ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ރެސްޓްރާނެއްގައި ފަރީއްކުޅުއްވަން އިންނަވަނިކޮށް މުޒާހަރާކުރަމުން ދިޔައަ އެތައްހާސް ބަޔަކު އެމަނިކުފާނުގެ ފަރީއކުޅުވުން ހުއްޓުވައިފިއެވެ.
އެމީހުން ބޮޑުވަޒީރު ޓްރޫޑޯ އަށް ދަންނަވަމުން ގެންދެވިކަމަށް މީޑިޔާގައި ބުނެފައިވަނީ ކެނެޑާގެވެސް ރުހުމާއިއެކު ފަލަސްތީނުގެ އެތައް ބަޔަކު އިސްރާއީލުގެ ސިފައިންގެ ޙަމަލާތަކުގައި މަރަމުން ގެންދާއިރު ހަމަޖެހިލައިގެން ފަރީއްކުޅުއްވަން ތިޔަ އިންނަވަނީ މަނިކުފާނުގެ ހިތަށް އެއްވެސް އަސަރެއް ނުކުރާކަން ދައްކަންހެއްޔެވެ؟
އިޙްތިޖާޖު ކުރަމުން ދިޔަ މީހުންތައް ހަމަޔަކަށް އެޅުވުމަށްޓަކައި ސަތޭކައަށްވުރެން ގިނަ ފުލުހުންގެ އޮފިސަރުންތަކެއް ޓްރޫޑޯ ވޭންކުއަރ ގައި އިންނެވި ރެސްޓޯރެންޓަށް ފޮނުވިފައިވާކަން މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެނެއެވެ.
ކެނެޑާގެ ހުރިހާ ކަންކޮޅު ތަކަކަށް ފެތުރިފައިވާ އެ ވީޑިއީގައި ފަލަސްތީނަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ބޮޑުވަޒީރު ޓްރޫޑޯއަށް ދަންނަވަމުންގެންދަވަނީ އިސްރާއީލުއާއި ފަލަސްތީނުގެެ ހަނގުރާމަ މިހާރުން މިހާރަށް ހުއްޓުވާލަން ބާރު އަޅުއްވާ ދެއްވުމަށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އިހްތިޖާޖު ކުރިމީހުންގެ ސަބަބުން ބޮޑުވަޒީރު ޓްރޫޑޯއަށް އެއްވެސް ވަރެއްގެ އަނިޔާއެއް ނުވަތަ އުނދަގުލެއް ލިބިވަޑައެއް ނުގަންނަވައެވެ. އެހެންނަމަވެސް ސަތޭކަވަރަކަށް ފުލުހުން އައިސް ޗައިނާ ޓައުންގައި ހުންނަ އެ ރެސްޓޯރެންޓުން އެމަނިކުފާނު ނެރެގެން ގެސްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
އިހްތިޖާޖު ކުރަމުންދިޔަމީހުން ޓްރޫޑޯއަށް ދަންނަވަމުން ގެންދިޔަކަމަށްވަނީ “ ގަތުލު އާންމަކަށް ފައިސާ ޚަރަދުކުރަން މަނިކުފާނު ލަދު ނުގަންނަނީހޭ … އަތްޕުޅުގައި ހޭކިފައި އެހުރި އެއްވެސް ކުށެއްނެތް އިންސާނުން ތަކެއްގެ ލޭ ފެނިވަޑައި ނުގަންނަވަނީހޭ… މިބާވަތުގެ ގޮވުންތަކެވެ.
ފުލުހުންގެ އޮފިސަރަކަށް ކުރިމަތިލީ މީހަކާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނުކަމަށް ޚަބަރުތައް ބުނެއެވެ.
ހަނގުރާމަ ހުއްޓުވަން މަސައްކަތް ކުރަން ކެނެޑާ ސަރުކާރުގެ މިސްރާބު ބަދަލުކުރުމަށްޓަކައި މި އެއްވުމުގައި ބައިވެރިވި މީހުންނަށް ކެނެޑާގެ އާންމު ރައްޔިތުންގެ ތައުރީފް އިންޓަރނެޓްގެ ވަސީލަތްތަކާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން އޮއްސަމުން ގެންދާކަމަށްވެސް ޚަބަރުތައް ބުނެއެވެ.
ކެނެޑާގެ ރައްޔިތުންގެ މެދުގައި ބޮޑުވަޒީރު ޓްރޫޑޯގެ މަގްބޫލުކަން މިހާރުވަނީ ވަރަށްބޮޑަށް ވެއްޓިފައެވެ.
ދެން އޮންނަ އިންތިޚާބެއްގެ ކުރިން އޭނާގެ އިސްތިއުފާއަށް ގޮވުންވެސް އޮތީ ގައުމުގައި އާންމު ވެފައެވެ. އޭނާގެ މަގްބޫލުކަން ދަށަށް ދިއުމުގައި ވަރަށް ގިނަ ދާޚިލީ ސަބަބުތައްވެސް ހުރިކަމަށް އެންމެ ފަހުންނެގި ޕޮޕިއުލަރިޓީ ދެނެގަތުމުގެ ވޯޓުގައި ފާހަގަ ކުރެވިފައިވެއެވެ.
ދިރިއުޅުމުގެ އަގުތައް މައްޗަށް ދިއުމާއި ގެދޮރުގެ ދަތިކަމާއި ސިއްޙީ ޚިދުމަތް އަތްނުފޯރާ ހިސާބަށް އަރައިގެން ދިއުން މިސަބަބު ތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ފަލަސްތީން އާއި އިސްރާއީލުގެ ހަނގުރާމައިގާ ޓްރޫޑޯގެ ސިޔާސަތަށް ގިނަ ރައްޔިތުން ތިބީ ފޫހިވެފައެވެ. ނަތީޖާއެއްގެ ގޮތުން އިދިކޮޅު ކޮންޒަވޭޓިވް ލީޑަރ ޕިއޭރ ޕޮލިއެވޯރގެ މަގްބޫލުކަން މިހާރު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
ފަލަސްތީން އާއި އިސްރާއީލުގެ ހަނގުރާމައިގާ ބޮޑުވަޒީރު ޓްރޫޑޯ މިހާތަނަށް ފާޅުކޮށްފައިވާ އޭނާގެ ޝުއޫރުތަކުގެ ސަބަބުން ހަނގުރާމަ ހުއްޓާލަން ގޮވާލުމުގައި ދޫ އޮޅޭގޮތް މިހާރުވަނީ ދިމާވެފައެވެ.
ރައްޔިތުން ރުއްސުމަށްޓަކައި ހަނގުރާމަ ހުއްޓަން ބާރު އަޅަންވެސް ބޭނުމެވެ. އެކަމަކު ކުރިން ފާޅުކޮށްފައިހުރި ޝުއޫރު ތަކުގެ ސަބަބުން އާގަންނަގޮތް ވަނީކަމަށް ބުނެފައިވެއެވެ.