މި ސަރުކާރު ކޮރަޕްޓްނުވެ ހިންގާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.
މިއަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ސަރުކާރުގެ އެއްވެސް ފަރާތެއް ކޮރަޕްޝަންގެ އަމަލެއް ހިންގާކަން ސާބިތުވެއްޖެ ހާލަތެއްގައި އެފަރާތަކާމެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅު ފަސްޖެހުމެއްނެތި އަޅުއްވާނެކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ.
ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަކީ ގައުމީ މަސައްކަތަކަށް ހަދަންޖެހޭކަމެއްކަން ފާހަގަކުރައްވައި ރައީސް ވަނީ، ކޮންމެ މީހަކުވެސް އެމީހަކާ ހަމައިން ކޮރަޕްޝަނަށް ނޫނެކޭ ބުނަން ފެށުމަށް ބާރުއަޅުއްވާފައެވެ. މީގެ އިތުރުން، އެއްވެސް ފަރުދަކު އެ އޮންނަ އުސޫލުން ބޭރުން ކަންކަމަށް ނޭދުމަށާއި ގައުމުގެ މަތީ މަގާމުތަކުގައި ތިބޭ ފަރާތްތައް އަމާނަތްތެރިވުމަށާއި، ފަރުވާތެރިވުމަށާއި، އިޚްލާސްތެރިވުމަށާއި، ދީންވެރި ހިތެއްގެ ވެރިއަކަށްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ.
ރައީސް ވަނީ ކޮރަޕްޝަނާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުމަށް ކުރެވެންހުރި މަސައްކަތްތައް ޢިލްމީ ފެންވަރުގައި ކުރިއަށްގެންދަވާނެ ކަމުގައި ވެސް ވިދާޅުވެފައެވެ. ސަރުކާރުގެ ސިޔާސަތަކަށްވާނީ، ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ ކޮންމެ ކަމެއްގައި ފުރިހަމައަށް އެއްބާރުލުންދިނުން ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސް ވަނީ ކޮރަޕްޝަނާއި، އިގުތިސާދީ ކުށްތައް ތަހުގީގުކުރުމާ ގުޅޭ ފަންނީ ދާއިރާތަކުން އިންސާނީ ވަސީލަތް ބިނާކުރުމަށް ގާއިމުކޮށްފައިވާ މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީ އިފްތިތާހު ކޮށްދެއްވާފައެވެ.
2 Responses
Adhureymugulugaihurejjenama koroptnuve ennudhaane
އިބުރާހީމް zero tolerance