އިޒްރޭލުގެ ޕާސްޕޯޓް ''ބޭން'' ކޮށް, އެ މީހުންގެ މުދާ އެތެރެކުރުން މަނާކުރުމުގެ ގާނޫނެއް ހަދަން ހުށަހެޅުމެއް

Loading

Facebook
Twitter
WhatsApp

އިޒްރޭލުގެ ޕާސްޕޯޓް “ބޭން“ ކޮށް އެ މީހުންގެ މުދާ ރާއްޖެ އެތެރެކުރުން މަނާކުރުމުގެ ގާނޫނެއް އެކުލަވައިލުމަށް ކުޅުދުށްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު ޢަބްދުއްލަޠީފް ހުށަހަޅުއްވައިފިއެވެ.

ފަލަސްޠީން މައްސަލާގައި ވިލިނގިލި ދާއިރާގެ މެމްބަރު ސަޢުދު ޙުސައިން ހުށަހެޅުއްވި ގަރާރަށް ބުދަ ދުވަހުގެ ޖަލްސާގައި ބަހުސްކުރައްވަމުން ޔާސިރު ވިދާޅުވީ މިހާ ހިސާބަށް އައިއިރުގައި މި މައްސަލައިގެ ބޮޑުކަމާއި, މުހިންމުކާއި, މިކަމަށް ވަކާލާތު ކުރުމުގެ މުހިންމު ކަމަކީ އޮޅިފައި އޮންނާނޭ ކަމެއް ނޫން ކަމަށެވެ. އަދި އިޒްރޭލުން ފަލަސްޠީނާ ދެކޮޅަށް ހަމަލާ ދޭ ކޮންމެ ފަހަރެއްގައި މަޖިލީހުގައި ވެސް އެކަމާގުޅޭ ބަހުސްތައް ކުރެވި, ގަރާރުތައް ހުށަހެޅި, އެކިއެކި މަސައްކަތްތައް ކުރެވޭ ކަމަށާއި ކުރެވިފައިހުރި މަސައްކަތްތަކަކީ ކުށްވެރިކުރުމާއި, ކަންތައްތައް ހުއްޓާލުމަށް ގޮވާލުން ކަމަށް ޔާސިރު ވިދާޅުވިއެވެ.

ޔާސިރު ވިދާޅުވީ މިއީ ދީނީ މައްސަލައަކަށްވުރެ މާ ބޮޑު މައްސަލައެއް ކަމަށާއި މިިއީ އިންސާނިއްޔަތުގެ މައްސަލައެއް ކަމަށެވެ. އަދި މިއީ މިއަދު ދުނިޔޭގައި ހިނގަމުންދާ އެންމެ ބޮޑު އެތްނިކް ކްލީންސިން ކަމަށް ޔާސިރު ވިދާޅުވިއެވެ.

ފަލަސްޠީން މައްސަލާގައި ރާއްޖެއިން ވަކާލާތު ކުރާތާ ވަރަށް ދުވަސްވެއްޖެކަން ފާހަގަކުރައްވަމުން ޔާސިރު ވަނީ ދެން ކުރެވެން އޮތީ ކޮންކަމެއްތޯ އެބަ ބަލަންޖެހޭ ކަމަށެވެ.

“ބައެއް މެންބަރުން ފާހަަގަކުރައްވާ އިޒްރާއީލުގެ ޕާސްޕޯޓް ބޭން ކުރުން އެއީ އެއް ކަމަކަށް. އިޒްރާއީލުން އެތެރެކުރާ މުދާ ރާއްޖެއަށް ހުއްޓުވާލުން ދެވަނަ ކަމަކަށް . މިއީ ވެސް އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއްތޯ މިއަދު އަޅުގަނޑުމެން ބަލައި ބަހުސްކުރަން އެބަޖެހޭ ކަމުގައި އަޅުގަނޑު ދަންނަވަން. ހަމައެއާއެކީގައި މިވަގުތު ވެސް އަޅުގަނޑުމެންނަށް ކުރެވިދާނެ ަކަމެއް އެބައޮތް. އެއީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެއްކޮށް  ަާގަރާރަކުން މިކަން ކުރުމުގެ ބަދަލުގައި ތަންކޮޅެއް ސޮލިޑް  މަސައްކަތެއް މިކަމުގައި ކުރުމަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިއަދު ބޭނުންތެރި ކަމެއް.“

