ފަލަސްތީނުގެ މުޖާހިދުންގެ ގުރޫޕުތަކަށް އެހީތެރިވެދޭ ބޭރުގެ ގައުމުތަކަށް ދަތިކުރުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް ކަނޑައަޅައި އެމެރިކާއިން އެކަން އިއުލާނުކުރި ނަމަވެސް، އެކަން ބަލައެއް ނުގަންނާނެކަމަށް މެލޭޝިއާއިން ބުނެފިއެވެ.
ހަމާސް އިންޓަރނޭޝަނަލް ފައިނޭންސިންގް ޕްރިވެންޝަން އެކްޓްގެ ނަމުގައި އެމެރިކާގެ ހައުސް އޮފް ރިޕްރެޒެންޓެޓިވްސް އިން ނިމިދިޔަ ހަފުތާގައި ބިލެއް ފާސްކޮށްފައިވާއިރު، ސެނެޓުން އެބިލަށް ވޯޓުލުމަށް ގެންދަނީ ތައްޔާރުވަމުންނެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވީ އެ ގައުމުގެ ސަރުކާރުން މި ބިލަށް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި، އޭގެ ސަބަބުން މެލޭޝިއާއަށް އަސަރު ކުރާނީ މެލޭޝިއާއިން އެފަދަ ގުރޫޕަކަށް އެހީވާކަން ސާބިތުވާފަދަ ހެއްކެއް ދެއްކިގެން ކަމަށެވެ. އަދި މެލޭޝިއާއާއި ދެކޮޅަށް ފިޔަވަޅެއް އަޅާނަމަ، އެމެރިކާ ކުންފުނިތަކަށް މެލޭޝިއާގެ ކުންފުނިތަކަށް އިންވެސްޓުކުރުމުގެ ފުރުސަތު ވެސް ގެއްލޭނެކަމަށް އޭނާ ވިދާޅުވިއެވެ.
މުސްލިމް ބޮޑު އާބާދީއެއް އޮންނަ މެލޭޝިއާއިން ފަލަސްތީނަށް ތާއީދުކޮށް ފާޅުގައި އަންނަނީ ބަސްބުނަމުންނެވެ. އަދި މެލޭޝިއާއަކީ އިސްރާއީލާއެކު ޑިޕްލޮމެޓިކް ގުޅުން ބާއްވާ ގައުމެއް ނޫނެވެ.
ހަމާސްގެ އިސްވެރިން މީގެކުރިން މެލޭޝިއާއަށް ދަތުރުކޮށް މެލޭޝިއާގެ ނަންހިފޭ ވެރިންނާއި ބައްދަލުކޮށްފައިވާއިރު، މެލޭޝިއާއިން ވަނީ ހަމާސްއިން އިސްރާއީލަށް ދިން ހަމަލާ ކުއްވެރިކުރުމަށް ހުޅަނގުން ގޮވައިލި ގޮވައިލުމަށް ވެސް ދެކޮޅު ހަދާފައެވެ. ފަލަސްތީނު މައްސަލާގައި މެލޭޝިއާގެ ނިންމުމާމެދު އެމެރިކާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.