންގެ މުސްލިމްވަންތަކަމާއި މެދުގައެވެ. މިއީ އާދައިގެ ރައްޔިތެއް ދިރިއުޅޭ ތަނެކެވެ. ބޭރުގެ ފަތުރުވެރީންނަށް މަރުހަބާކިޔައި، މެހެމާންދާރީ އަދާކުރިނަމަވެސް، މުސްލިމްނޫން ގައުމުތަކުގެ ސިފައިން ގެނެސް، ހެޔޮކަމުގެ ފައިދާ ނެގުމުގެ ފުރުސަތެއް ނުދެވޭނެއެވެ. ދިވެހީންގެ މި ހިތްވަރަކީ ގައުމުވަންތަކަމުން ލިބޭ ހިތްވަރެއްނޫނެވެ. އެއީ އިސްލާމީވަންތަ ކަމުން ހޯދާ ހިތްވަރެކެވެ. މި މަގުގައި ސާބިތުވެ ތިބުމަކީ ދިވެހީންނަށް އެންމެ ރަނގަޅު ގޮތެވެ. 

Loading

2 Responses

  1. ސުރުޚިއާއި މާތް ނަބިއްޔާގެ ހަދީސްފުޅުގެ މުރާދު އެއްގޮތް ބާވައެވެ. އަޅުގަނޑުގެ ފެންވަރު ދަށްކަމުން ލިއުންތެރިޔާގެ ކިބައިން އޮޅުންފިލުވަން ބޭނުންވަނީއެވެ. ދަންނަބޭކަލުންގެ ތަގްރީރުތަކުގައި ގައުމާއި ވަތަން ރައްކާތެރި ކުރުމަށްޓަކައި މަސައްކަތްކުރުމުގެ މުހިންމު ކަމަށް ބާރު އަޅުއްވާފައި ހުރެއެވެ. ގައުމީ ފިކުރު ނުވަތަ މިއީ މަގޭ ގައުމޭ ބުނަން ނުކެރޭނަމަ ނުވަތަ ގައުމުވަންތަކަމުގެ ފިކުރު ނެތި މިއީ ކުރެވޭނެ ކަމެއް ބާވައެވެ. އަޅުގަނޑަށް މާނަކުރެވޭގޮތުގައި ހަދީސްފުޅުން ދޭހަކޮށްދެނީ “ މަމީ އެމެރިކާ މީހެއް… މަމީ ޔޫރަޕިއަނެއް… މަމީ އަރަތްބެއް… މަމީ ޔަހޫދީއެއް…“ މި ބާވަތުގެ ބޮޑާ ކަމާއި ކިބުރުވެރި ވިސްނުމާއި ފިކުރުގެ ނުބައި ކަމެވެ. ގައުމީ ވަންތަކަމުގެ ފިކުރެއް ނޫނެވެ.
    އަޅުގަނޑު ދެކޭގޮތަކީ އެއީއެވެ. އެހެންމީހަކު އެގޮތާ އެއްބަސް ނުވެދާނެއެވެ.

  2. އިސްލާމީ ޢިލްމަކީ ތިމާ ދެކޭގޮތް ނުވަތަ އަހަރެން ދެކޭ ގޮތެއް ނޫން. ޤުރުއާނާއި ސުންނަތުން އަދި ތާރީޚުންވެސް ފެންނާކަށްނެތް ޤައުމިއްޔަތަށް ގޮވާލާ އަދި ބޯޑަރުތައް އަޅާ މާތް ނަބިއްޔާ ﷺ ގެ އުއްމަތް ބައިބައިކުރާކަށް. ރަސޫލުﷲ ﷺ މި އުއްމަތް ސިފަ ކުރައްވާފައިވަނީ އެއް ހަށިގަނޑެއްގެ މިސާލެއް ގޮތުގަ. އެކަމަކު އަނިޔާވެރި ވެރިންތަކެއް ތަންތަނުގައި އިސްވެ ކާފަރުންގެ ނަޖިސް ފިކުރުގަ ޖެހި ބޮޑަރު އަޅައި އުއްމަތް ބައިބައި ކުރީ. މާތް ޙަދީޘް ފުޅެއްގައި ވެއެވެ:(مَنْ قَاتَلَ تَحْتَ رَايَةٍ عُمِّيَّةٍ يَغْضَبُ لِعَصَبَةٍ أَوْ يَدْعُو إِلَى عَصَبَةٍ أَوْ يَنْصُرُ عَصَبَةً فَقُتِلَ فَقِتْلَةٌ جَاهِلِيَّةٌ) ”ކަނު ދިދައެއްގެ ދަށުގައި ހަނގުރާމަކޮށް، ޢަޞަބު (އެބަހީ: ނަޞްލު، ޤައުމު، ގޭންގު، ހިސާބުގަނޑު ފަދަ ޢަޞަބިއްޔަތު) އަށް ޓަކައި ރުޅިއައިސް، ނުވަތަ ޢަޞަބަށް ގޮވާލައި ނުވަތަ ޢަޞަބަށް ނަޞްރުވެރިވެ އެކަމުގައި ޤަތުލު ވެއްޖެ މީހާ، އެއީ ހަމަކަށަވަރުން ޖާހިލިއްޔަތުގެ މަރެކެވެ.“ އަދި ކޮބަ ކޮންމެ އުއްމަތަކަށް ކޮންމެ ރަސޫލަކަށް ދިދައެއް ދެއްވި. މާތް ނަބިއްޔާގެ ދިދަ އަކީ ކޮބައިކަން ޞައްހަ ރިވާޔަތް ހުރޭ.
    އިބްނު މާޖާގައި ރިވާވެފައިވޭ. އިބްނު ޢައްބާސް ގެ އަރިހުން ރަސޫލުﷲ ﷺ ގެ ދިދަ ކޮޅާއި ބެހޭގޮތުން ސުވާލުވެވުމުން ވިދާޅުވި. އެކަލޭގެ ފާނުގެ ދިދަ ކޮޅުވީ ކަޅުކުލައިގައެވެ. އަދި ލިވާކޮޅު ވަނީ ހުދު ކުލައިގައެވެ.
    އަލް އާރްނައޫތް ގަ މި ހަދީޘް ހަސަން ކުރައްވާފައިވެއެވެ
    އައް ތިރިމިޛީގައި އަލް ބަރާ ބިން އަޒީބު އަރިހުން އައިސްފައިވާ ރިވާޔަތެއްގަވެއެވެ.
    ވިދާޅުވި “ އެއީ ކަޅުކުލައިގެ ހަތަރެސްކަން ފޮތިންވާ (ދިދަ އެކެވެ).
    އިމާމް ބުޚާރީގައި މި ހަދީޘް ހަސަން ކުރެއްވި އެވެ. އަދި މިކަމުގެ މައްޗަށް ދިގު ބަހުއްޘެއް ކުރެއްވި ކަމަށްވޭ. މީގެ އިތުރުން އަލް-ބާނީ މި ރިވާޔަތް ”ހަތަރެސްކަން“ މި ލަފްޟާ ނުލައި ޞަޙީހް ކަމަށް ކަނޑަ އެޅުއްވި.
    ވީމާ އަހަރުމެން ރުޖޫޢަވާންވީ ޤުރުއާނާއި ސުންނަތަށް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް