ހުޅަނގުން ޔޫކްރެއިން ނުއަގުގައި ވިއްކާލަން ވިސްނަނީތަ؟

Loading

Facebook
Twitter
WhatsApp

ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައިގާ އެންމެފަހުން ޔޫކްރެއިނުން ހުޅަނގަށް ބަރޯސާވެވެން ނެތްކަމާއި އަދި ބައިޑަން އެޑްމިނިސްޓްރޭޝަނުން ޔޫކްރެއިނަކަށް މާބޮޑު ޝަވްގުވެރިކަމެއް ނެތްކަންވެސް ގަބޫލުކުރަން ޖެހިއްޖެއެވެ. 

މީގެ ސަބަބުން ޔޫކްރެއިންގެ ސިޔާސީ ވެށީގައި ކުރިއަށް އޮތް އިންތިޚާބުގައި މިހާރުގެ ރައީސް ޒެލެންސްކީ އަށް ތާއީދު ނުކުރުމުގެ ބަހުސްތައްވެސް އާންމު ވެއްޖެއެވެ.                              

އެންމެފަހުން  ޔޫކްރެއިނުން އެމެރިކާއާއެކު ބޭއްވި މަޝްވަރާތަކުގައިވެސް އެމެރިކާގެ ވާހަކަތައް ބޮޑަށް އަމާޒުކޮށްފާ އޮތްކަމަށް މީޑިއާތުގައި ބުނެފައިވަނީ ޔުކްރެއިނުން ރަޝިޔާއަށް ދޫކޮށްލާނީ ކޮންކޮން ތަންތަނެއްތޯ ކަނޑައެޅުމުގެ މައްޗަށެވެ. އިޓަލީގެ ބޮޑުވަޒީރުވެސް ވިދާޅުވެފައިވަނީ އިޓަލީންވެސް ބަލަމުން މިގެންދަނީ ޔޫކްރެއިނުން ނެއްޓިގަނެވޭނެގޮތެއް ހޯދުމަށްކަމަށެވެ.                                           

ހުޅަނގުން ދައްކަމުން ގެންދާ އުޒުރަކީ ކަލޭމެންނަށް މިވަރަށް އެހީތެރިވަމުންގެންދާއިރުވެސް ނެރެވޭ ނަތީޖާއެއް ނެތްކަމެވެ. ޔުކްރެއިނުން ބުނަނީ ރަޝިޔާގެ ދިފާއީ ސަފުތައް ރޫޅާލުމަށްޓަކައި އެފް-16 ގެ މަތިންދާ ބޯޓާއި ޓޭންކާއި ދުރު ރާސްތާ މިސައިލަށް އެދިގެން އުޅޭތާ މިއޮއްހުރިހާ ދުވަސްވީއިރު އެކައްޗެއްވެސް ނުލިބޭ ކަމަށާއި އެންމެ ފުރަތަމަ އެފް-16 ގެ މަތިންދާ ބޯޓުވެސް ތިޔަ ދޭންބުނަނީ މިއަންނަ އަހަރުގައި ކަމަށެވެ. އަދި ދެންހުރި ބޯޓުތައް 2025 ގައި ފޯރުކޮށްދޭނެ ކަމަށެވެ.

ރައީސް ޒެލެންސްކީއަށް ދިރުވާލުން އެންމެ އުދނގޫ ވެގެން އުޅެނީ ޔޫކްރެއިންގެ ބައެއް ރަޝިޔާއަށް ދީގެންނަމަވެސް ރަޝިޔާއާއެކު ސުލްހަވުމަށް ހުޅަނގުގެ ބައެއް ގައުމުތަކުން ބާރު އަޅަމުން ގެންދިއުމެވެ. ޔޫކްރެއިން ސިފައިންގެ އެންމެ އިސް ކޮމާންޑަރުންނަށްވެސް ޔޫރަޕްގެ މި ވިސްނުން ވަރަށް ރަނގަޅަށް ފަހުމް ކުރެވިއްޖެއެވެ.                                             

ޔޫކްރެއިނުން މިހާރު ގަބޫލުކުރަން ޖެހިފައިވާ ގޮތުގައި ހަނގުރާމައެއްގައި ހުޅަނގުގެ ގައުމުތަކަށް އިތުބާރު ކުރުމަކީ އިބިލީހަށް އިތުބާރު ކުރުމާ އެއްފަދަ ކަމެކެވެ. 

ހުރިހާ ރީތި ކުލަތަކެއް ދައްކާފާ އެންމެ ފަހުވަގުތު ނުބައިގޮތަކަށް ބޯދަމާގަންނާނީއެވެ. ޔޫކްރެއިނަށް މިފިލާވަޅު ރަނގަޅަށް ދަސްވީ އިސްރާއީލާއި ފަލަސްތީނުގެ ހަނގުރާމައިންނެވެ. ގައްޒާއަށް އެންމެ ބޮމެއް ވައްޓާލާހިސާބުން ހުޅަނގުގެ ހުރިހާ ތާއީދެއްގެ މިސްރާބު ބަދަލުވެގެން ދާނެކަން އިސްރާއީލުގެ ސިފައިންގެ އިސް ކޮމާންޑަރުންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. 

ކަންތައް ހިނގާ ދިޔައީވެސް ހަމަ އެގޮތަށެވެ. މިހާރު މުޅި ހުޅަނގުންވެސް ގޮވަމުން އެ ގެންދަނީ ހަނގުރާމަ ހުއްޓާލުމަށްފަހު ސުލަހައިގެ މޭޒުދަށަށް އައުމަށެވެ.ނަތަންޔާހޫ އަށްވެސް ހެނދޭނެ އެހެން ގޮތެއް ނޯންނާނެއެވެ.                    

އިސްރާއީލުން ހުޅަނގުގެ ގައުމުތަކަށް އިތުބާރުކުރަން ވިސްނަމުން ގެންދާނަމަ ޔޫކްރެއިނަށް އެ ހަދާލިގޮތުން ފިލާވަޅު ލިބިގަތުން ބުއްދިވެރިއެވެ. ކުރުކޮށް ބުނާނަމަ ހުޅަނގުގެ މުޅިވިސްނުމަކީ ނުއަގުގައި ރަޝިޔާއަށް ޔޫކްރެއިން ވިއްކާލުމެވެ. ޔޫކްރެއިންގެ ހަނގުރާމައަކީ އެ ގައުމުގެ ސަލާމަތާއިސްތިގްލާލަށްޓަކައި ކުރަމުންގެންދާ ހަނގުރާމައެކޭ އަހަމެރެމެންމިތިބީ ޔޫކްރެއިނާ އެކުގައޭ ގޮވަމުންދިޔަ ހުޅަނގުގެ ލީޑަރުންގެ ދޫތައް ތަޅުލެވިއްޖެ ކަހަލައެވެ.

ރައީސް ޒެލެންސްކީ މިހާރުވެސް ބުނަމުން އެ ގެންދަނީ މޯސްކޯއާއި އެކު ސުލްހައިގެ މޭޒުދޮށުގައި އިށީންދެ މޯސްކޯއިން ކަނޑައަޅާ ސަރަޙައްދެއް ރަޝިޔާއަށް ދީގެން ސުލްޙަވެރި ވުމަކީ އަހަރެން ކުރާނެކަމެއް ނޫނެވެ. އެކަމަކު ރައީސް ޒެލެންސްކީވެސް ގަބޫލުކުރަން މަޖުބޫރުވެފާއޮތް ޙަގީގަތަކީ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން މިހާރު އެތިބީ ޔޫކްރެއިނަށް އެހީ ފޯރުކޮށްދެމުންގޮސް ވަރުބަލިވެފައެވެ. 

ޒެލެންސްކީއަކަށް ދެން ކުރެވޭނެ ކަމެއް ނެތެވެ. އިޚްތިޔާރު ކުރެވެން އޮތީ ހަމަ އެކަނި އެމެރިކާއާއި ހުޅަނގުން ދައްކާ ރާސްތާއެކެވެ. އިސްރާއިލަށްވެސް އޮތީ ހަމަ މިގޮތެވެ. ސިޔާސީގޮތުން ތައްޔާރު ވުމަށްޓަކައި ދެން އޮތް ވަގުތު ކޮޅުގެ ބޭނުން ހިފުން ނޫންގޮތެއް ޒެލެންސްކީއަކަށް އަދި ނަތަންޔާހޫ އަކަށްވެސް ނޯންނާނެއެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް