ގައްޒާގެ މައްސަލާގައި ސްޕެއިނާއި ބެލްޖިއަމްގެ ސަފީރުން އިސްރާއީލުގެ ޚާރިޖިއްޔާއަށް ޙާޒިރުކުރުވައިފި

Loading

Facebook
Twitter
WhatsApp


އިސްރާއީލުން ގައްޒާގައި ހިންގަމުންގެންދާ އަނިޔާވެރި އުދުވާނާ ދެކޮޅަށް ވާހަކަފުޅު ދެއްކެވުމުން އިސްރާއީލުގައި ތިއްބަވާ ސްޕެއިނާއި ބެލްޖިއަމްގެ ސަފީރުންނަށް ހޫނުފެން ބޯންދިނުމަށްޓަކައި އިސްރާއީލުގެ ޚާރިޖިއްޔާއަށް ޙާޒިރުކޮށްފިއެވެ.

އެހެންނަމަވެސް ނަތިޖާ ނިކުތީ ހީވެސް ނުކުރާކަހަލަ ގޮތަކަށެވެ. މި ޚަބަރު އާންމުވުމާއިއެކު ސްޕޭނުގައި ހުންނަވާ އިސްރާއީލުގެ ސަފީރު ސްޕޭނުގެ ޚާރިޖިއްޔާއަށް ހާޒިރުކޮށް އިސްރާއީލު ސަރުކާރުން ސްޕެއިންގެ ބޮޑުވަޒީރޭ ކިޔައިގެން ހެއްދެވިހާ ދޮގުޚަބަރުތައް ފަތުރަމުން ގެންދާ ސަބަބު ސާފުކޮށްދޭން އަންގައިފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި ބެލްޖިއަމްގެ ބޮޑުވަޒީރު އެލެގްޒެންޑަރ ޑި ކްރޫ އާއި ސްޕޭންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްއާއި ދެބޭފުޅުން ވަނީ މިސްރުގެ އިންޓަރނޭޝަނަލް ކޯޕަރޭޝަނާބެހޭ ވަޒީރު ރައިނާ އަލް މަޝާތުގެ އަރިހުގައި ރަފާހުގެ ބޯޑަރު ހުރަސްކޮށް ގައްޒާއަށް ވަޑައިގެންފައެވެ. އެދަތުރުފުޅުގައި އިސްރާއީލުގެ އަމަލުތައް ގަބޫލު ނުކުރެވޭނެ ކަމަށާއި އިންސާނީ ކަރާމަތާއި ބައިނަލް އަގްވާމީ ގާނޫނުތަކަށް އިސްރާއީލުން ތަބާ ވާން ޖެހޭނެ ކަމަށް އެބޭފުޅުން ވިދާޅުވެފައިވެއެވެ.

ވަކިން ޚާއްސަކޮށް އާންމު ރައްޔިތުންނާއި ކުޑަކުދިންނާއި އަންހެނުން މެރުމަކީ އެއްވެސް ޙާލެއްގައި ގަބޫލުކުރެވޭނެ ކަމެއްނޫން ކަމަށް ބާރުއަޅުއްވައި ވާހަކަފުޅުދައްކަވާފައި ވެއެވެ. ހަމައެއާއެކު ދާއިމީ ހަނގުރާމަ ހުއްޓުމަކަށްވެސް އެދެބޭފުޅުން ގޮވާލެއްވިއެވެ.

ސްޕެއިންގެ ޚާރިޖީ ވަޒީރު ޖޯސް މެނުއަލް އަލްބާރެސް ސްޕެއިންގެ ބަންޑާރަ ޓީ ވީ ގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އިސްރާއީލުގެ ތުހުމަތުތައް ސާބިތުކޮށްދިނުމަށް ސްޕޭއިންގައި ހުންނަވާ ޔަހޫދީ ސަފީރަށް އަންގަވާފައި ވާނެކަމަށެވެ.

ސްޕެއިނާއި ބެލްޖިއަމްގެ ބޮޑުވަޒީރުން ޓެރަރިޒަމަށް ވާގިވެރިވެ ވަޑައިގަންނަވަނީ ކަމަށް ތުހުމަތުކުރައްވައި އެ ދެ ސަފީރުން އިސްރާއީލުގެ ޚާރިޖިއްޔާއަށް ހާޒިރު ކުރުމަށް އަމުރު ކުރެއްވީ އިސްރާއީލުގެ ޚާރިޖީ ވަޒީރެވެ.

އިސްރާއީލުގެ ބޮޑުވަޒީރު އަދި މާ ހޫނުކޮށް އެ ދެބޮޑުވަޒީރުންނަށް ތުޙުމަތު ކުރެއްވިއެވެ. އަދި ހަމާސްއިން އިސްރާއީލުގެ އެތައް ރައްޔިތުންނެއް މަރާލުމުގެ އިލްޒާމް އެއްވެސް ވަރަކަށް ހަމާސްގެ ބޮލުގައި އެޅުވުން ހަނދާން ނައްތާލައްވާފައި ހަމައެކަނި އިސްރާއީލުގެ ކުށް ހާމަ ކުރައްވާފައިވަނީ އިންސާފުން އެއްކިބާ ވެގެން ތިއްބަވާފައިކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރެއްވިއެވެ.

އިސްރާއީލުން މިހާރުވެސް ގަދައަޅާ ބުނަމުން ގެންދަނީ ޙަމާސްގެ ވަސް ދުނިޔެއިން ފޮހެލާނެ ކަމަށެވެ.

މިދިޔަ ހުކުރުދުވަހު ޙަމާސްއިން ގައްޒާގައި ހުންނަ ރެޑްކްރޮސްއަށް ޖުމުލަ 24 ރަހީނުން ޙަވާލު ކުރިކަމަށް ޚަބަރުތައް ބުނެއެވެ. އެއީ އިސްރާއީލުގެ 13 މީހަކާއި ތައިލޭންޑުގެ 10 މީހަކާއި ފިލިޕީންސް މީހެކެވެ. އޭގެ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައިތިބި ފަލަސްތީނުގެ 39 މީހަކު މިނިވަން ކުރިކަމަށްވެސް ގަތަރުން މަޢުލޫމާތު ދީފައިވެއެވެ.                                                                  

Loading

One Response

  1. އިސްލާމީ އަރަބި ގައުމުތަކުން މިވަރުވެސް ކޮށްލަން ނުކެރޭ. އަރަބި ދުނިޔޭގެ ކިތައް ސަފީރުން އިސްރާއީލުގައި އަދި އިސްރާއީލު ކިތައް ސަފީރުން އަރަބި ގައުމުތަކުގައި އެބަ ތިބި…!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް