ހޫތީ އިސްކަރީ ސިފައިން ގުޅިގެން އިސްރާއީލުގެ މުދާ އުފުލާ އުޅަނދެއް އާދީއްތަ ދުވަހު އަތުލައިގަނެފައިވާކަން ޔަމަނުގެ ސަރުކާރުން ހާމަކޮށްފިއެވެ.
ޔަމަނުން ބުނީ، ފަލަސްޠީނާއި ދެކޮޅަށް އިސްރާއީލުން ހިންގަމުންގެންދާ ”ހަނގުރާމަމަތީ ކުށް“ ތަކުގެ ބަދަލުގައި އިސްރާއީލުގެ މުދާ އުފުލާ ބޯޓަކާއި، އެ ބޯޓުގައި ތިބި އެންމެހައި ފަރާތްތަކާއި މުދާ އަތުލައިގަނެފައިވާ ކަމަށެވެ.
ޔަމަނުގެ ހޫތީ އިން އިސްރާއީލުގެ ”ގެލެކްސީ ލީޑަރ“ ނަމަކަށް ކިޔާ މި މުދާ އުފުލާ ބޯޓު އަތުލައިގަނެފައިވަނީ ރަތްކަނޑު ތެރެއިން ދަތުރުކުރަމުން ގެންދަނިކޮށެވެ.
އިސްރާއީލާއި ގުޅުން އޮންނަ ހުރިހާ އުޅަނދަކާއި، އިސްރާއީލާއެކު ގުޅުން އޮންނަ ފަރާތްތަކުގެ އުޅަނދުތަކަށް ވެސް ޓާގެޓުކުރާނެކަމަށް ބުނެ ހޫތީންގެ ތަރުޖަމާނު، ޔަހްޔާ ސަރާއޭ ވަނީ އިންޒާރުދީފައެވެ. އޭގެކުރިން، ހޫތީންގެ ވެރިޔާ، ޢަބްދުލްމާލިކް ދެއްވި ބަސްދީގަތުމެއްގައި، އޭނާ ވަނީ ބާބުލްމަންދަބް އާއި ރަތްކަނޑު ބަލަމުން އަންނަކަމަށާއި، އެ ތަނުން ދަތުރުކުރާ އިސްރާއީލުގެ އުޅަނދުތަށް ހިފެހެއްޓުމަށް ޖެހިލުންނުވާނެ ކަމަށް ބުނެ އިންޒާރުދީފައެވެ.
ހޫތީންގެ ސިފައިންގެ އިސް އޮފިޝަލަކު އަލް ޖަޒީރާއަށް މައުލޫމާތު ދީފައިވާ ގޮތުގައި، ހޫތީ ސިފައިން މިހާރުވަނީ އެ ބޯޓު ޔަމަނަށް ބަނދަރުކޮށްފައެވެ. އަދި ބޯޓުގައި ޖުމްލަ 22 މީހަކު ދަތުރުކުރަމުން ދިޔަކަމަށާއި، އެބޯޓަކީ އިސްރާއީލުގެ ވިޔަފާރިވެރިއެއް ކަމަށްވާ ރާމީ އަންގާ، ބަހާމާސްއަށް ރަޖިސްޓްރީ ކޮށްފައި އޮންނަ އުޅަނދެއްކަމަށް ރިޕޯޓުތަކުން އެނގެއެވެ.
ހިފަހައްޓާފައިވަނީ އިސްރާއީލުގެ ކުންފުންޏަކަށް ނިސްބަތްވާ ބޯޓެއްނަމަވެސް، އެއީ ”އިސްރާއީލުގެ ބޯޓެއް ނޫން“ ކަމަށް އިސްރާއީލުގެ ސަރުކާރުން ބުނެފައިވެއެވެ. ބޭރުގެ އެތައް ގައުމެއްގެ ޝިޕިންގް ކުންފުނިތަކުން އިސްރާއީލަށް ނިސްބަތްވާ ގިނަ އަދަދެއްގެ އުޅަނދުތައް މުދާ އުފުލުމަށް އަންނަނީ ބޭނުންކުރަމުން ނެވެ.
One Response
ތިދައްކާލީ ނަމޫނާއެކެވެ. ކިތަންމެ ބާރުގަދަޔަސް ހަމަ ޗެލެންޖެ ކުރެވިދާނެކަމެކެވެ.