އެގޮތުން ދިވެހި ސަރުކާރުގެ އެއްވެސް އޮފިޝަލަކު އިޒްރާއީލުގެ ސަރުކާރުގެ އެއްވެސް އޮފިޝަލަކާއެއްވެސް ކަހަލަ ަނެގޯސިއޭޝަނެއް ގެންދިއުމަކީ މަނާ ކަމެއްގެ ގޮތުގައި ކަނޑައެޅިދާނެ ކަމަށް ޔާސިރު ވިދާޅުވިއެވެ. ހަމައެއާއެކީގައި މި ގައުމުން އިޒްރާއީލުގެ އެންޓިޓީސްއާ އެކީގައި ކުރަމުން އަންނަ ވިޔަފާރިތައް ހުއްޓާލުމަކީ މިހާރުން މިހާރަށް ވެސް ކުރެވިދާނެ ކަމެއް ކަމަށް ޔާސިރު ވިދާޅުވިއެވެ.

“އެއީ އަޅުގަނޑުމެންނަށް ލާޒިމު ކުރެވިދާނެ ކަމެއް. ހަމައެއާއެކީގައި އިޒްރާއީލް ޕްރޮމޯޓް ކުރުން, ދިވެހީންގެ ގޮތުގައި ތިބެ އިޒްރާއީލް ޕްރޮމޯޓް ކުރުން މިއީ އަޅުގަނޑުމެންނަށް މަނާކުރެވިދާނެ ކަމެއްގެ ގޮތުގައި މިހާރު ވެސް އަޅުގަނޑަށް ފެނޭ. ހިނގާށޭ އަޅުގަނޑުމެން އެހެން ސްޓެޕަކަށް ދާން. އަޅު ގަނޑުމެންގެ ގާނޫނެއްގެ ސިފައިގައި އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް ތަންފީޒު ކުރަން އަދި ތައާރާފު ކުރަން. އެއީ އަޅުގަނޑުގެ އެދުމަކީ.“

އިޒްރޭލަށް ދަތިކުރުމަށް ފިޔަވަޅު އަޅަން ގޮވާލައްވައި މެންބަރު ސަޢުދު ޙުސައިން ހުށަހެޅުއްވި ގަރާރަށް މެންބަރުން ވަނީ ތާއީދުކުރައްވައިފައެވެ.

މި ގަރާރުގައި ވަނީ އިޒްރޭލުން ފަލަސްޠީނަށް ދެމުންގެންދާ ނުރައްކާތެރި އުދުވާނީ ހަމަލާތައް ކުށްވެރިކޮށް އެ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވައިފައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނަށް އިޒްރޭލުން ދެމުންގެންދާ ލާއިންސާނީ އަޔާތައް ކުށްވެރިކޮށް އެ އަނިޔާތައް ހުއްޓާލުމަށް ވެސް ވަނީ ގޮވާލައްވައިފައެވެ.

ގަރާރުގައި ވަނީ އިޒްރޭލުގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާ ކުރުމަށާއި އިޒްރޭލުގައި އުފައްދާ އަދި އެ ގައުމަށް އެކްސްޕޯޓުކުރާ ހުރިހާ ބާވަތެއް ރާއްޖެއަށް އެތެރެކުރުން މަނާ ކުރުމަށާއި އިޒްރޭލާއި ރާއްޖެއާ ދެމެދު އެއްވެސް ގުޅުމެއް އުފެދިފައިވާނަމަ އެފަދަ އެންމެހާ ގުޅުންތައް ވަގުތުން ސަސްޕެންޑް ކުރުމަށް ވެސް ގޮވާލައްވައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް